އިދިކޮޅު ފަރާތްތައް

އެމްޑީއެންގެ މީހުނަށް ފިޔަވަޅު އަޅަން ރައީސް ބިރުގަނޭ: އިދިކޮޅު

ހައްދުފަހަނައަޅާފައިވާ ހަރުކަށި، އެމްޑީއެން އިން ނެރުނު ރިޕޯޓް އެކުލަވައިލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހަށް ހާޒިރުވާން އަންގާފައިވާ އެ ޖަމިއްޔާގެ އިސް މީހުނަށް ފިޔަވަޅު އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބިރުފުޅުން އުޅުއްވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ، އެމްޑީއެން އިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓު އެކުލަވައިލަން އުޅުނު އިސް މީހުން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެންނަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ އެމްޑީއެން އިން ރިޕޯޓެއް ނެރުނު މައްސަލަ ދިވެހިންގެ ސަމާލު ކަމަށް އައީ އޮކްޓޫބަރު 3، 2019 ގައެވެ. އެ ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލު ކަމަށް ގެނައީ ދީނީ އިލްމުވެރިންނެވެ. އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ކުފުރު ވާހަކަތައް ލިޔެފައިވާ އެ ރިޕޯޓް އާންމުކުރީ ކުރީ ސަރުކާރުގައި އެ ރިޕޯޓް އާންމު ކުރަން ނުކެރި ތިބެ މި ސަރުކާރު އައުމުންނެވެ.

ޝުޖާއު ވިދާޅުވީ އެ ރިޕޯޓު އެކުލަވައިލުމުގައި އެންމެ އިސްކޮށް އުޅުނު އެކަކީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަމަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ޒާތަށް އައިސްފައިވާ ބަދަލުތަކުން އެ މައްސަލައަށް ގޮތެއް ނުނިންމެވޭނެ ކަމަށެވެ.

"މިއީ ގުޅިލާމެހިގެން ހިންގާ ޖަރީމާއެއްވީމަ ރައީސަށް އެމީހުން ގެންނަން ނުކެރިގެން އުޅެނީ. ފިޔަވަޅު އަޅަން ހިތަށް އެރިޔަސް ރައީސް ވެރިކަމަށް ގެނައި މީހުން ރައީސް މަގާމުން ދުރުކުރާނެ. އެކަން އެނގޭނެ ރައީސަށް ވެސް. އެހެންވެ އެމްޑީއެން އާ ދެކޮޅަށް ކަމެއް ނުކުރެވިގެން އުޅެނީ." އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އިދިކޮޅަށް އަލުން ވެރިކަން ލިބިއްޖެނަމަ އެ ރިޕޯޓް ލިޔުނު މީިހުން ތިބި ތަނަކުން ހޯދައި ރާއްޖެ ގެންނާނެ ކަމަށާއި އެކަމުގައި ފިޔަވަޅު ނޭޅި މީހުން ހާޒިކޮށް ސުވާލު ވެސް ކުރާނެ ކަމަށެވެ. ބޭރުގެ އެއްވެސް ގައުމެއްގައި އެމީހުންނަށް ފިލައިގެން ނޫޅެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން މި ވާހަކަ ދެއްކީ ބުދަ ދުވަހު ރައީސްގެ ޕްރެސް ކޮންފަރެންސްގައި އެމްޑީއެންގެ މުއައްސިސުންގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅަން ނިންމި ނަމަވެސް ތަހުގީގަށް ހުރަސް އެޅިފައި ވަނީ އެ މީހުން ރާއްޖޭގައި ނެތުމުން ކަމަށް ރައީސް ވިދާޅުވެފައި ވާތީ އެވެ.

އެމްޑީއެން ރިޕޯޓުގެ ތަހުގީގަށް ފުލުހުން ވަނީ އެ ޖަމިއްޔާގެ މެންބަރުން ކަމަށްވާ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމްއަށް ނޯޓިސް ފޮނުވާފަ އެވެ. އެއީ 2019 ނޮވެންބަރުގަ އެވެ. ނަމަވެސް ހާޒިރުވުމަށް ޗިޓު ފޮނުވުމުން ޝަހިންދާ އާއި އަޒްރާ ވެސް ވަނީ ރާއްޖެ އައުމަށް އުޒުރުވެރިވާ ކަމަށް ބުނެފަ އެވެ.