ދުނިޔެ

އެންމެ ބާރުގަދަ 10 އަސްކަރިއްޔާ: އެންމެ ބާރުގަދަ ގައުމަކީ އެމެރިކާތަ؟

Jan 13, 2015

ދެގައުމެއްގެ އަސްކަރީ ގާބިލުކަން ހަގީގަތުގައި އަޅާކިޔާލެވޭނީ އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމައެއް ކޮއްގެންނެވެ. ކުޑަ ހަމަ ނުޖެހުމަކުން ވެސް ނޫނެވެ. ހަމަ ވަރުގަދަ ހަނގުރާމައަކުންނެވެ. ނަސީބަކުން، ދެވަނަ ބޮޑު ހަނގުރަމައިގެ ފަހުން ދުނިޔޭގެ އަސްކަރީ ބާރުތަކުގެ "ވޯލްޑް ކަޕެއް" އަދި ބޭއްވިފައެއް ނުވެއެވެ.

އަސްކަރީ ބާރުވެރިކަން އިތުރު ކުރުމަށް ގައުމުތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ސިއްރުވެރިކަން ބޮޑެވެ. އެހެންނަމަވެސް، އަސްކަރިއްޔާގައި ސިފައިން ތިބި މިންވަރާއި، ހަމަލާ ދިނުމުގެ ގާބިލު ކަމާއި، ނިއުކްލިއާ ހަތިޔާރު ހުރި މިންވަރާއި ގައުމުގެ އަސްކަރީ ބަޖެޓަކީ ގައުމެއްގެ އަސްކަރީ ބާރުވެރިކަން ދައްކައިދޭ މުހިންމު މިންގަނޑުތަކެވެ. ގިނަ އެހެން މައިދާން ތަކެކޭ އެއްގޮތަށް، އަސްކަރީ މައިދާނުގައިވެސް ބާރާއި ނުފޫޒަކީ ފައިސާއެވެ.

ހަނގުރާމައާއި އަނިޔަވެރިކަމާއި ކަތިލުމުގެ ހަބަރުތައް ގިނަވެފައިވާ މި ދުވަސްވަރު، މިވަގުތު ދުނިޔެގައި އޮތް އެންމެ ބާރުގަދަ 10 އަސްކަރިއްޔާއަށް ބަލާލަމާ ހިނގާށެވެ.

ދުނިޔޭގެ އަސްކަރީ ސުޕަޕަވަރަކަށް ވުމާ ދިމާލަށް ޗައިނާއިން މިސްރާބު ހިފާފައިވާއިރު، އޭޝިޔާގެ އެހެނިހެން ވާދަވެރިންވެސް މިވަނީ އަސްކަރީ ބަޖެޓު ބޮޑުކުރަން ފަށާފައެވެ. މިގޮތުން ޖަޕާން ފާހަގަކޮއްލެވެއެވެ. އެގައުމުގައި ތިން ލައްކައެއްހާ ސިފައިން އެބަ ތިއްބެވެ. ފަންސާސް ބިލިއަނެއްހާ ޑޮލަރުގެ އަސްކަރީ ބަޖެޓަކާއެކު 1500 އެއްހާ އަސްކަރީ މަތިންދާ ބޯޓާއި 130 މަނަވަރު އެގައުމުގައި އޮވެއެވެ. އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ޖަޕާނަށް އޮތް އެންމެ ބޮޑު ހުރަހަކީ އެގައުމުގެ ގާނޫނު އަސާސީއެވެ. އެގައުމުގެ ގާނޫނު އަސާސީ ބުނާގޮތުން ޖަޕާނުގެ އަސްކަރިއްޔާގެ ދައުރަކީ އަމަން ބެލެހެއްޓުމެވެ. ގައުމުތަކަށް ހަމަލާދީ ސުންނާފަތި ކުރުމެއް ނޫނެވެ. އެހެންނަމަވެސް ގާނޫނުގެ މި އަސާސަށް ބަދަލު ގެނައުމުގެ ވިސްނުން ޖަޕާނުގެ ސިޔާސީ ފަރާތްތަކުގެ މެދުގައި މިއަދު އެބައޮތެވެ.

