ދުނިޔެ

ފްރާންސްގެ ނޫހުން އަނެއްކާވެސް ރަސޫލާ އަށް ކާޓޫނު ކުރަހައިފި

ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައަކާ ގުޅިގެން ފްރާންސްގެ ސެޓްރިކަލް ހަފުތާ މަޖައްލާ، ޝާލީ އެބްދޫގެ އޮފީހަށް ހަމަލާދީ އެ ތަނުގެ އިސް ވެރިންނާ އެކު ގިނަ ބަޔަކު މަރާލާފައި ވަނިކޮށް މި މަޖައްލާ އިން އަނެއްކާވެސް ރަސޫލާ އަށް ފުރައްސާރަވާ ފަދަ ކާޓޫނުތަކެއް ކުރަހައިފި އެވެ.

ކުރިއަށް އޮތް މި މަޖައްލާގެ އަދަދުގެ ބޭރުގަނޑު "ރަސޫލާގެ ކާޓޫނަކަށް" ހާއްސަކޮށްފައިވާއިރު މި ކާޓޫނުގައި ދައްކުވައި ދޭނީ ނޫހުގެ އޮފީހަށް ދިން ހަމަލާ ކުށްވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން އަންނަ ޓެގް ލައިން ކަމުގައިވާ "އައި އެމް ޗާލީ" ގެ ބޯޑެއް ހިފަހައްޓައިގެން ހުންނަ މަންޒަރެވެ.

ނޫހުގެ އޮފީހަށް ދިން ހަމަލާގައި 17 މީހަކު މަރާލާފައިވާއިރު މިއީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިފައިވާ ދެ ހަނގުރާމަވެރިއެއްގެ އަމަލު ކަމަށް ބެލެވެ އެވެ.

ދުނިޔެ އިން މި ހަމަލާ ސިފަކުރަމުން ދަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ހައްދުފަހަނަޅައި ގޮސްފައިވާ މުސްލިމުންގެ ބަޔަކު ދިން ހަމަލާއެއްގެ ގޮތުގަ އެވެ.

ހަމަލާގެ ބަދަލުހިފުމަށް ޝާލީ އެބްދޫ އިން ކުރަހާފައިވާ އާ ކާޓޫނުތައް ހިމެނޭ މަޖައްލާގެ ތިން މިލިއަން ކޮޕީ މިފަހަރު ޕްރިންޓްކޮށްފައިވެ އެވެ. މިއީ މި މަޖައްލާ އަށް ރިކޯޑް އަދަދެކެވެ. އެމީހުން އާންމުކޮށް ޕްރިންޓްކުރަނީ ހަފުތާއެއްގެ މައްޗަށް 60،000 އެއްހާ ކޮޕީ އެވެ.

ނޫހުގެ އޮފީހަށް ދިން ހަމަލާގައި އެޑިޓަރާ އެކު ފަސް ކާޓޫނިސްޓަކު މަރާލާފައިވެ އެވެ.

ރާސޫލާ އަށް ފުރައްސާރަކޮށްފައިވާ އާ ކާޓޫނުތަކާ އެކު ޝާލީ ހެބްދޫގެ އާ އަދަދު ނެރޭނީ ބުދަ ދުވަހު އެވެ.