ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި އިނގިރޭސި ފުޓްބޯލް ޕްރިމިއާ ލީގުގެ މުހިއްމު މެޗެއްގައި އާސެނަލް އިން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ 2-0 އިން ޔުނައިޓެޑް ބަލިކޮށްފި އެވެ.
ޔުނައިޓެޑް އަތުން އާސެނަލް މޮޅުވީ ދެވަނަ ހާފުގައި ޔުރިއެން ޓިމްބާ އާއި ވިލިއަމް ސަލީބާ ޖެހި ގޯލުތަކުންނެވެ. މި ދެ ގޯލަކީ ވެސް ކޯނަރުން އާސެނަލް އުފެއްދި ހަމަލަތާކުން ޖެހި ގޯލުތަކެވެ.
މެޗުގެ ލަނޑުތައް ޖެހީ 54 މިނެޓްގައި ޖުރިއެން ޓިމްބަ އަދި 73 ވަނަ މިނެޓުގައި ވިލިއަމް ސަލީބާ އެވެ.
ޔުނައިޓެޑުގެ ކޯޗު އަމޯރިމް ޓީމާ ހަވާލުވެ ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗަށް ރޭ އޭނާ ޓީމު ނެރުނީ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން އެވަޓަން އަތުން 4-0 އިން މޮޅުވި މެޗުގައި ކުޅުނު ހަ ކުޅުންތެރިޔަކަށް ފުރުސަތެއް ނުދެ އެވެ. އޭގެ ތެރޭގައި ފޯމުގައި ހުރި އަމަޑް ޑިއާލޯ އާއި މާކަސް ރަޝްފޯޑް ހިމެނެ އެވެ.
މި މެޗުން އާސެނަލް މޮޅުވުމާއެކު އެ ޓީމަށް ވަނީ 28 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 35 ޕޮއިންޓް ލިބިފައިވާއިރު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ވަނީ 7 ޕޮއިންޓަށް ކުޑަވެފަ އެވެ.