ސައޫދީ އަރަބިޔާގެ ވިޔަފާރިވެރިއަކު އޭނާގެ ތިން ދަރިން ގޮވައިގެން ކޯޓަށް ދާން ނިންމައިފި އެވެ. ނޫހަކަށް އިންޓަވިއު ދެމުން އެމީހާ ބުނީ އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި ޗެރިޓީއަށް ހަދިޔާ ކުރަން ނިންމުމާ ގުޅިގެން އޭނާގެ ތިން ފިރިހެން ދަރިން ވަރަށް ރުޅި އައިސްގެން އުޅޭ ކަމަށެވެ. އަދި މުދާ ޗެރިޓީއަށް ދިނަ ނުދިނުމަށް އޭނާ ގޮވައިގެން ކޯޓަށް ދާނެ ކަމަށް ދަރިން އިންޒާރުދެމުންދާ ކަމަށެވެ.
އަލް ވަތަން ނޫހަށް ދިން އިންޓަވިއުގައި ވިޔަފާރިވެރިޔާ ބުނީ އޭނާގެ އެ ހިޔާލު ދޫކޮށްލާށޭ ބުނެ ދަރިން ބިރު ދައްކަމުންދާ ކަމަށެވެ. އަދި އޭގެ ދެ އަހަރު ކުރިން އޭނާއަށް ދިމާވި ޓްރެފިކް އެކްސިޑެންޓަކަށް ފަހު އޭނާގެ ހަނދާން ނެތުމުގެ މައްސަލަތައް ހުންނަ ކަމަށާއި ފައިސާއަށް ހަދާނެގޮތް ނިންމޭ ވަރަށް އޭނާ ނަފްސާނީ ގޮތުން ދުޅަހެޔޮ ނޫން ކަމަށް ދަރިން ބުނާ ކަމަށެވެ.
ވިޔަފާރިވެރިޔާ ބުނި ގޮތުގައި އެކްސިޑެންޓަށް ފަހު އޭނާއަށް ސިއްހީ މައްސަލަތަކެއް ދިމާވެފައި ވެއެވެ. އަދި އޭނާގެ އަލްޒައިމާ (ހަނދާން ނެތޭ ބަލި) ހުރިކަމަށް އޭނާގެ ދަރިން ބުނެ އެވެ.
ވިޔަފާރިވެރިޔާގެ ލީގަލް އެޑްވައިޒާ ސާލިހް އަބްދުއްސަލާމް ބުނި ގޮތުގައި މައިންބަފައިންނާ ދެކޮޅަށް ދަރިން ކޯޓުގައި ޖައްސާ މިފަދަ ގިނަ މައްސަލަތަކުގެ އަޑީގައި އޮންނަނީ އެމީހުންގެ މުދަލާއި ފައިސާއަށް ދަރިންގެ ހިތުގައި އޮންނަ ދަހިވެތިކަމެވެ. އެހެންވެ މިފަދަ ކޭސްތަކުގައި މަންމަ ނުވަތަ ބައްޕަގެ ސިއްހީ ހާލަތު ބަޔާން ކޮށް ދޭ މެޑިކަލް ރިޕޯޓެއް ސަރުކާރުގެ ހޮސްޕިޓަލަކުން ހޯދަން ޖެހެ އެވެ. މި ގޮތަށް ޑޮކްޓަރު ދޭ ރިޕޯޓުގައި އެމީހެއްގެ ކިބައިގައި އަމިއްލައަށް ކަންކަން ނިންމުމުގެ ގާބިލްކަން ނުހުންނަ ވަރަށް އޭނާ ބަލިކަމަށް ސާބިތުވެއްޖެނަމަ އޭނާގެ މުދަލާ މެދު ގޮތެއް ނިންމުމުގެ ބާރު ދަރިންނަށް ލިބޭ ކަމަށް ލީގަލް އެޑްވައިޒަރު ބުންޏެވެ.
އެމީހާއަކީ އަމިއްލައަށް ނިންމުންތައް ނިންމޭ ވަރުގެ ސިއްހަތެއް ހުރި މީހެއް ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައި ލިޔެފައިވާނަމަ ދަރިންނަށް އޭނާގެ މުދަލާ މެދު ބަސް ކިއުމުގެ ބާރެއް ޝަރީއަތަކުން ނުލިބެއެވެ.
"މި ވިޔަފާރިވެރިޔާގެ ތިން ދަރިންގެ ދަހިވަތިކަމުން އެމީހުން އުޅެނީ އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި ޗެރިޓީއަށް ދިނަ ނުދޭންވެގެން. ނަމަވެސް އެއީ އެމީހުންނަށް ލިބިގެންވާ ބާރެއް ނޫން. އެމީހުން އެކަން ކުރަން ދީން ހުއްދައެއް ނޫން. އަދި އެއީ އެމީހުން އަމިއްލައަށް ނިންމުން އަމިއްލަ ޒަމީރު ވެސް ގަބޫލުކުރާނެ ކަމެއް ނޫން،" ލީގަލް އެޑްވައިޒަރު ބުންޏެވެ.