ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގަ އާއި ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރެއްވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާތައް، ސިޔާސީ ހަލަބޮލި ކަމުގެ ދުވަސްވަރުގައި ވެސް ކުރިޔަށް ގޮސްފައި ވަނީ އެ އިރެއްގައި ހުންނަވާ ރައީސަކަށް އިހުތިރާމްކޮށް ޝަރަފުވެރިކަމާއި ގަދަރުވެރި ކަމާއެކުގަ އެވެ. ކުރިން އެއީ ރަތް ދޫލައިގެ އިއްޒަތުގައި ވަޑައިގެން ދައުލަތުގެ ވެރިންގެ ކުރިފުޅުމަތީ ގައުމުގެ ހާލަތު އޮތް ގޮތާއި އެ ހާލަތު ރަނގަޅު ކުރަން ވިސްނަވާ ކަންކަން ވިދާޅުވެ ޑިމޮކްރަސީގެ ރީތި އުސޫލު ދައްކާ ހާއްސަ ޖަލްސާއެކެވެ.
އެގޮތަށް އޮތް ނަމަވެސް ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގެ މުޅި ނިޒާމް ރޫޅާލައި، ފުނޑުކޮށްލި މަންޒަރު ފެނިގެން ދިޔައީ މާޗު 1، 2012 ގައި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވެވުމަށް މަޖިލީހަށް ވަޑައިގަތް ދުވަހު އެވެ. ފެބްރުއަރީ 7 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް "ބަޣާވާތެއް" ކުރި ކަމަށް ބުނެ މުޒާހަރާ އާއި އިހުތިޖާޖުތައް ކޮށް، މަޖިލީހުގެ ރައީސް ރިޔާސަތަށް ވަދެވަޑައިގަތުމުގެ ފުރުސަތު ނުދިނުމުގެ އިތުރުން ރައީސް ވަހީދު އިށިއިނދެވަޑައިގަންނަވާ ގޮނޑިކޮޅު ނަގައި އަޑުގަދަކޮށް ހަޅުތާލުގަނޑެއް އުފެއްދި އެވެ. އޭގެ ކުރިޔަށް ހިފަހައްޓަމުން އައި ސަގާފަތްތަކާއި އުސޫލާއި ހަމަތައް ރޫޅާލައި ދުވަހަކު ވެސް މަޖިލީހުގެ ތެރެއިން ފެނިފައި ނުވާ މަންޒަރުތަކެއް ފެނިގެން ދިޔައެވެ.
އެ ދުވަހުގެ ފަހުން މާޗު 19، 2012 ވަނަ ދުވަހު އަލުން ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވެވުމަށް ވަޑައިގަތް ޖަލްސާ އާއި ޖެހިގެން އައި އަހަރު ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ވެސް އެމްޑީޕީގެ އިހުތިޖާޖު ކުރުމާއި އަޑުގަދަ ކުރުމުގެ އާ ސަގާފަތް އެ ގޮތުގައި ދެމެހެއްޓި އެވެ. އޭގެ ނަތީޖާއަކަށްވީ މިއަދާ ހަމައަށް ވެސް ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާތަކުގައި ކޮންމެވެސް އެއް ސިފައެއްފައި އެ މަންޒަރުތައް ފެންނަމުން ދިއުމެވެ.
