ރިޕޯޓް

ރަނުގެ ފުރުސަތު: "ދިވެހިންގެ މަލިކު ދިވެހިންނަށް"

މަލިކުގެ ވާހަކަ ދައްކާއިރަށް ދިވެހިންގެ "ހިތް ތެޅިފަ" އެވެ. ސަބަބުތައް ގިނަ އެވެ. އެއް ސަބަބަކީ މަލިކާ ދިވެހިންނާ ގުޅި ލާމެހިފައިވާލެއް ބޮޑު ކަމެވެ. ނަމަވެސް، މަލިކު ބަލައިލަން ދާން މަސައްކަތް ކުރި ދިވެހިންނަށް ކުރިން ގިނަ "ހުރަސް ތަކެއް" ކުރިމަތިވި އެވެ. އެހެންނަމަވެސް އެ ކަންތައްތައް ނެތިގޮސް "ދިވެހިންގެ މަލިކު ދިވެހިންނަށް" ދާން ރަނުގެ ފުރުސަތެއް ލިބިފަ އެވެ.

"މި ފުރުސަތު ހުޅުވާލީ މަލިކު ޓްރެވަލް އެޖެންސީއަކާ ގުޅިގެން. އެހެން މިހާރު ވަރަށް ފަސޭހައިން ކޮންމެ ދިވެއްސަކަށް ވެސް މަލިކަށް ދެވޭނެ،" ދިވެހި ކުންފުންޏެއް ކަމަށްވާ އަންޑަ ވޯޓަަ ޓްރެވަލްސް އެންޑް ޓުއާ އާއި މަލިކް ޓުއާސް ގުޅިގެން ވިއްކާ ޕެކޭޖުގެ މައުލޫމާތު ދެއްވަމުން އަންނަ ވޯޓާ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިމްތިޔާޒު ވިދާޅުވި އެވެ.

މަލިކަށް ދާން ހަދާނީ ކިހިނެއް؟

މަލިކަށް ދާން ބޭންވާ ދިވެހިންނަށް އަންޑަ ވޯޓާ ޓްރެވަލްސް އިން ހުރިހާކަމެއް ފުރިހަމަ ކޮށްދޭނެ އެވެ. ނަމަވެސް މަލިކްއަކީ އިންޑިޔާގެ ރަށަކަށްވުމުން، އެ ރަށަށް އަރަން "ހާއްސަ ހުއްދައެއް" ބޭނުން ވާނެ އެވެ. އެކަމަށް އައިޑީ ކާޑުގެ ކޮޕީއަކާއި ޕާސްޕޯޓުގެ ކޮޕީއެއް އަންޑަ ވޯޓާ ޓްރެވަލްސްއާ ހަވާލު ކުރުމުގެ ފުދެ އެވެ.

އިމްތިޔާޒު ވިދާޅުވި ގޮތުގައި އައިޑީ ކޮޕީ އާއި ޕާސްޕޯޓް ނިއު ދިއްލިއަށް ފޮނުވުމުން ހުއްދަ ލިބެ އެވެ.

"އައިޑީ ކާޑާއި ޕާސްޕޯޓް ފޮނުވަނީ ވެރިފިކޭޝަން ހަދަން. ވެރިފިކޭޝަންއަކީ މަލިކަށް އެރުމުގެ ހުއްދަ. އިންޑިޔާ ބޭފުޅުންނަށް ވެސް މަލިކަށް އެރެނީ އެ ހުއްދަ ނަގައިގެން. މި ހުއްދަ އިރާދަކުރެއްވިއްޔާ ހަތަރު ދުވަހުން ލިބޭނެ،" އިމްތިޔާޒު ވިދާޅުވި އެވެ.

މި ދަތުރު ރޭވިގެން އައިސްފައިވަނީ އިންޑިޔާ ޓޫރިޒަމް ބޯޑާވެސް ހުޅިގެންނެވެ. އެހެންވެ މަލިކަން ދާން ރާއްޖޭން ދަތުރުކުރާ މީހުން އިންޑިޔާ އަށް ދާން ޖެހެނީ އެމީހަކު އަމިއްލަ އަށެވެ. ނަމަވެސް އިންޑިޔާގެ ކޮޗިން އާ ހަމައިން އެ މީހަކަށް އަންޑަ ވޯޓާ ޓްރެވަލްސްއިން ހަވާލުވާނެ އެވެ. މަލިކަށް ދާން ޖެހެނީ ފެރީއެއްގަ އެވެ. މަލިކަށް ދިއުމުގެ އިންތިޒާމު މަލިކު ޓްރެވަލް އިން ހަމަޖައްސައިދެ އެވެ. މި ކަމުގައި އެންމެ އިސްކޮށް އުޅެނީ ދިވެހި ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ މުހައްމަދު އިސްމާއިލް ( އެންމެން ދަންނަ، މަލިކު މުހައްމަދު) އެވެ. މި ޕެކޭޖުގެ މައުލޫމާތު "އަންޑަ ވޯޓާ ޓްރެވަލް ފޭސްބުކުން" ދަނީ ދެމުންނެވެ.