ޖަޕާނެކޭ އެއްގޮތަށް ޗައިނާގެ އަސްކަރީ ބާރުވެރިކަމަށް ދެކުނު ކޮރެއާ ވެސް އޮތީ ސަމާލުވެގެންނެވެ. ޖަޕާނާއި އުތުރުކޮރެއާ އަކީ ވެސް ދެކުނު ކުރެއާ ސިއްސުވާލުމުގެ ގާބިލްކަން ލިބިފައިވާ ގައުމުތަކެވެ. ތިން މިލިއަން މީހުންގެ ރިޒާވް ފޯހަކާއެކު ދެކުނުކޮރެއާގައި ހަތް ލައްކައެއްހާ ސިފައިން އެބަތިއްބެވެ.

ޓޭންކާއި ރޮކެޓު ހަމަލާދޭ ސިސްޓަމްތައް ހިމެނޭގޮތަށް 15 ހާހެއްހާ އެއްގަމު އުޅަނދު ޖަޕާނުގައި ހުރިއިރު، 1400 އެއްހާ އަސްކަރީ މަތިންދާބޯޓު އެގައުމުގެ އެއާފޯސްގައި އޮވެއެވެ. މިއީ ދުޝްމަން އުތުރު ކޮރެއާގެ ކޯޅުމަކަށް ރައްދު ދިނުމަށް އެކަށޭނެ މިންވަރެއް ކަމަށް ބެލެވެއެވެ. ދެކުނުކޮރެއާގެ އަސްކަރިއްޔާގެ އެންމެ ބަލިކަށި ދިމާލަކީ ކަނޑުގެ ސިފައިންނެވެ. މިދިޔަ އަހަރު އެގައުމުން ކަނޑައެޅި 34 ބިލިއަން ޑޮލަރުގެ އަސްކަރީ ބަޖެޓުން ނޭވީ ވަރުގަދަ ކުރާނެކަމަށް ބެލެވެއެވެ.

އެމެރިކާއާއި ދެކުނު ކޮރެއާގެ ގާތް އަސްކަރީ ގުޅުމުގެ ސަބަބުން ދެކުނުކޮރެއާގެ އަސްކަރިއްޔާގެ ހައިބަތު ވާދަވެރިން ޖެހިލުންވާހާ ބޮޑެވެ.

ވޭތުވެދިޔަ އަހަރު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ތުރުކީގެ އަސްކަރީ ބަޖެޓް 9.4 އިންސައްތަ އިތުރެވެ. ވޭތުވެ ދިޔައަހަރު ތުރުކީގެ އަސްކަރީ ބަޖެޓު 18 ބިލިއަން ޑޮލަރަށް ވުރެ ބޮޑެވެ. މިއީ އަވައްޓެރި ސީރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުންނާއި، ވަކިވެ ގަތުމަށް މަސައްކަތްކުރާ ކުރުދީންނާ އެކު ކުރަން ޖެހިދާނެ ހަނގުރާމައަކަށް ތުރުކީން ވާ ތައްޔާރީ ކަމަށް ބެލެވެއެވެ.

ހަ ލައްކަ ސިފައިންނާއި 16 ހާސް އެއްގަމު އުޅަނދާއި އެއްހާސް މަތިންދާބޯޓު ތުރުކީގެ އަސްކަރިއްޔާގައި އޮވެއެވެ. އަދަދުގެ ގޮތުން ބަލާއިރު މިއައްވުރެ ގިނަ ހަތިޔާރާއި ސިފައިން ތިބި ގައުމުތަކަށްވުރެ އަސްކަރީ ލިސްޓުގެ ކުރި ތުރުކީއިން ހޯދަނީ މިދިޔަ އަހަރު އެގައުމުން ފާސްކުރި އަސްކަރީ ބަޖެޓުގެ ބޮޑުކަމުންނާއި، އެމެރިކާ އަދި ޔޫރަޕުގެ ބޮޑެތި އަސްކަރީ ބާރުތަކާއެކު ތުރުކީއިން ބާއްވާ ގާތް ގުޅުމުގެ ސަބަބުންނެވެ. ތުރުކީއަކީ ހުޅަނގުގެ އަސްކަރީ ހަރަކާތްތަކަށް އެއްބާރުލުންދޭ ނޭޓޯގެ ގައުމެކެވެ. މިގޮތުން އަފްގާނިސްތާނުގައި ހިންގި އަސްކަރީ ހަރަކާތްތަކުގައި އޮތް ތުރުކީގެ ބައިވެރިވުމާއި، ތުރުކީގެ ބިމުން އެމެރިކާއަށް ދީފައިވާ މިސައިލް ލޯންޗުކުރާ ސައިޓުތައް ފާހަގަކުރެވެއެވެ.

