މެޗުގެ ފަހު ވަގުތު ޖެހި ގޯލާ އެކު ޔުނައިޓެޑް 2-3 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި އާސެނަލް އުއްމީދު ދަމަހައްޓައިފި އެވެ.
އަމިއްލަ ދަނޑުގައި ހޯދި މުހިއްމު މޮޅާ އެކު އާސެނަލް މިހާރު ވަނީ 19 މެޗުން 20 ޕޮއިންޓް ހަމަކޮށްފަ އެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި އާސެނަލަށް 19 މެޗުން 50 ޕޮއިންޓް ހަމަކުރެވުނު ފުރަތަމަ ފަހަރެވެ. އާސެނަލްގެ ފަހަތުން ދެވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. ފަސް ޕޮއިންޓުގެ ލީޑެއްގައި އާސެނަލް އޮތީ އެއްމެޗު މަދުން ކުޅެގެންނެވެ.
މެޗުން ބަލިވި ޔުނައިޓެޑް އޮތީ 39 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ތިންވަނައިގައި ގޯލުގެ ތަފާތުން އޮތީ ނިއުކާސަލް ޔުނައިޓެޑެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ޔުނައިޓެޑުންނެވެ. 17 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފާޑް އެވެ. އޭރިޔާ ބޭރުން ރަޝްފާޑް ތިރިތިރިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ. އޭގެ ހަ މިނެޓު ފަހުން އާސެނަލުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ގްރަނިޓް ޒާކާ ނަގައިދިން ހުރަހަކުން ބޮލުން މި ގޯލު ޖެހީ އެޑީ އެންކެޓިއޭ އެވެ.
ދެވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. ކްރިސްޓިއެން އެރިކްސެން ކައިރިން ކަޓުވާލުމަށް ފަހު ސަކާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މި ގޯލަށް ފަހު ޔުނައިޓެޑުން ވަނީ ކުރިއަށް ޖެހި ލިބުނު ކޯނަރެއްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. 59 ވަނަ މިނެޓުގައި ބޮލުން މި ގޯލު ކާމިޔާބުކޮށްދިނީ ލިސަންޑްރޯ މާޓިނޭޒް އެވެ. މިއީ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ލިސަންޑްރޯ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
2-2 އިން ނަތީޖާ އެއްވަރުވެފައި އޮއްވައި އާސެނަލްގެ އެޑީ އެންކެޓިއޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި އެންކެޓިއޭ ވަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި އެޓީމު މޮޅުކޮށްދީފަ އެވެ. މާޓިން އޮޑިގާޑް ދިން ބޯޅަ އެންކެޓިއޭ ވަނީ އެއްފަހަރުން ޖަހައި ގޯލަށް ވައްދާލާފަ އެވެ.
ލީގު ރޭހުގައި އާސެނަލް ކުރީގައި އޮތްއިރު އެޓީމާ ވާދަކުރަމުން އަންނަނީ މެންޗެސްޓާ ސިޓީ އެވެ. ސިޓީ ވަނީ ރޭ އަމިއްލަ ދަނޑުގައި 0-3 އިން ވުލްވްސް ބަލިކޮށްފަ އެވެ.