ދުނިޔެ

ސީރިއާގައި މަރާލި ދެ ގާޑުންގެ މައްސަލާގައި ބަދަލުހިފާނަން: އީރާން

ސިރިއާގައި ހުރި އީރާންގެ އެއްވެސް މުދަލަކަށް ނުވަތަ މަސްލަހަތު ހުރި އެއްވެސް ކަމަކަށް ދޭ ހަމަލާއަކީ ބަޔަކު ހީކުރާހާ ފަސޭހައިން ދޫކޮށްލައްވާނެ ކަމެއް ނޫން ކަމަށް އިރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ނަސީރު ކަނާނީ ވިދާޅުވެއްޖެ އެވެ.

ނަސީރު ކަނާނީ މިހެން ވިދާޅުވީ މިދިޔަ ހަފްތާގައި ޒަޔަނިސްޓު އަސްކަރިއްޔާ އިން ސީރިއާއަށް ދިން ހަމަލާތަކުގައި އީރާންގެ ރިވޮލިއުޝަނަރީ ސިފައިންގެ ދެ ގާޑުން މަރާލި މައްސަލައިގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ގައުމުން ބޭރުގައި ހަރަކާތްތެރިވާ އީރާންގެ ސިފައިންނަށާއި އޮފިޝަލުންނަށް ދުޝްމަނުން ފާރަލާ ކަމަށާއި އަނިޔާވެރިވެސްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދުޝްމަނުންގެ އަނިޔާތައް ބަރާބަރަށް ރެކޯޑްކުރައްވާ ކަމަށެވެ. އެކަށިގެންވާ ވަގުތަގައި އެކަށީގެންވާ ދިމަދިމާއިން ދުޝްމަނުންނަށް ރައްދު ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނަސީރު ކަނާނީ މިހެން ވިދާޅުވިއިރު -- އީރާންގެ ތާއީދާއި މަދަދު ލިބިގެން ޔަމަނުގައި ގާއިމުވެ ތިބި ހޫސީ ޖަމާއަތުން ވަނީ ޔަހޫދީ ވިޔަފާރިއަށް ނިސްބަތްކުރެވޭ ދެ ބޯޓަކަށް ރަތްކަނޑުގައި ހަމަލާ ދީފަ އެވެ.

ހޫސީން ބުނި ގޮތުން އެ ދެ ބޯޓަށް ހަމަލާދިނީ ޑްރޯނާއި މިސައިލުންނެވެ.

ރަތްކަނޑު ހުރަސްކޮށް ޒަޔަނިސްޓުންގެ އެއްވެސް އުޅަނދަކަށް ދަތުރުކުރަން ފަސޭހަ ނުވާނެ ކަމަށްވެސް ހޫސީން ވަނީ ބުނެފަ އެވެ. ރަނކަނޑުގައި ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާދިނުމުގެ ގާބުލުކަން ހުރި ކަމަށްވެސް ބުންޏެވެ.

ޒަޔަނިސްޓު ޔަހޫދީންގެ ކިބައިން ބަދަލުހިފާނެ ކަމަށް އީރާން ބުނި ނަމަވެސް އޭގެ މާނަ އަކީ ސީދާ ހަނގުރާމައަށް ދާނެ ވާހަކައެއް ނޫނެވެ.

ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އާއި ފަލަސްތީންގެ ހަމާސް އަކީ ވެސް އީރާންގެ އެޖެންޑާތައް ތަންފީޒުކުރާ ދެ ޖަމާއަތެވެ.

މެދުއިރުމައްޗާއި ގަލްފު ސަރަހައްދަށް ނިސްބަތްވާ ގައުމުތަކުގައި ހާއްސަކޮށް ސީރިއާ، އީރާން، ޔަމަން އަދި ލުބްނާންގައި އީރާނުން ބަލަހައްޓާ ހަނގުރާމަވެރިން ގިނަ އެވެ.

ނަސީރު ކަނާނީ ވިދާޅުވީ އީރާނުން ބަދަލުހިފުމުގައި ދުޝްމަނުންނަށް އެނގުމެއް ވެސް ނުވާނެ ކަމަށެވެ. އެކަމަކު ދުޝްމަނުންނަށް އެނގުންވާ ވަރުގެ ހަމަލާތަކަކުން ބަދަލުހިފާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.