ޕްރިމިއާ ލީގް

ޔުނައިޓެޑް، ޗެލްސީ އަތުން މޮޅުނުވެ ބޮޑު ލަދެއް

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވުމާއެކު، މެންޗެސްޓާ ޔުނައިޓެޑްގެ މި ސީޒަންގެ ފެށުން ވެގެންދިޔައީ އެ ކްލަބުގެ ތާރީހުގައި ޕްރިމިއާ ލީގުގައި އެންމެ ދެރަކޮށް ފެށުނު ސީޒަނަށެވެ.

ލީގުގެ 10 މެޗުން އެންމެ 12 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް މިވަގުތު އޮތީ 13 ވަނައި ގައެވެ. މިއީ 1986/87 ވަނަ ސީޒަނުން ފެށިގެން ޔުނައިޓެޑް ސީޒަނެއްގައި ފަށައިގަތް އެންމެ ދެރަ ފެށުމެވެ.

މި ސީޒަންގައި މިހާތަނަށް ޔުނައިޓެޑް ކުޅުނު މެޗުތަކުގައި ޖަހާފައިވާ 9 ގޯލަކީވެސް 1973/74 ވަނަ ސީޒަނުން ފެށިގެން މިހާ މަދުން ގޯލު ޖެހުނު ފުރަތަމަ ފަހަރެވެ.

ސިޓީއާ އެކު ކުޅުނު މި މެޗަކީ އެރިކް ޓެން ހާގް ކޯޗުކަމުން ވަކިކުރި ފަހުން ލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗެވެ.

ވަގުތީ ކޯޗު ރޫޑް ވެން ނިސްޓަލްރޫއީގެ ދަށުން ލީގު ކަޕްގައި ލެސްޓާ ސިޓީ 5-2 އިން ބަލިކުރި ނަމަވެސް މި މެޗުގައި ޗެލްސީއާ ދެކޮޅަށް އެހާ ފޯރުގަދަ ކުޅުމެއް ދައްކާލެވިފައެއް ނުވެ އެވެ.

މެޗުގެ ދެވަނަ ހާފުގައި ބްރޫނޯ ފެނާންޑޭސް ޕެނަލްޓީއަކުން ޖެހި ގޯލުން ޔުނައިޓެޑް ކުރިއަށް ދިޔަ ނަމަވެސް އެ ލީޑު ދެމިގެން ދިޔައީ އެންމެ ހަތަރު މިނެޓަށެވެ. މޮއިސަސް ކައިސެޑޯ ޖެހި ވޮލީ ގޯލަކުން ޗެލްސީއިން ނަތީޖާ އެއްވަރު ކުރި އެވެ.

މި އެއްވަރުވުމާއެކު ޔުނައިޓެޑްގެ ދަނޑުގައި ފާއިތުވެދިޔަ 12 މެޗުގައިވެސް ޗެލްސީއަށް މޮޅެއް ނުވެވުނެވެ. ޗެލްސީ މިހާރު އޮތީ 10 މެޗުން 18 ޕޮއިންޓް ހޯދައިގެން ހަތަރުވަނައިގަ އެވެ.

ޓޮޓެންހެމް ހޮޓްސްޕާސް އިން ވަނީ އިއްޔެ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ވަނީ 4-1 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ.

މޯގަން ރޮޖާސްގެ ގޯލަކުން ވިލާ ކުރިއަށް ދިޔަ ނަމަވެސް ބްރެނަން ޖޯންސަން ޖެހި ގޯލުން ނަތީޖާ އެއްވަރުކުރުމަށްފަހު، ޑޮމިނިކް ސޮލާންކޭގެ ދެ ގޯލާއި ޖޭމްސް މެޑިސަންގެ އެއް ގޯލުން ހޮޓްސްޕާސް ވަނީ ފުރިހަމަ މޮޅެއް ހޯދާފަ އެވެ.

މި މޮޅާއެކު ޓޮޓެންހެމް މިހާރު އޮތީ 10 މެޗުން 16 ޕޮއިންޓް ހޯދައިގެން ހަތްވަނައިގައެވެ.