ޕާޓީތަކުން އިހުތިޖާޖު ކުރުމާއި ބޮއިކޮޓް ކުރުން ނުވަތަ ރިޔާސީ ބަޔާނަށް ޖަވާބު ނުދޭން ނިންމުން މިއީ ހައްތާވެސް އެ ސަގާފަތާއެކު މިއަދާ ހަމަޔަށް ވާރުތަކުރި ނިޒާމުން ބޭރު ކަންކަމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދެވަނަ އަހަރެއްގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މިދިއަ ހޯމަ ދުވަހު އޮތެވެ. އެ ޖަލްސާގައި ވެސް ތަފާތު ކަންކަން ފެނިގެން ދިޔަ އެވެ. އެއް ކަމަކަށް ކީރިތި ގުރުއާނުގެ ބަރަކާތުން އެ ޖަލްސާ ފެށުމުގެ ބަދަލުގައި، ފެށީ ސުންނަތުން ސާބިތު ނުވާ އަދި ބިދުއަ އެއް ކަމަށް ކަނޑައަޅާފައިވާ "ތުންޖީނާ ސޮލަވާތު" ންނެވެ. އަދި އެ ޖަލްސާގައި އިދިކޮޅު މެންބަރުންގެ ފަރާތުން ފެނިގެން ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހިމޭން އިހުތިޖާޖެއް ރިޔާސަތުގެ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާއާ ކައިރިން ކޮށްފައި ވެއެވެ. އެހެން ނަމަވެސް އަޑުގަދަ ކުރުމާއި ރައީސްއަށް ދުއްތުރާއަކަށް ވެގެންދާ ހިސާބަށް ކަންކަން ގެންގޮސްފައެއް ނުވެ އެވެ. އިދިކޮޅު އެއްވެސް މެންބަރަކު ޖަލްސާ ބޮއިކޮޓެއް ނުކުރައްވަ އެވެ.
އެ ޖަލްސާ ނިންމާލީ މަޖިލިސް ރައީސް ނަޝީދު އިދިކޮޅު މެންބަރުންނަށް ފާޑު ވިދާޅުވެ ޖެއްސެވި ޖޯކަކުންނެވެ. އޭގެ އިތުރުން ކޯލިޝަން ޕާޓީތައް ހިމެނޭ ކެބިނެޓް ކުރިމަތީގައި ބައިތިއްބައިގެން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ގޮތަށް "ގާބުރިއެއް" ހުރާލައިގެނެވެ.
"މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް މެންބަރުން ނިސްބަތްވާ އަދަދަށް ބަލާއިރު އެމްޑީޕީގައި 65 މެންބަރުން ޕީޕީއެމްގައި ފަސް މެންބަރުން ޖޭޕީގައި ފަސް މެންބަރުން ޕީއެންސީގައި ތިން މެންބަރުން އަދި އެމްޑީއޭގައި ދެ މެންބަރުން. ރައިސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ޖަވާބު ދިނުން މި އޮންނަނީ އޮޕޮޒިޝަން ލީޑަރަށް، އެހެންވީމަ އެ އަޅުގަނޑުމެން އެބަ އޮޅުން ފިލުވަން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ޕީޕީއެމްގައި ތިއްބެވީ ފަސް މެންބަރުން ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެ ޕާޓީ ތަމްސީލް ކުރާ މަޖިލިސް މެންބަރުންގެ އަދަދަކީ ހައެކެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. އެކަން މަޖިލީހަށް އެންގި ނަމަވެސް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި އަދިވެސް ބަލައެއް ނުގަނަ އެވެ. ޝިޔާމް ވިދާޅުވަ ގޮތުން އެއީ ކަންބޮޑުވުމެކެވެ.
