ލައިފްސްޓައިލް

ޓިއުމަރެއް ނަގަން ޑޮކްޓަރަކު ކުރި މަސައްކަތް

ޑރ. ހާނީ އަލް ޖުހާނީއަކީ ސައޫދީ އަރަބިޔާގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ކޮންސަލްޓަންޓް ނިއުރޯ ސާޖަން އެކެވެ. އޭނާ ދާދިފަހުން ކުރެއްވި ވަރަށް އާދަޔާޚިލާފު ތަޖުރިބާއެއް ގަލްފުގެ ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި ހިއްސާ ކުރައްވާފައި ވެއެވެ.

މާތްﷲ ގެ ކުޅަދުންވަންތަކަމުން ފުރާނަ ސަލާމަތްވީ އަފްޣާނިސްތާނު އަންހެނެއްގެ ވާހަކަ އެވެ. އަންހެންމީހާގެ ސިކުނޑީގެ ވަރަށް އުނދަގޫ ހިސާބެއްގައި ވަރަށް ބޮޑު ޓިއުމަރެއް އިނުމުން އެ ޓިއުމަރު ނަގަން އެއްވެސް ޑޮކްޓަރަކަށް އޮޕަރޭޝަން ކޮށްދޭން ނުކެރި އެމީހާގެ ހާލު ސީރިއަސް ވަމުން ދިޔަ އެވެ.

ސައޫދީ ނޫހަކުން ބުނި ގޮތުގައި އަންހެންމީހާ އަކީ ކީރިތި ގުރްއާން ހިތުދަސް މީހެކެވެ. ޑރ. ޖުހާނީ ވިދާޅުވީ މަދީނާގައި އޭނާ ދިރިއުޅުއްވާގެ މަރާމާތުކުރުމުގެ މަސައްކަތެއްގައި އެއް ދުވަހަކު އޭނާ އުޅުއްވަނިކޮށް އެ މަސައްކަތަށް އައިސް ހުރި އަފްޣާނިސްތާނު މީހަކު ޑޮކްޓަރު ކައިރީގައި އޭނާގެ ބޮޑުދައިތަ އެއްގެ ސިކުނޑީގައި ޓިއުމަރެއް އިނދެ އެ ނުނެގިގެން އުޅޭ ވާހަކައެއް ބުންޏެވެ.

"އަހަރެން ވަގުތުން ބުނިން އޭނާގެ މެޑިކަލް ރިޕޯޓުތައް އަހަންނަށް ގެނެސް ދޭށޭ. އަންހެންމީހާގެ ދަރިފުޅު ވަރަށް އަވަހަށް އެ ރިޕޯޓުތައް ހިފައިގެން އައި. އަހަރެން ރިޕޯޓުތައް ބެލިއިރު ކެންސަރު ޖެހިފައިވާ ބޮޑު ޓިއުމަރެއް އިނީ އެ އަންހެންމީހާގެ ސިކުނޑީގެ ވަރަށް ނާޒުކު ހިސާބެއްގައި. އެއީ އިންސާނާގެ ހަރަކާތްތައް ކޮންޓްރޯލް ކުރާ ހިސާބު. މިއީ އެހާ ފަސޭހައިން ކުރެވޭ ކަހަލަ އޮޕަރޭޝަނެއް ނޫން،" ޑރ. ޖުހާނީ ވިދާޅުވި އެވެ.

ނަމަވެސް ކޮންމެ ގޮތަކުން ވެސް އަންހެންމީހާގެ ސާޖަރީ ހެދޭތޯ މަސައްކަތް ކޮށްދޭން ޑރ. ޖުހާނީ ނިންމެވި އެވެ. އެ ސާޖަރީ ހަދާ އޮޕަރޭޓިން ރޫމްގައި ވަރަށް މުހިއްމު ޚާއްސަ ޑިވައިސް ތަކެއް ވެސް ހުންނަން ޖެހޭތީ އެ ތަކެތި ހޯދާ އެކަމަށް އެ ރޫމް ތައްޔާރު ކުރި އެވެ.

މި އަންހެންމީހާގެ ސާޖަރީ ހަދައިގެން ޑރ. ޖުހާނީގެ ތައްޔާރީތަކަށް ތިން މަސް ދުވަސް ނެގި އެވެ. އެކަމަށް ޚާއްސަ ޓޫލްސްތަކާއި ޑިވައިސްތައް ހޯދުމަށެވެ. އެގޮތުން ނިއުރޯނެވިގޭޝަން ޑިވައިސް އާއި ނާވް ސްޓިމިއުލޭޝަން ޑިވައިސް ހޯދައި އޭނާ މަސައްކަތްކުރައްވާ ޕްރައިވެޓް ހޮސްޕިޓަލުގެ އޮޕަރޭޓިން ރޫމް ތައްޔާރު ކުރި އެވެ. އަދި ޚާއްސަ މެޑިކަލް ޓީމެއް ވެސް މި ސާޖަރީއަށް ޚާއްސަ ކުރި އެވެ.

"ޙަމްދުހުރީ ﷲ އަށް. މީގެ ހަތަރު ދުވަސް ކުރިން އަހަރެން އެ ސާޖަރީ ހަދައިދީފިން. އަންހެންމީހާގެ ބޮލުގެ ނާށިގަނޑު އެއްކޮށް ނަގާފަ ޓިއުމަރު ނަގަން މަސައްކަތް ފެށީ. ސާޖަރީ ހަދަމުން ދިޔައިރުވެސް އަހަރެންގެ ހިތަށް އަރަމުންދިޔަ އެ ސިކުނޑީއެއްގެ ސެލްތަކުގައި ކީރިތި ޤުރްއާން ރައްކާކުރެވިފައިވާ ސެލް ތަކަކަށް ﷲ ސުބްހާނަހޫ ވަތަޢާލާ ރައްކާތެރިކަން ދެއްވާ ސަލާމަތް ކޮށްދެއްވާނޭ،" ޑޮކްޓަރު ވިދާޅުވި އެވެ.

"ޙަމްދުހުރީ ﷲ އަށް. މި އޮޕަރޭޝަނަކީ އެހާ އުނދަގޫ އަދި ގެއްލުމެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑު އޮޕަރޭޝަނެއް ނަމަވެސް ވަރަށް ކާމިޔާބުކަމާއެކު މި އޮޕަރޭޝަންކޮށް ޓިއުމަރު އެއްކޮށް ނެގުނު. މި އަންހެންމީހާގެ ސާޖަރީ ފައިސާގެ ދީލަތި އެހީވެދީ އޭނާގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަން،" ޑޮކްޓަރު ވިދާޅުވި އެވެ.