އިނގިރޭސި ފުޓްބޯޅައިގައި މި ހަތަރު އަހަރު، މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުން ދެމެހެއްޓި ފެންވަރަށް ޗެލްސީގެ ޓީމަށް ދެވޭނެ ކަމަށް އެ ޓީމުގެ ކޯޗް ތޯމަސް ޓޫހުލް ބުނެފި އެވެ.
އެހެން ނަމަވެސް، ޓޫހުލްއަށް ލިބެން ނެތް ޔަގީން ކަމަކީ، ސިޓީ އާއި ލިވަޕޫލްގައި، ޖޯސެފް ގާޑިއޯލާ އާއި ޔާގަން ކްލޮޕްއަށް ދިން ވަގުތު ޗެލްސީގައި ލިބޭނެ ކަމެވެ. އެންޓޯނިއޯ ކޮންޓޭގެ ކޯޗް ކަމުގެ ދަށުން 2017 ވަނަ އަހަރު ޗެލްސީ ލީގް އުފުލާލި ފަހުން، ޗެލްސީ އޮންނަން ޖެހިފައި ވަނީ ސިޓީ އާއި ލިވަޕޫލަށް ވުރެ ފަހަތުގަ އެވެ.
ފްރޭންކް ލަމްޕާޑްގެ ބަދަލުގައި، ކޯޗް ކަމަށް ހަމަޖެއްސި ޓޫހުލްއަށް ޗެލްސީގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް ދީފައި ވަނީ 18 މަސްދުވަހުގެ އެއްބަސްވުމެކެވެ. އަންނަ ސީޒަންގެ ޕްރިމިއާ ލީގްގެ ތައްޓަށް ޗެލްސީއަށް ވާދަ ކުރެވޭނެ ކަމަށް ޓޫހުލް ގަބޫލު ކުރެ އެވެ. ހަމައެއާއެކު އަންނަ ސީޒަންގެ ލީގް ހޯދުމުގެ ރޭސް މިއަށްވުރެ ވާދަވެރި ވާނެ ކަމަށް ޓުހުލް ބުންޏެވެ.
ޗެލްސީ 2019 ގައި އޮތީ އެ އަހަރުގެ ލީގް ހޯދި ސިޓީއަށްވުރެ 26 ޕޮއިންޓް ފަހަތުގަ އެވެ. އަދި 2018 ވަނަ އަހަރު 30 ޕޮއިންޓް ފަހަތުގަ އެވެ. މިދިޔަ ސީޒަންގައި ޗެލްސީ އޮތީ ޗެމްޕިއަންކަން ހޯދި ލިވަޕޫލަށް ވުރެ 33 ޕޮއިންޓް ފަހަތުގަ އެވެ. ޓޫހުލް ގަބޫލު ކުރާ ގޮތުގައި ކުރިއަށް ތަނުގައި ސިޓީ އާއި ލިވަޕޫލަށް ވުރެ މައްޗަށް ޗެލްސީއަށް ދެވޭނެ އެވެ. މި ސީޒަންގައި އޭނާއަށް އޮތް ޓާގެޓަކީ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމެވެ.
"އަންނަ ސީޒަން އަހަރެމެން ފަށާނީ ސުން ޕޮއިންޓުން،" ޓޫހުލް ބުންޏެވެ. "ކުޅިވަރުގައި ސާބިތު ވެފއިވާ ކަމެއް އެއީ އާދަޔާހިލާފް ފިޔަވަޅެއް ކުރިއަށް އެޅި ދާނެކަން. އަހަރެމެންގެ ސްޓާފުންގެ ފެންވަރު މަތިކޮށް އަދި އެވަގުތަށް އަހަރެމެން ތަރައްގީ ވެއްޖެއްޔާ އެކަން ކުރެވޭނެ. މިވަގުތު އަހަރެމެން މި މަސައްކަތް ކުރަނީ ގަދަ ހަތަރަކަށް. އެއީ ވެސް ބޮޑު މަސައްކަތެއް އަދި އަންނަ އަހަރުން ފެށިގެން އަހަރެމެން ޗެލެންޖު ކުރާނަން ހުރިހާ ތައްޓަކަށް."
ލިވަޕޫލްގެ ކޯޗް ކަމުގައި ކްލޮޕް ހޭދަ ކުރަމުން ދަނީ ފަސް ވަނަ އަހަރެވެ. ގާޑިއޯލާ އާއެކު ސިޓީގެ ފުރަތަމަ ސީޒަން ނާކާމިޔާބު ވިނަމަވެސް އޭނާއަށް މަގާމުގައި ހުރުމުގެ ފުރުސަތު ސިޓީން ދިނެވެ. ޗެލްސީގައި ރޯމަން އަބްރޮމޮވިޗްގެ ދައުރުގައި ފަސް އަހަރު ވަންދެން އެއްވެސް ކޯޗަކަށް ދެމި ނުހުރެވުނެވެ.
ޓޫހުލް ބުނީ، ކްލޮޕް އާއި ގާޑިއޯލާއަށް، އެ ފުރުސަތު ލިބުނީ ހަދިޔާއެއްގެ ގޮތުން ނޫން ކަމަށެވެ. އެއީ އެ ދެކޯޗުން މަސައްކަތް ސާބިތު ކޮށްދިނުމުން ލިބުނު ފުރުސަތެއް ކަމަށެވެ. ޗެލްސީގައި އޭނާއަށް އެ މަސައްކަތް ސާބިތު ކޮށްދެވިއްޖެނަމަ އެ ފުރުސަތު ލިބޭނެ ކަމަށް ޓޫހުލް އުންމީދު ކުރެ އެވެ.