"މިއީ މަޖިލީސް ރައީސަކަށް ހުންނަވައި ރައީސް ނަޝީދު ވެވަޑައިގެންފައިވާ ބޮޑު އިހުމާލެއް. އަޅުގަނޑުމެންގެ ޕާޓީގައި ހިމެނެނީ ހަ މެންބަރުން އެކަން މަޖިލީހަށް ވަރަށް ރަގަނޅަށް އެނގޭނެ ސިޓީތައް ވެސް ހުންނާނެ. ނަމަވެސް މިހާރު ކުރަން އުޅުއްވާ ކަމަކީ އަޅުގަނޑުމެން ރިޔާސީ ބަޔާނަށް ޖަވާބު ދީފާނެތީ އެ ފުރުސަތު ނުދެއްވާން އެކަން އިތުރަށް ދިގު ދަންމަން ވެގެން އޮޅުން ފިލުވާފައި ޖަވާބު ދޭނެ ކަމަށް ވިދާޅުވަނީ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް ޕީޕީއެމާއި ޕީއެންސީ ކޯލިޝަނެއްގައި މަސައްކަތް ކުރަމުން އަަންނަ ކަމަށް ވެސް މަޖިލީހަށް އަންގާފައިވާނެ އެވެ. އަދި ރައީސް ނަޝީދު އެގޮތައް ވިދާޅުވި ނަމަވެސް މައިނޯރިޓީ ލީޑަރު ލައްވާ މީގެ ކުރިން ކުރަން ޖެހޭ އެތައް ކަމެއް ކޮށްފައި އެބަހުއްޓެވެ. -- ތަރުތީބު އިން ގޮތުން މިވަގުތު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
"މިިކަމުގައި ރައީސް ނަޝީދު ޒިންމާ އުފުލަން ޖެހޭ. އަޅުގަނޑުމެންނަކީ ކޯލިޝަނެއް އަޅުގަނޑުމެންގެ ޕާޓީގައި ތިބެނީ ހަ މެންބަރުން މިހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެނގިވަޑައިގެން އިދިކޮޅު މަސައްކަތަށް ހުރަސް އަޅުއްވަން އެ މަސައްކަތް ކުރަނީ،" ޝިޔާމް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާގެ (ށ) ބުނާ ގޮތުން ރިޔާސީ ބަޔާން އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާާ ނިސްބަތްވާ ޕާޓީ ފިޔަވަައި ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން ރިޔާސީ ބަޔާނަށް ދޭނެ ޖަވާބެއް ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަން ޖެހެ އެވެ. އަދި އެ ޖަލްސާ ވެގެން ދާނީ ވެސް ރިޔާސީ ބަޔާން އިއްވާ ޖަލްސާ ގޮތަށް ހާއްސަ ކަވަރޭޖް ދެވޭ އަދި ޖަވާބު ދޭއިރު އެހެން ޕާޓީތަކުގެ ހިޔާލާ މަޝްވަރާ އޮންނަން ގޮތަށެވެ.
ރައީސް ވަހީދުގެ ދައުރުގައި މަޖިލީހުގެ ކައުންސިލް ޖެނަރަލް ފަތުމަތި ފިލްޒާ ވިދާޅުވި ގޮތުގައި ރިޔާސީ ބަޔާނަށް ޖަވާބު ނުދިނުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެކެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަޖިލީހުގެ ނަޝީދު ފުރުސަތު ދެއްވައިފި ނަމަ މައިނޯރިޓީގެ ފަރާތުން ރިޔާސީ ބަޔާނަށް ޖަވާބު ދޭނެ އެވެ.
"އެމަނިކުފާނަށް [ރައީސް ނަޝީދަށް] ކެރިވަޑައި ނުގަންނަވާނެ އަަޅުގަނޑުމެންނަށް އެ ފުރުސަތު [ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ ފުރުސަތު] ދޭން. އެނގިވަޑައިގަންނަވަނެ އަޅުގަނޑުމެން ދައްކަވާނީ ރަނގަޅު ފެކްޓް ކަން. އެމްޑީޕީ ފަދައިން ހުސް ވާހަކަތަކެއް ނުދައްކަވާނެ،" ޝިޔާމް ވިދާޅުވި އެވެ.
ފާޑުކީ ކަންކަން އުންމީދަކަށްވި ބަޔާނެއް!
ރައީސް ސޯލިހުގެ ދެވަނަ ރިޔާސީ ބަޔާނުގައި އުފާވެރި ހަބަރަކަށް ވިދާޅުވި ވާހަކަައަކީ ކޮރޯނާ ވައިރަސްއަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ނުވާ ވާހަކަ އެވެ. މިވަގުތު ގައުމު އޮތް ހާލަތަށް ބަލާފައި އެ ހަބަރު ލިބުން ވެގެން ދިޔައީ ގިނަ ބަޔަކަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ. ރިޔާސީ އެ ބަޔާނުގެ ބާކީ ހުރި ބައިތަކުގައި ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު އުންމީދީ އާ އެއްވެސް ވާހަކައެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
ރިޔާސީ ބަޔާނުގައި ވިދާޅުވި "ތިލަމާލެ ބްރިޖު" އެޅުމުގެ މަޝްރޫއާ، ހިޔާ ފްލެޓު އެޅުމުގެ މަޝްރޫއާ އެއާޕޯޓުތަކާއި ޓާޝިއަރި ހޮސްޕިޓަލްގެ މަސައްކަތުގެ ވާހަކަައަކީ ރައީސް ޔާމީންގެ ފަހު ދައުރުން ފެށިގެން އިވެމުން އަންނަ އަޑެކެވެ. ކުރިން އިއުލާން ކޮށްފައި ނުވާ ތަރަައްގީގެ އާ ވާހަކައެއް ނާދެ އެވެ.