ދުނިޔޭގެ އަސްކަރީ ތާރީހުގެ ވާހަކަ ދައްކާނަމަ އެޑޮލްފް ހިޓްލަރާއި ޖަރުމަނުގެ ވާހަކަ ނައިހެއް ނުދާނެއެވެ. ޖަރުމަނަކީ އެގައުމެއްގެ އަސްކަރިއްޔާގެ އަމަލުތަކުން އަމިއްލަ ތާރީހު ލޭން ކަޅިވެފައިވާ ގައުމެކޭވެސް ދެންނެވިދާނެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ކުރިމަތިވި ނަކާމިޔާބާއެކު ޖަރުމަނުގެ އާންމުންގެ މެދުގައި ހަނގުރާމައާ ދެކޮޅުހެދުމުގެ ރޫހެއް އުފެދިގެން ދިޔައެވެ. އަދި އަސްކަރިއްޔާގެ ފޯކަސް މައިގަނޑުގޮތެއްގައި އޮތީ ދިފާއާއި ދިމާލަށް ހުއްޓިފައެވެ. އެހެންނަމަވެސް މިއަދު ޖަރުމަނު އަނެއްކަވެސް މިސްރާބުޖަހާފައިވަނީ ބައިނަލް އަގްވާމީ ގޮތުން އެމީހުންގެ އަސްކަރީ ދައުރު ފުޅާކުރުމާއި ދިމާލަށެވެ. އެއްލައްކަ އައްޑިހަ ހާސް ސިފައިންނާއި، އެއްލައްކަ ސާޅީސް ހާސް ރިޒާވް ސިފައިންނާއި، 700 އެއްހާ މަތިންދާ ބޯޓާއި 5000 އެއްހާ އެއްގަމު އުޅަނދު ހުރި ޖަރުމަނުގެ އަސްކަރިއްޔާގެ މި އަދަދު ތަކަކީ ވާދަވެރިންނާ އަޅާބަލާއިރު މާ ބޮޑެތި އަދަދު ތަކެއް ނޫނެވެ.

އެކަމަކު އެމީހުންގެ 45 ބިލިއަން ޑޮލަރުގެ އަސްކަރީ ބަޖެޓަކީ ޖަރުމަނުގެ ހަގީގީ ސައިޒު މާގިނަ ދުވަހެއް ނުވެ ފެންނާނެ ކަމުގެ ނިޝާނެކެވެ.

ގައުމުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް އަހަރަކު 40 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ހަރަދުކުރާ ފަރަންސޭސީންނަކީ ނިއުކްލިއަރ ބާރެކެވެ. 290 ނިއުކްލިއަރ ހަތިޔާރު ފްރާންސްގައި ހުރިއިރު، ނިއުކްލިއަރ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އީޔޫ އާއި ނޭޓޯގެ މި ގަދަފަދަ މެންބަރު މިހާރުވެސް ހޭދަ ކުރެއެވެ. ފަސްލައްކައެއްހާ ސިފައިން ތިބި ފްރާންސަކީ ބަރު ހަތިޔާރާ އަސްކަރީ އުޅަނދުތަކުގެ އަދަދަށް ބަލާއިރު އެހާ ވަރުގަދަ ގައުމެއް ކަމަށް ނުފެނުނަސް، އަސްކަރިއްޔާއަށް ކުރާ ހޭދައާއި، ބާރުގަދަ އެކުވެރިންގެ ގިނަކަމުން އެކަނި ހަނގުރާމައަކަށް ނުކުންނަން ފްރާންސަށް ޖެހިދާނެކަމަކަށް ނުބެލެވެއެވެ. އެހެނިހެން އެކުވެރި ގައުމުތަކާއެކު މިހާރުވެސް ފަރަންސޭސި ސިފައިން ސެންޓްރަލް އެފްރިކަން ރިޕަބްލިކާއި، ޗާޑާއި، މާލީ އަދި ސެނެގޯލް ފަދަ ގައުމު ތަކުގައި އަސްކަރީ ހަރަކާތްތައް ހިންގައެވެ.

