ދުނިޔެ

އީރާންގައި މިސައިލް ސިޓީއެއް

އީރާންގައި މިސައިލް ސިޓީއެއް ބިނާ ކޮށްފި އެވެ. މިސައިލް ސިޓީ ދައްކާލަން ބޭއްވި ރަސްމިއްޔާތެއްގައި، މީޑިއާއަށް މައުލޫމާތު ދެއްވީ، އިސްލާމިކް ރިވޮލޫޝަން ގާޑްސް ކޯޕްސް ނޭވީ އޮފިސަރުންނެވެ. ވިދާޅުވީ މިހާތަނަށް މިހާ ފުޅާ ދާއިރާއެއްގައި ކްރޫޒް އަދި ބެލަސްޓިކް މިސައިލް ނިޒާމެއް އީރާންގައި ގާއިމު ކުރެވިފައި ނުވާ ކަމަށެވެ. އަދި އެކި ރާސްތާއަށް ދަތުރު ކުރުމުގެ ކުޅަދާނަކަން މިސައިލްތަކުގައި ހުންނާނެ ކަމަށެވެ. އީރާންގެ ގައުމީ ޓީވީން މި ރަސްމިއްޔާތު ވަނީ ވަގުތުން ދައްކާފަ އެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް ރިވޮލޫޝަން ގާޑްސް (އައިއާރްޖީސީ) ގެ ކޮމާންޑަރު މޭޖާ ޖެނެރަލް ހުސައިން ސަލާމީ ބަައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އައިއާރްޖީސީ ނޭވީ ކޮމާންޑަރު ރިއާ އެޑްމިރަލް އަލީ ރިޒާ ތަންގްސީރީ ގެ އިތުރުން އާމީ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިސައިލް ސިޓީގައި ގާއިމުކޮށްފައި ހުރި ނިޒާމްތަކާބެހޭ ގޮތުން ބުނެވެނީ ބިންގަރާހުން ފޮނުވާލެވޭ މިސައިލްތައް އަމާޒަށް ދަތުރު ކުރުމުގައި އަރިއަކަށް ވެސް ޖެހިނުލާނެ ކަމަށެވެ. އަދި ގާއިމުކޮށްފައި ހުރި މިސައިލް ޑިފެންސް ނިޒާމްތަކަށް ބުރަ ބޮޑުވެ ބުރޫ ނާރާނެ ކަމަށެވެ.

މިސައިލް ސިޓީގައި މޮބައިލް މިސައިލް ލޯންޗަރުތަކާއި އަމިއްލައަށް އަމާޒު ހޯދާ މިސައިލް ނިޒާމްތައް ހުރި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ. އަދި އުދުއްސާލުމަށް ފަހު ކުއްލި ކުއްލިއަށް އަމާޒު ބަދަލުވި ނަމަވެސް ފޯކަސް ކުރާ އަމާޒަށް މިސައިލްތައް ވާސިލްވާނެ ކަމަށެވެ.

އީރާނުން ބުނީ މިސައިލްތަކާއި ގުޅުން ހުރި ޓެކްނޮލިޖީ އުފައްދާފައި ވަނީ އެގައުމުގައި ކަމަށެވެ. ޑިފެންސް މިނިސްޓްރީއާ އިސްލާމިކް ރިވޮލޫޝަން ގާޑްސް ކޯޕްސް ނޭވީ ރިސާޗް އޮގަނައިޒޭޝަނުން ކަމަށެވެ.

މޭޖާ ޖެނެރަލް ސަލާމިއާ ހަވާލަދެއްވައި އީރާންގެ މީޑިއާއިން ބުނީ ނޭވީއަށް ބޭނުންވާ މިސައިލް ޓެކްނޮލޮޖީ ތަރައްގީކުރަމުން އަންނަ ކަމަށާއި މިސައިލް ސިޓިގައި އަދި ހުރީ މަދު އަދަދެއް ކަމަށެވެ.