މިއީ އިދިކޮޅު މެންބަރު ޝިޔާމް ވިދާޅުވާ ވާހަކަތަކެވެ؛ ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު އެމްޑީޕީ މެންބަރުންނާއި ރައީސް ނަޝީދު އެންމެ ގަދައަށް އަތް ޖެއްސެވީ ރައީސް ޔާމީން ފައްޓަވާފައިވާ ހިޔާ މަޝްރޫއާ ބްރިޖު މަޝްރޫއު ފަދަ ކުރިން އެ ފަރާތްތަކުން ފާޑު ކިޔާފައިވާ މަޝްރުއުތައް ފެށުމާ ގުޅޭ ވާހަކަތަކަށެވެ. އަދި 7000 ހައުސިން ޔުނިޓު ދޭނެ ކަމަށް ފަހުރުވެރިކަމާއެކު ވިދާޅުވެ އަތް ޖަހަން ރައީސާއި އެމްޑީޕީ މެންބަރުން ލަދު ގަނަންނ ޖެހޭނެ އެވެ. އަދި ތިލަމާލެ ބްރިޖާއި ޕޯޓަކީ ވެސް ރައީސް ޔާމީން އިއުލާން ކުރައްވާފައިވަ މަޝްރޫއުތަކެކެވެ. އަދި އެއާޕޯޓު އެޅުމުގެ މަސައްކަތަކީ ވެސް އެމަނިކުފާނުގެ ތަސައްވުރެކެވެ.
"މި ރިޔާސީ ބަޔާނަކީ ފަހުގެ ތާރީހެއްގައި އެންމެ ދޯދިޔާ މާޔޫސްކަން އެންމެ ބޮޑު ބަޔާން. މުޅި ރިޔާސީ ބަޔާނުގައި ސަރުކާރުން ހާސިލްކޮށްފައިވާ ކަންކަމާއި ކުރަން ހުރި ކަންކަމުގެ ވާހަކައަކީ ރައީސް ޔާމީންގެ ފައްޓަވައި ނުވަތަ ރާވާފައި ހުރި މަޝްރޫއުތައް އަދި އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބެ އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކީ ކަންކަން،" ޝިޔާމް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގައި ޓާޝިއަރީ ހޮސްޕިޓަލް ފަސް ސަރަހައްދެއްގައި އަޅާ ވާހަކަ ދައްކާއިރު ޓާޝިއަރީ ހޮސްޕިޓަލެއް އިދިކޮޅު ފަރާތްތަކަށް އެނގުނީ ވެސް ރައީސް ޔާމީން އެކަންކޮށް އިމާރާތް އަޅައި ނިމުމުން ކަމަށް ޕީޕީއެމުން ސިފަ ކުރެ އެވެ. އައްޑޫ ސިޓީގައި ހޮސްޕިޓަލް ގާތްގަނޑަކަށް ނިމެން އޮއްވާ ސަރުކާރު ބަދަލުވެ މި ސަރުކާރު އައިސް ސިއްރު ސިއްރު އެ ހޮސްޕިޓަލު ހުޅުވައި އޭގެ ފޮނި ބޯލީ އެވެ. އިދިކޮޅު ޕާޓީން ބުނާ ގޮތުގައި އެއީ އޮޅުވާލެވޭނެ ކަމެއް ނޫނެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާން ކޮށްދޭން ޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް އެ ޝަރުތު ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ފުރިހަމަ ނުވެ އެވެ. އެގޮތުން ރާއްޖޭގެ މިހާރުގެ ކްރައިމް ރޭޓެއް މަރާއި ވައްކަންތަކުގެ ތަފާސް ހިސާބާއި އިތުރުވީތޯ ނުވަތަ ނޫންތޯ ވެސް ވިދާޅެއް ނުވެ އެވެ.