"މިހާރު އަޅުގަނޑުމެން މި ޕްރޮމޯޓް ކުރަނީ 10 ދުވަހުގެ ދަތުރެއް. ޑިސެމްބަރުން ޖެނުއަރީގައި ހުރެދާނެ ތިނެއް ނޫނީ ހަތަރު ދުވަހުގެ ދަތުރުތަކެއް. މި ވަގުތު މަލިކުގައި ހުރީ އެންމެ ހޮޓަލެއް. ސަރުކާރުން ހިންގާ 20 ކޮޓަރީގެ ހޮޓަލެއް. ހަތަރު ތަރީގެ ތަނެއް،" އިމްތިޔާޒު ވިދާޅުވި އެވެ.

މަލިކު ފެރީގައި: ދިވެހިންނަށް ހާއްސަ

ކޮޗިން އިން މަލިކަށް ކުރާ ފެރީ ދަތުރަކީ 12 ގަޑިއިރުގެ ދަތުރެކެވެ. މި ޕެކޭޖުގެ ދަށުން ދަތުރުކުރާ ދިވެހިންނަށް ހާއްސަ އެއާކޯން ކޮމްޕާޓްމަންޓެއް ފެރީގައި ހަމަޖައްސައިދެ އެވެ. މި ޕެކޭޖުގެ އަގަކީ މީހަކަށް 700 ޑޮލަރު (ގާތްގަނޑަކަށް 10،790ރ) އެވެ.

"ދެރޭ މަލިކުގައި އިންނަ ޕެކޭޖު ނެގުމުން ހަ ރެއަށް އިތުރުވާނެ. އެ ވާގޮތަކީ ކޮޗިން އަށް ދާއިރު މަލިކު ފެރީ ގަޑިއާ ދިމާ ނުވަނީ. އެހެންވެ ދާ ދުވަހު ޖެހޭނީ ކޮޗިންގައި މަޑުކުރަން. ކުރިން ވިސްނިން މާލެ- ކޮޗިން ޓިކެޓު ހިމަނައިގެން ޕެކެޖު ވިއްކަން. ނަމަވެސް ބައެއް ބޭފުޅުން ބޭނުންވަނީ ޓްރިވެންޑްރަމްގައި މަޑުކޮށްލާފަ ދާން. ދެން ޑައިރެކްޓް މި އިންނަނީ ސްޕައިސް ޖެޓް. މި ފްލައިޓް ބައެއް މީހުންނަށް ކަމު ނުދަނީ،" އިމްތިޔާޒު ވިދާޅުވި އެވެ.

"ފެރީގައި ވެސް ޕްރިމިއަމް ކެބިންއެއް ހުންނާނެ ހަތަރު ބޭފުޅުންގެ. ކޮޗިން އެއާޕޯޓުން ފެށިގެން މަލިކުގެ ތަންތަން ދައްކައިލުން ވެސް މި ޕެކޭޖުގައި ހިމެނޭނެ. މި ޕެކޭޖުގައި ހޮޓަލުގައި ހަ ރޭ ތިބުމާއި އާސާރީ ތަންތަން ބަލައިލަން ދިއުމާއި ރަށުތެރެ ބަލައިލަން ދިއުން ވެސް ހިމެނޭނެ. މީގެ އިތުރުން މަލިކުގެ މަސްވެރިކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ،" އިމްތިޔާޒު ވިދާޅުވި އެވެ.

"ދިވެހިންގެ ބޮޑު ތަރުހީބެއް"

އިމްތިޔާޒު ވިދާޅުވި ގޮތުގައި މަލިކަށް ދާން ދިވެހިންނަށް ހުޅުވިގެން ދިޔަ މި ފުރުސަތުގެ ސަބަބުން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.

"ވަރަށް ތަރުހީބު ބޮޑު. ނަމަވެސް ދެރަ ކަމަކީ ހުރިހާ ބޭފުޅުން ވެސް ބޭނުންވަނީ ބޮޑު ބަންދުގައި ދަތުރުކުރަން. އެހެންވާނީ ވެސް. އެހެންވެ އަޅުގަނޑު ހީވަނީ އިރާދުކުރެއްވިއްޔާ ވަރަށް ރަނގަޅު ވާނެހެން. މަހެއްގައި މި ލިބެނީ ހަތަރު ދަތުރު. ދަތުރެއްގައި މި ދެވެނީ 20 މީހުންނަށް. އެއީ މި ވަގުތު ކޯޓާ ލިބިފައިވަނީ 20 މީހުންގެ،" އިމްތިޔާޒު ވިދާޅުވި އެވެ.

"މުޅި މަލިކުގައި ހުންނަނީ އެންމެ ހޮޓަލެއް. އެ ބޭފުޅުން އަދި މި ޓޫރިޒަމް ތައާރަފު ކުރަނީ. އަޅުގަނޑުމެން އެބަ ބަލަން މަލިކު މީހުން ވެސް މާލެ ގެނެސް ވެސް ރާއްޖެ ދައްކާލެވޭތޯ!،" އިމްތިޔާޒު ވިދާޅުވި އެވެ.

ކޮންމެއަކަސް އަންޑަ ވޯޓާ ޓްރެވަލްސް އިން މިވަނީ ދިވެހިންނަށް މަލިކަށް ދިއުމުގެ މަގު ތަނަވަސްކޮށްދީފަ އެވެ. ދިވެހިންގެ މަލިކު، ދިވެހިންނަށް ބަލައިލުމުގެ ފުރުސަތު ދީފަ އެވެ.