ދުނިޔެ

މެދުއިރުމަތި ސުލްހަ ނުކުރެވިގެން އުޅެނީ އިޒްރޭލާ ހެދި: ރަޝިއާ

މެދުއިރުމަތި ހަމައަކަށް ނޭޅުވިގެން އުޅެނީ އިޒްރޭލުގެ ސަބަބުން ކަމަށް، ރަޝިއާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެނަޓޮލީ ވިކްޓޮރޮވް ވިދާޅުވެއްޖެ އެވެ. އެނާ ވިދާޅުވި ގޮތުގައި އިޒްރޭލަކީ އީރާނަށް ވުރެ ވެސް ކަންތައް ބޮޑު ބައެކެވެ.

"މި ސަރަހައްދުގައި އުޅެނީ ހަމައެކަނި އީރާނުގެ މައްސަލައެއް ނޫން" ވިކްޓޮރޮވް ވިދާޅުވި އެވެ. ޓެލްއަވީވްގައި ހުންނަ ރަޝިއާ އެމްބަސީގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މައްސަލައަކީ ކަންކަން އޮޅުން ނުފިލުން ނުވަތަ އޮޅުންފިލުވަން ބޭނުން ނުވުން ކަމަށެވެ.

"މައްސަލައަކީ ގައުމުތަކުގެ މެދުގައި ހަރުދަނާކަމެއް ނެތުން" ވިކްޓޮރޮވް ވިދާޅުވި އެވެ. "އަނެއް މައްސަލައަކީ އދ. ގެ ގަރާރުތަކަށް ބޯ ނުލެނބުން" އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލް–ފަލަސްތީން މައްސަލާގައި އަދި އިޒްރޭލާ އަރަބި އެހެން ގައުމުތަކުގެ މެދުގައި އަރާރުން އުފެދޭ ސަބަބަކީ ސުލްހައަށް ބޭނުން ނުވުމެވެ.

މެދުއިރުމަތީގައި ހަމަނުޖެހުން އެންމެ ބޮޑަށް ގެއްލެނީ އިޒްރޭލުގެ ސަބަބުން ތޯ ނުވަތަ އީރާނުން ކުރާ ކަންތައްތައް -- މިސާލަކަށް ޔަމަނުގައި ހަރަކާތްތެރިވާ ހޫސީން އަދި ލެބަނާންގައި ހިޒްބްﷲ ފަދަ ޕްރޮކްސީތައް މެދުވެެރިކޮށް ގައުމުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ތޯ ސުވާލު ކުރުމުން ޖަވާބުދެއްވަން ވިކްޓޮރޮވްއަށް ފަސޭހަފުޅެއް ނުވި އެވެ. އަދި އީރާނުން ޝީއައީ ޓެރަރިސްޓް ގުރޫޕްތަކަށް ފަންޑުކުރާކަން ވެސް ގަބޫލުފުޅެއް ނުކުރެއްވި އެވެ.

"އިޒްރޭލުން އިސްވެ ހިޒްބްﷲ އަށް ހަމަލާދެނީ" އޭނާ ވިދާޅުވި އެވެ. "ހިޒްބްﷲ އިން އިސްވެ އިޒްރޭލަށް ހަމަލާއެއް ނުދޭ" ވިކްޓޮރޮވް އެ އިޝާރާތް ކުރެއްވީ ސީރިއާގައި، އީރާނާއި ހިޒްބްﷲ ހަތިޔާރު ގާފިލާއަށް އިޒްރޭލުން ބޮންއެޅި ހާދިސާއަށެވެ.

ވިކްޓޮރޮވް ވިދާޅުވީ ލެބަނާނުން އިޒްރޭލަށް ހަދާފައި އޮތް ބިންގަރާސް ދެކެލެއްވި ކަމަށެވެ. އިޒްރޭލަށް ހަމަލާ ދިނުމަށް އެ ބިންގަރާސް ހިޒްބްﷲ ޖަމާއަތުން ބޭނުން ކުރިކަން ވެސް އެނގިވަޑާއިގަންނަވާ ކަމަށެވެ. އޭވާ ވިދާޅުވި ގޮތުގައި އެކަމަކު އެއީ ހިޒްބްﷲ ޖަމާއަތުން ބިނާކުރި ބިންގަރާހެއްކަން ސާބި ތުކޮށްދޭނެ ހެއްކެއް ނެތް ކަމަށެވެ.