ހައްދުފަހަނައަޅާފައިވާ މީހުން ހުއްޓުވުމުގެ ވާހަކަ ވިދާޅުވިއިރު އެމްޑީއެންގެ ރިޕޯޓެއް މިދިޔަ އަހަރު ނެރެ ބޮޑު ކަންތައްގަނޑެއް ހިނގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައް އިންތިހާއަށް ބޮޑުވިއިރު އެ ވާހަކަ ވެސް ފާހަގައެއް ނުކުރައްވަ އެވެ.
"ދީނަށް ފުރައްސާރަ ކުރުމާއި އިސްލާމް ދީނާ ދެކޮޅަށް ދިމާވާ ކަންކަމަކީ މިއަދު ގައުމުގެ ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަ. އެކަމާ ގުޅޭ ފިޔިަވަޅެއް ނާޅާތާ އެފަދަ ހުރިހާ ކަމެއްގެ ކުރި މީހުން މިއަދު ތިބީ ރައީސް އޮފީހާއި ސަރުކާރުގެ އިސް މަގާމްތަކުގައި،" ޝިޔާމް ވިދާޅުވި އެވެ.
ކުރިޔަށް އޮތް ދެ އަހަރު ދަރަނި ބަޖެޓެއްގެ ގޮތުގައި ބޭއްވުމަށް ފަހު އަރަނި ބަޖެޓަކަށް މަސައްކަތް ކުރަން ފަށާނެ ކަމަށް ވިދާޅުވުމަކީ ބިރުވެރިކަމެއް ގޮތުގައި އިދިކޮޅު ޕާޓީން ސިފަ ކުރެ އެވެ.
އިދިކޮޅުން ބުނާ ގޮތުގައި މިދިޔަ އަހަރުވެސް އަށް ބިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ހޭދަ ކުރަން ކަނޑައަޅާފައިވި ނަމަވެސް އޭގެ ދެބައިކުޅަ އެއްބައި ވެސް ތަރައްގީގެ މަޝްރޫއަކަށް ބޭނުމެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ މާ ބޮޑަށް ހަރަދުކޮށްފައި ހުރީ ކުންފުނިތަކަށް ބަދަލު ދޭށެވެ.
"މި ސަރުކާރުން ފާޅުގައި މަސްލަހަތު އޮންނަ ކުންފުނިތަކަށް ބަދަލު ދެމުން ދަނީ މިވަރުގެ ބޮޑު ވައްކަން ހިނގާއިރު ގައުމުގެ ރައީސް ރިޔާސީ ބަޔާނުގައި ކީކޭތޯ އެ ވިދާޅުވަނީ!؟"
ހިލޭ އެހީތަކުގެ ވާހަކަ ދައްކާއިރު މި އަހަރު ހިލޭ އެހީގެ ގޮތުގައި ހޯދަން ކަނޑައަޅާފައިވާ 300 މިލިއަަން ރުފިޔާގެ 14 ޕަސެންޓު ނަގަނީ އިންޑިޔާ އިން ކަމަށް ޝިޔާމް ވިދާޅުވެ އެވެ. އެއީ ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފާނެ ބިރުވެރި މައްސަލައެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
ދެހާސްބާރަ ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ވެސް އެއްވެސް ފަރާތަކުން ރިޔާސީ ބަޔާނަށް ރަސްމީ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. އެ ރަސްމިއްޔާތުގެ ތެރެއަށް އާ ކަންކަން ވައްދަމުންދާއިރު ރަނގަޅު ރީތި އުސޫލަކުން ކުރިޔަށް ގެންދިޔުމުގެ ވިސްނުމެއް ވެސް ނުގެންގުޅެ އެވެ.