 

އިނގިރޭސީންގެ އެންމެ ފަހުގެ އަސްކަރީ ބަޖެޓަކީ 54 ބިލިއަން ޑޮލަރެވެ. އެގައުމުން ބުނާގޮތުގައި 2010 ކާއި 2018 އާއި ދެމެދު އަސްކަރީ ފައުޖުން 20 އިންސަތަ މަދު ކުރާނެއެވެ. އެކަމަކު އެ ގައުމުގެ އާރާއިބާރު އެންމެ ތަންފުކެއްވެސް ކުޑަވާނެކަމަށް ބަލާނެ ޖާގައެއް ނެތެވެ. މަތިންދާބޯޓު އުފުލާ 4.5 އޭކަރުގެ މަނަވަރު 2020 ގައި ކަނޑަށް ބޭލުމަށް އެގައުމުގެ ރޯޔަލް ނެވީ ތައްޔާރުވަމުންދާއިރު މި ބިޔަ މަނަވަރަށް ނަން ދީފައި ކުއީން އެލިޒަބަތުގެ ނަމުންނެވެ.

މި މަނަވަރު ވެގެންދާނީ އިނގިރޭސީންގެ އެންމެ ބޮޑު، ހަނގުރާމަ މަތީ އުޅަނދަށެވެ. އަދި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު، މި މަނަވަރު ވެގެންދާނީ ވަރަށް ބޮޑަށް ކޮމްޕިއުޓަރައިޒް ކުރެވިފައިވާ ހަނގުރާމައިގެ ކިއްލާއަކަށެވެ. ދުޝްމަނުންނަށް ބިރުވެރި ހަބަރެކެވެ. 160 ނިއުކްލިއަރ ހަތިޔާރުގެ ވެރި އިނގިރޭސީންގެ ބާރު ގަދަވާ އަނެއް ސަބަބަކީ އެމެރިކާ ފަދަ ބާރުހުރި އެކުވެރިންނެވެ.

އަވައްޓެރި އިންޑިޔާ މި ގަދަފަދަ ލިސްޓުގެ ހަތަރުވަނަ ހޯދަނީ އެންމެ ގިނައިން ހަތިޔާރު އެތެރެކުރާ ގައުމުގެ ލަގަބާވެސް އެކުގައެވެ. ރިޒާވް ޓްރޫޕް ތަކާއިއެކު އެގައުމުގެ ސަފައިންގެ އަދަދު 3.5 މިލިއަނާ ގާތްކުރެއެވެ. އެއްގަމުގައި ދުއްވާ ހަނގުރާމަމަތީ 16 ހާސް އުޅަނދާއި 1700 އަށްވުރެ ގިނަ ހަނގުރަމަމަތީ މަތިންދާ ބޯޓާއެކު އިންޑިއާއަކީ ނިއުކްލިއަރ ބާރެއްވެސް މެއެވެ. 46 ބިލިއަން ޑޮލަރުގެ ބަޖެޓަކާއެކު އަސްކަރިއްޔާ ޒަމާނީ ކުރުމުގެ މަސައްކަތް އެގައުމުން ދަނީ ކުރަމުންނެވެ.

އިންޑިއާގެ އަސްކަރިއްޔާ، މާޒީގައި ބައްޓަންވަމުން އައިސްފައިވަނީ ޕާކިސްތާނާއި ޗައިނާއަށް ގޮންޖަހާލުމުގެ ރޫހެއްގައެވެ. ޕާކިސްތާނުގެ ކޮންމެ ހިސާބަކަށްވެސް ހަމަލާ ދެވޭ ވަރުގެ ބެލިސްޓިކް މިސައިލް އިންޑިއާގައި އެބަހުއްޓެވެ. އަދި ޗައިނާގެ ބޮޑު ބަޔަކަށް ވެސް ބެލިސްޓިކް މިސައިލުން ހަމަލާ ދިނުމުގެ ގާބިލްކަން އަޅުގަނޑުމެންގެ ޒަމާންވީ އަވައްޓެރި އެކުވެރިޔާއަށް ލިބިފައި ވެއެވެ.

