މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއއެން) އިން އިސްލާމް ދީނާ ހިލާފު ވާހަކަތައް ހިމަނާއި ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރި ރިޕޯޓް ހެދުމުގައި އިސްކޮށް އުޅުނު އެ ޖަމިއްޔާގެ މީހުންނަށް ފިޔަވަޅު ނާޅައި ހަމައެކަނި ޖަމިއްޔާ އުވާލައިގެން މައްސަލަ ހިންދާލަން އުޅޭ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ކޮންގްރެސް ޕާޓީން ބުނެފި އެވެ.
އެމްޑީއެންގެ ރިޕޯޓެއްގައި އެފަދަ ވާހަކަތައް ހިމެނި މައްސަލައެއް ދާދި ފަހަކުން ފެންމަތިވިއިރު، އޭރު އެ ޖަމިއްޔާގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވުމުން އެ މަގާމުތަކުން އެ ބޭފުޅުން ވަކިކުރުމަށް ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައެއް ވަނީ ތަޅުމުން ބޭރުކޮށްލާފަ އެވެ.
މަޖިލިސް ކައިރިން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް އެ މައްސަލަ ހުށަހެޅުއްވި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ދީނާ ހިލާފު މައުލޫއުތަކުގެ މައްޗަށް އެމްޑީއެން އިން ރިޕޯޓްޓެއް ޝާއިއު ކުރިއިރު އެ ޖަމިއްޔާގައި ތިއްބެވި ބައެއް ބޭފުޅުން މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި އެބަ ތިއްބެވި ކަމަށެވެ. އަދި ދާދި ފަހަަކާ ޖެހެން ދެން ވެސް އެ ޖަމިއްޔާގައި ތިއްބެވި ބޭފުޅުން މަގާމުތަކުގައި ތިއްބެވި ކަމަށެވެ.
ޝިޔާމް އިޝާރާތް ކުރެއްވީ ރައީސް އޮފީހުގައި އެންޓި ޓެރަރިޒަމްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އާއިޝަތު ނޫޝިން ވަހީދަށެވެ. އެމްޑީއެންގެ ޗެއާޕާސަންގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ، އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.
ޝިޔާމް ވިދާޅުވީ އެ މައްސަލާގައި އެ ރިޕޯޓް ހެދި އެއްވެސް މީހަކަށް ފިޔަވަޅު ނޭޅި ހަމައެކަނި އެ ޖަމިއްޔާ އުވާލިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ގާނޫނު އަސާސީގައި ލާޒިމު ކޮށްފައިވާ ޒިންމާ އަދައެއް ކުރެއްވި ކަމަށް ނުބެލެވޭނެ ކަމަށެވެ.
"ހަމައެކަނި އެމްޑީއެން އުވާލައިގެން އެ ކަމުގެ ޒިންމާ އަދާ ކުރެވުނީއެއް ނޫން. އެމްޑީއެން އުވާލިޔަސް ސަރުކާރުގެ ތެރޭގައި އެބަތިބި މި ޖަމިއްޔާގައި މަސައްކަތް ކުރި މީހުން. ހަރުދަނާ ޒިންމާދާރު ފިޔަވަޅެއް އެޅޭނީ މި ޖަމިއްޔާއަށް ނިސްބަތްވާ ބޭފުޅުނަށް ފިޔަވަޅު އަޅައިގެން،" ޝިޔާމް ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާގެ ބައެއް މީހުން ރާއްޖޭން ބޭރުގައި ތިބިއިރު، އެއީ އެ މީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅެންވީ އުޒުރެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޭރުގައި ތިބި މީހުންގެ ޕާސްޕޯޓްތައް ހިފަހައްޓަން ޖެހޭނެ ކަމަށެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ އެމްޑީއެންއަކީ މިހާރު "ކަރުދާސް ގަނޑަކަށް" ހަދަން މަސައްކަތް ކުރާ ކަމަށެވެ. އެ ތަނުގައި މަސައްކަތް ކުރި މީހުން އިސްތިއުފާ ދީފައި އޭގައި ބައިވެރިވި ބައެއް ނޫން ކަމަށް ދައްކައި ހަމައެކަނި ޖަމިއްޔާ އުވާލައިގެން މައްސަލަ ނިންމާލަން އުޅެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީއެންއަކީ މިހާރު ކަރުދާސް ގަނޑެއް، އޭގައި ނެތް މިހާރު އެއްވެސް ބޭފުޅަކު، ހުރިހާ ބޭފުޅުން ވެސް އުޅުއްވަނީ އެ ތަނުން އިސްތިއުފާ ދޭން، އެމްޑީއެން އޭގެ ޒާތުގައި ކުށްވެރިނުވާނެ، އޭގައި އިސްކޮށް އެ އުޅުނު މީހުން އެ ކުރި ކަމަކުން މި ކުށްވެރި ވަނީ، އެ މީހުން ސަރުކަރުގެ ވަޒީފާތަކުން ވަކިކުރެވެން ޖެހޭނެ،" ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި 2015 ވަނަ އަހަރު ނެރުނު ރިޕޯޓަކީ ފަހުން ފެންމަތިވި ރިޕޯޓްގައިވާ މައުޟޫއުގެ ދަށުން އެކުލަވާލާފައިވާ ރިޕޯޓެއް ނޫނެވެ. އަަދި ވިދާޅުވީ ދީނާ ހިލާފު މައުޟޫއުތަކެއްގައި އެމްޑީއެން އިން ނެރެފައި ވަނީ އެންމެ ރިޕޯޓެއް ވެސް ނޫން ކަމަށެވެ.
ތޯރިގު ވިދާޅުވި ގޮތުގައި، އެ އަހަރު ނެރުނީ "ލަވް އޮފް އިސްލާމް ވާސަސް ހޯލީ ވާ" ގެ ނަމުގައި އެކުލަވާލި ރިޕޯޓެކެވެ. ދާދި ފަހުން ފެންމަތިވެގެން އުޅޭ ""ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓަކީ މާ ފަހުން ނެރެގެން އުޅޭ ރިޕޯޓެއް ކަމަށް ތޯރިގު ވިދާޅުވި އެވެ.