އެޗްއާރްސީއެމް

އެޗްއާރުސީއެމްގެ މުވައްޒަފުން ޝަކުވާތައް ބަންޑުންކޮށްލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މަސައްކަތްތައް ބޮއްސުންލައި ކޮމިޝަންގެ އިދާރާގެ މާހައުލުގައި ފުރައްސާރުން އިންތިހާއަށް ގޮސްފައިވާ ކަމަށް ބުނެ އެ ކޮމިޝަންގެ ގިނަ މުވައްޒަފުންތަކެއް ހިމެނޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށާއި އޭސީސީއަށް ޝަކުވާގެ ސިޓީއެއް ފޮނުވައިފި އެވެ.

އެޗްއާރުސީއެމްގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން އެ ސިޓީ ފޮނުވުމުގައި ބައިވެރިވެފައި ވެއެވެ.

ޕެޓިޝަނަކަށްވާ ގޮތަށް އޮތް އެ ޝަކުވާތަކުގައި އެ ކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރި މެމްބަރުންނާއި ސެކެޓްރީ ޖެނެރަލަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައި ވެއެވެ. އަދި އެ މުވައްޒަފުން އެދިފައި ވަނީ އެ ތުހުމަތުތައް ބަލައި ރަނގަޅަށް ވަޒީފާ އަދާކޮށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމް ކޮށްދޭށެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ އައިމިނަތު ޝިފާތު އަބްދުއް ރައްޒާގާއި މުއުމިނާ ވަހީދުގެ އިތުރުން ޑރ. އަހުމަދު އަދުހަމް އަބްދުﷲ އަދި މަރިޔަމް މުނާ އެވެ. އެ ހަތަރު މެމްބަރުން ވެސް އައްޔަނުކޮށްފައި ވަނީ މި ސަރުކާރު އައި ފަހުންނެވެ. މުވައްޒަފުންގެ ޝަކުވާތަކުގައި ވެސް ބުނަނީ އެ ކޮމިޝަން މަސައްކަތްތައް ބޮއްސުންލައިގެން ދިޔައީ އެ މެމްބަރުންތައް އައްޔަނުކުރި ފަހުން ކަަމަށެވެ.

އެޗްއާރްސީއެމްގެ މުވައްޒަފުން ރައީސް ސޯލިހަށް ފޮނުވި ސިޓީގެ ކޮޕީއެއް އަވަސް އަށް ލިބިފައި ވެއެވެ. އެ ސިޓީގައި 84 ނުކުތާއެއް ފާހަގަކޮށްފައި ވެއެވެ. އެ ޝަކުވާތަކަށް ބަލާއިރު އެޗްއާރުސީއެމްގެ މުވައްޒަފުންނާ ވެރިންނާ މާބޮޑު ގުޅުމެއް ނެތެވެ.

އެ މުވައްޒަފުންގެ ޝަކުވާތަކުގެ ތެރޭގައި އެޗްއާރްސީއެމްގެ މެމްބަރުން މުވައްޒަފުންނަށް މަލާމާތްކޮށް ވަށްބަހުން މުހާތަބު ކުރުމާއި އެހެން މީހުންގެ ކުރިމަތީގައި އެއްޗެތި ކިޔުމާއި ކޮމިޝަނުގެ ގާނޫނާ ހިލާފަށް އެ ކޮމިޝަންގެ މުވައްޒަފުން ނޫން ފަރާތްތަކާއެކު ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ލަފާ ހޯދާ ކަމަށް ތުހުމަތު ކުރެ އެވެ.

އަދި އެޗްއާރުސީއެމްގެ މެމްބަރުން ވޯކިން މީޓިންތަކުގައި ބައިވެރި ނުވުމާއި އެކަމަށް އިންކާރު ކުރުން ހިމެނޭ އިރު އެ މީޓިންތަކުގެ މަސައްކަތްތަަކަށް މަލާމާތްކުރާ ކަމަށާއި މިދިޔަ ހަފުތާ ބާއްވަން އޮތް އަހަރީ މީޓިންއެއްގައި ބައިވެރިވާން ދެކޮޅު ހަދައި ކޮމިޝަންގެ މީޓިން ރޫމްގައި މެމްބަރުންނާއި ސެކެޓްރީ ޖެނެރަލް ތަޅުލައި އަމިއްލަ މީޓިންއެއް ބާއްވައިފައިވާ ކަމަށް ވެސް ސިޓީގައި ވެއެވެ.

ކޮމިޝަންގެ މެމްބަރު ޝިފާތުގެ ނަން ވަކިން ފާހަގަ ކޮށް އޭނާ ހާޒިރީއަށް ފަރުވާކުޑަ ކަަމަށް ވެސް ބުނެފައި ވެއެވެ. އަދި އޮފީސް މާހައުލުގައި މެމްބަރުންގެ ސަކަރާތް ޖެހުން ބޮޑުވެ ބައެއް މީޓިންތައް ނުފެށި ލަސްވެ ދިގު ދެމިގެން ގޮސް ދެތިން ދުވަސް ވެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެޗްއާރުސީއެމްގެ މެމްބަރުންގެ ގާބިލިިއްޔަތާމެދު ވެސް މުވައްޒަފުން ސުވާލު އުފައްދާފައި ވެއެވެ. މުވައްޒަފުންގެ ކަންބޮޑުވުމަކީ މެމްބަރުން އެ ކޮމިޝަންގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކަށް އަހުލުވެރި ނުވުމެވެ.

މެމްބަރުންގެ އިތުރުން ދެން މުވައްޒަފުންގެ ޝަކުވާ އެންމެ ބޮޑަށް ރައްދުވަނީ އެޗްއާރުސީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޔާމީން އިބްރާހިމަށެވެ. މުވައްޒަފުން ބުނެފައި ވަނީ އެކި ކަަންކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމުން ޔާމީންގެ ފަރާތުން ތުރާތަކާ ކުރިމަތިވާއިރު އެއްވެސް ބަދަލެއް ނުފެންނަ ކަމަށެވެ.

ޔާމީނަކީ މިނިވަން އެޗްއާރްސީމްގެ އެސްޖީ އެެވެ. އަދި އޭނާއަކީ ދައުލަތުގެ މިނިވަން އެހެން ކައުންސިލެއް ކަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރެއް ވެސް މެއެވެ.

މުވައްޒަފުންގެ ޝަކުވާގެ ސިޓީގައި ބުނެފައިވާ ގޮތުގައި ޔާމީން އެ ކައުންސިލްގައި އިންނަވައި މީޑިއާއާ ގުޅޭގޮތުން އެޗްއާރުސީއެމްއަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ބައްދަލުވުންތަކުގައިވެސް ބައިވެރިވެ ވަޑައިގަންވަ އެވެ.

މުވައްޒަފުންގެ އެ ސިޓީގައި ޔާމީންއާ ގުޅޭ އިތުރު ޝަކުވާތައް ވެސް ހިމެނެ އެވެ. އޭނާގެ ބަހެއް ހޯދަން ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.