 

މި ލިސްޓުގެ ތިންވަނަ ޗައިނާއިން ހޯދަނީ 126 ބިލިއަން ޑޮލަރުގެ އަސްކަރީ ބަޖެޓަކާއެކުއެވެ. ރަސްމީ ހިސާބުތަކުން މިވަރު ދެއްކާއިރު، ހަގީގީ ހޭދަ މިއަށްވުރެ މަތި ވާނެ ކަމަށް ބެލެވެއެވެ. މިދިޔަ އަހަރު ވެސް ޗައިނާއިން ކުރި އަސްކަރީ ހޭދަ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12 އިންސައްތަ އިތުރެވެ. އާބަދީ ބޮޑު ޗައިނާގެ އަސްކަރީ ފައުޖު ރިޒާވް ފޯހާއެކު 4.5 މިލިއަނަށް ވުރެ ގިނައެވެ. މިއީ ދުނިޔޭގެ އެންމެ ސިފައިން ގިނަ ފައުޖެވެ. އެއްގަމުގައި ދުއްވާ 25 ހާސް އަސްކަރީ އުޅަނދާއި 2800 އަސްކަރީ މަތިންދާބޯޓު ޗައިނާގެ އަސްކަރިއްޔާގައި އޮވެއެވެ. ޗައިނާއަކީވެސް ނިއުކްލިއަރ ބާރެކެވެ. އެގައުމަށް ލިބިފައިވާ ނިއުކްލިއަރ ހަތިޔާރުގެ އަދަދު 300 އަށް އަރައެވެ. މީގެއިތުރުން ޗައިނާއަކީ އެހެން ގައުމުތަކުގެ އަސްކަރީ އީޖާދުތައް ކާމިޔާބުކަމާއެކު ވަގަށްނެގުމުގެ ތާރީހެއްވެސް އޮންނަ ގައުމެކެވެ.

ޔޫއެސްއެސްއާރު އުވިގެން ދިޔަތާ ވިއްސަކަށް އަހަރު ވެފައިވާއިރު، ރަޝިޔާގެ އަސްކަރީ ބާރު އަނެއްކާވެސް ދަނީ ހަލުވި ދުވެއްޔެއްގައި ގަދަވަމުންނެވެ. 2008 އާއި އަޅާބަލާއިރު މިހާރު އަހަރީ ބަޖެޓު ވަނީ ތިން ގުނަ އިތުރުވެފައެވެ. އަދި ކުރިއަށް އޮތް ތިން އަހަރު މި އަދަދު 44 އިންސައްތަ އިތުރުވާނެ ކަމަށް ބެލެވެއެވެ. މިހާރު ރަޝިޔާގެ ދިފާއީ ބަޖެޓަކީ 76 ބިލިއަނެއްހާ ޑޮލަރެވެ. ރިޒާވް ޓްރޫޕްތަކާއެކު ރަޝިޔާގެ ފައުޖުގައި 3 މިލިއަނަށްވުރެ ގިނަ ސިފައިން ތިބެއެވެ. ދުނިޔޭގެ އެންމެ ބޮޑު ޓޭންކް ފޯސް އޮންނަނީ ރަޝިޔާގައެވެ. ޓޭންކުގެ އަދަދަކީ 15،500 އެވެ. ރަޝިޔާއިން ޔޫކްރޭނާމެދު ގެންގުޅޭ އަސްކަރީ އުސޫލުތަކަށް ދުނިޔެގެ ފާޑުކިޔުންތަކާ ދަތިކުރުންތައް ކުރިމަތިވެފައިވީ ނަމަވެސް، ރަޝިޔާއިން އެ ކަންކަމަށް ދެނީ ބީރު ކަންފަތެކެވެ. މީގެން ދައްކުވައިދެނީ ރަޝިޔާއަށް އެމީހުންގެ އަސްކަރީ ގާބިލު ކަމާމެދު ފުރިހަމަ އިތުބާރު އެބައޮތް ކަމެވެ. އަދި ދުނިޔެ އޮތީ ރަޝިޔާއާ މެދު ހަރުކަށި ފިޔަވަޅެއް އަޅާވަރަށް ވުރެ ރަޝިޔާދެކެ ބިރުން ކަމެވެ. 8،500 ނިއުކްލިއަރ ވޯހެޑާއެކު ރަޝިޔާ އަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ބާރުވެސް މެއެވެ.

