މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑްގެ ކޯ އޯނަރު ހިއްސާއިން ބައެއް ވިއްކާލަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯ ޗެއާމަން އެމެރިކާގެ އަވްރަމް ގުލޭޒާގެ ހިއްސާގެ ތެރެއިން 100 މިލިއަން ޑޮލަރުގެ އަގު ހުރި ހިއްސާ ވިއްކާލަން ބާޒާރަށް ނެރެފި އެވެ.

ޔުނައިޓެޑުން އިއްޔެ ބުނެފައި ވަނީ، ގުލޭޒާގެ އައިލީ ކުންފުނި ހިއްސާ އޮންނަ "އޭ ކުލާހު" ގެ ހުރިހާ ހިއްސާއެއް ވިއްކާލަން ނިންމާފައިވާ ކަމަށެވެ. ޔޫރޮޕާ ލީގްގައި އޭސީ މިލާން އަތުން ޔުނައިޓެޑް އެއްވަރުވި މެޗަށް ފަހު ޔުނައިޓެޑްގެ ހިއްސާ އެއް 20.13 ޑޮލަރަށް ވަނީ ވެއްޓިފަ އެވެ.

ޔުނައިޓެޑުން ބުނީ، ގުލޭޒާގެ އޭ ކުލާހުގެ ހިއްސާތައް ވިއްކައިގެން ލިބޭ އެއްވެސް ފައިސާއެއް ކުލަބަށް ނުވަންނާނެ ކަމަށެވެ. މި ހިއްސާތައް ވިއްކާލުމުން ގުލޭޒާގެ މިލްކިއްޔާތުން 10.2 ޕަސަންޓް އުނިވާނެ އެވެ. އަދި ޔުނައިޓެޑްގައި އޮންނަ އޭނާގެ އާއިލާގެ ހިއްސާ 78 ޕަސެންޓުން 74.9 ޕަސެންޓަށް ތިރިވާނެ އެވެ. އޭގެ ސަބަބުން އޭނާ ކޮންޓްރޯލް ކުރާ ވޯޓިން ރައިޓްސްތަކުގެ ތެރެއިން ބައެއް ވެސް އޭނާއަށް ގެއްލޭނެ އެެވެ.

މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ޓްރަސްޓުން ވަނީ ގުލޭޒާގެ ނިންމުން ޕޮޒިޓިވް ކޮށް ބަލައިގެންފަ އެވެ. ސަޕޯޓާސް ޓަރަސްޓުން ބުނީ އެއީ އެއްބައެއްގެ އަތް މައްޗަށް ކުލަބުގެ ބޮޑެތި ބާރުތައް ޖަމާަވެފައި އޮތްއޮތުމަށް ލިބޭ ލުޔެެއް ކަމަށެވެ. ގުލޭޒާގެ އާއިލާއިން ޔުނައިޓެޑްގެ ހިއްސާ ގަތީ 2005 ވަނަ އަހަރު އެވެ.