ދުނިޔެ

އިޒްރޭލުގައި އުފައްދާ ހަތިޔާރާއި ޖާސޫސީ އާލާތްތައް މިއަންމާގައި

އިޒްރޭލުގައި އުފައްދާ މިލިޓަރީ ވެހިކަލާއި ފާރަލާ ޑްރޯން އަދި ހެކިން އާލާތްތައް މިއަންމާގައި ބޭނުން ކުރަމުން އަންނަކަން އެނގިއްޖެ އެވެ. މިއީ މިއަންމާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކާ ޚިލާފަށް އިޒްރޭލުން ހިންގަމުން އަންނަ ވިޔަފާރި މުއާމަލާތެވެ.

މިއަންމާގެ އަސްކަރީ ވެރިކަމާ ދެކޮޅުހަދާ މީހުންނަށް ފާރަލައި އުޅޭނޫޅޭ ގޮތް ބެލުމަށްޓަކައި، އިޒްރޭލުން ފޯރުކޮށް ދިން ޖާސޫސީ އާލާތްތައް މިއަންމާގައި އަސްކަރިއްޔާއިން ބޭނުން ކުރަމުން އަންނަ ކަމަށް ނިއު ޔޯކް ޓައިމްސްއިން ވެސް ވަނީ ރިޕޯޓް ކޮށްފަ އެވެ.

ރޮހިންޔާ މުސްލިމުންގެ ދަރިފަސްކޮޅު ނައްތާލަން މިއަންމާއިން ހިންގާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން މިއަންމާއަށް ހަތިޔާރާއި ބާރުގަދަ ޓެކްނޮލޮޖީ ވިއްކުން ގައުމުތަކުން އޮންނަނީ ހުއްޓާލާފަ އެވެ. އިޒްރޭލުން ވެސް ވަނީ މިއަންމާއަށް ހަތިޔާރު ވިއްކުން ހުއްޓާލާފަ އެވެ. އެއީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުގައި އުފައްދާ ހަތިޔާރު ބޭނުން ކުރާކަން ދުނިޔެއަށް ފަޅާއެރުމާ ގުޅިގެންނެވެ.

މިއަންމާގައި ފެބްރުއަރީ އެކެއްގައި އަސްކަރިއްޔާއިން މަދަނީ ވެރިކަން ވައްޓާލުމާ ގުޅިގެން ހިންގަމުން އަންނަ ހަމަނުޖެހުންތަކުގައި އާންމުނާ ކުރިމަތިލުމަށް ސިފައިން ބޭނުންކުރާ މިލިޓަރީ ގްރޭޑް ވެހިކަލްތައް އުފައްދަނީ އިޒްރޭލްގައި ކަމަށް ބުނެވެ އެވެ. މިވެހިކަލްތައް މީގެ ކުރިން މިއަންމާއިން ނުފެނި މިހާރު ހިންގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ނެޕީޑޯގެ މަގުތަކުން ފެންނަނީ ކީއްވެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި މިއަންމާގެ ވެރިރަށް، މެޕީޑޯ މަގުތަކުން މިހާރު އެފެންނަ ވެހިކަލްތައް އުފައްދަނީ އިޒްރޭލުގެ ގާޔާ އޮޓޮމޯޓިވް އިންޑަސްޓްރީންނެވެ. މިކަމާ ގުޅިގެން ކުންފުނީގެ ވެރިންނާ ނިއު ޔޯކް ޓައިވްސްއިން ސުވާލުކުރުމުން ބުނީ އެކުންފުނީގެ ވެހިކަލެއް މިއަންމާގައި ބޭނުންކުރާތީ ފެނިފައިނުވާ ކަމަށާއި ބޭރުގައުމަކަށް މިލިޓަރީ ވެހިކަލެއް އެކްސްޕޯޓްކުރާ ނަމަ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ހުއްދަހޯދަން ޖެހޭ ކަމަށެވެ.

ނިއު ޔޯކް ޓައިމްސްއިން ބުނާ ގޮތުގައި މިއަންމާއިން ވަނީ އިޒްރޭލުގެ ހަތިޔާރު އުފައްދާ އެލްބިޓް ސިސްޓަމްސްއިން ޓެކްނޮލޮޖީ ގަނެފައި ކަމަށާއި އިޒްރޭލްގެ ޑިޖިޓަލް އިންޓެލިޖެންސް ކުންފުނި ސެލެބްރީޓްއިން ވެސް އެހީތެރިކަން ހޯދާފައިވާ ކަމަށެވެ.

މިއަންމާއާއެކު މިހާރު ވިޔަފާރި އެއްބަސްވުމެއް އޮންނަ ކަމަކަށް މިކުންފުނިތަކުން އެއްބަހެއް ނުވެ އެވެ. ބުނީ ކުރިން ވިޔަފާރިކުރި ނަމަވެސް މިހާރު އެކަހަލަ އެއްބަސްވުމެއް ނޯންނަ ކަމަށެވެ.