މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ރަށު ފެރީގެ ހިދުމަތް ނޮވެމްބަރުގައި ފަށަނީ

ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ "ރަށު ފެރީ" ގެ މަޝްރޫއުގެ ދަށުން ފުރަތަމަ ޒޯންގައި ހިމެނޭ އަތޮޅުތަކުގައި މި އަހަރުގެ ނޮވެމްބަރު މަހު ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅު ވެއްޖެ އެވެ.

ރާއްޖޭގެ އެއްރަށް އަނެއްރަށް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ އަޕްޑޭޓެއް ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ހަ ޒޯނަކަށް ބަހާލައިގެން ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް މިހާރު ކުރާ ކަމަށާއި މި އަހަރު އުތުރުގެ ތިން އަތޮޅެއްގައި ފެރީގެ ހިދުމަތް ފަށާނެ ކަމަށެވެ. ފުރަތަމަ ޒޯންގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅެވެ.

އަންނަ އަހަރު އިތުރު ދެ ޒޯންގައި މަސައްކަތް ފަށާނެ ކަމަށާއި 2023 ވަނަ އަހަރު ނިމެންވާއިރަށް ހުރިހާ ޒޯނެއްގައި ފެރީގެ ނިޒާމް ގާއިމްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޒޯންތަކަށް ބަހާލައިގެން މަޝްރޫއު ހިންގުމަށް ނިންމާފައި ވަނީ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އުޅެންޖެހޭނީ މިކަން ހިންގޭނެ އިތުރު ގޮތްތައް ހޯދުމަށް، ދަސްކުރުމުގެ ޕްރޮސެސްއެއްގެ ތެރޭގައި ކަމަށްވާތީ އެވެ. މިއަހަރު އެއް ޒޯނުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ އެސަބަބާ ހުރެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މަޝްރޫއަކީ އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މަސައްކަތަކީ ސީދާ ދިވެހި ސަރުކާރުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށާއި މިކަމަށް 157 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފެރީތަކުގެ އަގުތަކަށް ބަލައިލާއިރު މިހާރު ދުއްވަމުންދާ ސްޕީޑް ފެރީތަކުގެ އަގަށްވުރެ ބޮޑުތަކުން އަގުހެޔޮވާނެ ކަމަށާއި އެހެންނަމަވެސް ސްޕީޑް ދަށް، ލަސް ފެރީތަކުގެ އަގަށްވުރެ ބޮޑުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިފެރީތަކަކީ ލަސް ފެރީތަކަށްވުރެ ރަގަޅު ފެންވަރުގައި ބަނދެވިގެންދާނެ ފެރީތަކެއް ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.