އެމެރިކާގެ އަސްކަރީ ގާބިލް ކަމުގެ ވާހަކަ ދައްކާ ކޮޅުން ނުލާނެއެވެ. އެގައުމު މިލިސްޓުގެ އެއްވަނަ ޖާގަ ކަށަވަރު ކުރަނީ 612 ބިލިއަން ޑޮލަރުގެ އަސްކަރީ ބަޖެޓަކާއެކުއެވެ. މި ލިސްޓުގައި ބާކީ ހުރި ހުރިހާ ގައުމުތަކެއްގެ ދިފާއީ އަދި އަސްކަރީ ބަޖެޓު އެއްކޮއްލުމުންވެސް އެމެރިކާއާ އަރާ ހަމަ ނުކުރެވެއެވެ. އެމެރިކާގައި މަތިންދާބޯޓު އުފުލާ 19 މަނަވަރު އޮތްއިރު، މި ލިސްޓުގައި ބާކީ ހުރި ހުރިހާ ގައުމުތަކެއްގެ މަނަވަރުތައް އެއްކޮއްލުމުން ވެސް ވަނީ 12 މަނަވަރެވެ. ޗައިނާ، ރަޝިޔާ އަދި އިންޑިއާ ފަދަ ގައުމުތަކުން ބާރުމިނެއްގައި އަސްކަރީ ކުރިއެރުންތައް ހޯދަމުންދާއިރު، އާރާއިބާރުގެ ރޭހުގެ ކުރީގައި އޮތުމަށް އެމެރިކާ ކުރަންޖެހިފައިވާ މަސައްކަތް ކުރިމަގުގައި ބޮޑުވެދާނެއެވެ.

އެމެރިކާގެ އަސްކަރިއްޔާގައި 2 މިލިއަނަށްވުރެ ގިނަ ސިފައިންނާ 7،500 ނިއުކްލިއަރ ވޯހެޑް އެބަހުއްޓެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ވައިގެ ފައުޖު ވެސް އޮތީ އެމެރިކާގައެވެ.

އަސްކަރީގޮތުން ބާރުގަދަ އެހެން ބައެއް ގައުމުތަކުގެ ތެރޭގައި ބްރެޒިލްއާއި އިޓަލީ އަދި އެތައްބައެއްގެ ނުރުހުން އެގައުމެއްގެ އަސްކަރީ ހަރަކާތްތަކަށް ލިބިފައިވާ އިޒްރޭލް ހިމެނެއެވެ. އަސްކަރީ ދުނިޔޭގައި ފާހަގަކޮއްލެވޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ ގައުމުތަކުންވެސް ޖެހިލުންވާ ދަރަޖައިގެ ހަނގުރާމަވެރި ގްރޫޕްތައްވެސް އުޅޭކަމެވެ. ބޮޑެތި ބަޖެޓުން ހިންގާ ގައުމުތަކުގެ އަސްކަރިއްޔާތައް ބައިއަތު ހިފައިގެން ވެސް މިފަދަ ޖަމާއަތްތަށް ކުޑަކަކޫ މައްޗައް ތިރިކޮއްލުމުގައި ދަތިވެފައިވާ ގްރޫޕުތައް މަދެއްނޫނެވެ.

މިފަދަ ބައެއް ގްރޫޕްތަކަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައިވެސް ހައުސްހޯލްޑް ނަންނަމެވެ. ނުރައްކާތެރި މިފަދަ ބައެއް ޖަމާއަތްތަކުގެ ތެރޭގައި އައިސިސް، އަލްގައިދާ، ކޮލަންބިއާގެ ފާރކް އަދި ނައިޖީރިއާގެ ބޮކޯ ހަރާމް ފަދަ ޖަމާއަތްތައް ފާހަގަކޮއްލެވެއެވެ.