ހޮލީވުޑް

އެންޖެލީނާ އާއި ބްރެޑް ޕިޓް ދަރިން ހޯދަން ކޯޓަށް

ހޮލީވުޑްގެ ކުރީގެ މަޝްހޫރު ޖޯޑު އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓް ވަކިވެ ދަރިންގެ ކަސްޓަޑީ ހޯދަން ކޯޓުގައި މިހާރު ދަނީ ހަނގުރާމަ ކުރަމުންނެވެ. އަދި ކޯޓުން މިހާރު ވަނީ އެ މީހުންގެ ހަ ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު މެޑޮކްސްގެ ބަޔާން ނަގާފަ އެވެ.

މެޑޮކްސް ކޯޓަށް ދިން ބަޔާނުގައި ވާހަކަ ދެއްކީ އޭނާގެ މަންމަ އާ އެއްކޮޅަށް ކަމަށް ޖޮލީގެ ކޭމްޕުން ވާހަކަ ދެއްކި މީހަކު ޔޫއެސް ވީކްލީ އަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

މެޑޮކްސްގެ ބަޔާން އޮތީ އޭނާގެ ބައްޕަ ބްރެޑް ޕިޓް އާ މުޅިން ދެކޮޅަށް ކަމަށް ޖޮލީގެ މީހުން ބުނެފައި ވެއެވެ.
ކޯޓަށް ހުށަހެޅި އެއްވެސް ޑޮކިއުމެންޓެއްގައި ވެސް މެޑޮކްސް އޭނާގެ ބައްޕަގެ ނަން ބޭނުން ކޮށްފައި ނުވާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ. ފަހަތު ނަމަށް ވެސް ބައްޕަގެ ނަމުގެ ބަދަލުގައި އޭނާ ބޭނުން ކޮށްފައި ވަނީ "ޖޮލީ" ކަމަށް ވެއެވެ.

"މެޑޮކްސް ބޭނުން ވަނީ ގާނޫނީ އިމުގެ ތެރެއިން އޭނާގެ ނަން ބަދަލުކޮށް ފަހަތު ނަން ޖޮލީއަށް ބަދަލު ކުރަން. ނަމަވެސް އެންޖެލީނާ ބުނެފައި ވަނީ އޭނާ އެކަމަށް ތާއީދު ނުކުރާ ކަމަށް،" އެ ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މިދިޔަ ހަފުތާގައި ޖޮލީ ވަނީ ބްރެޑް ޕިޓް އޭނާއަށް އަނިޔާ ކޮށްފައިވާ ކަމުގެ ހެކިތައް ވެސް ކޯޓަށް ހުށަހަޅާފަ އެވެ.

މި ލިޔުންތަކުގައި ބުނެފައި ވަނީ ކޯޓުން ބޭނުންވެއްޖެނަމަ ޖޮލީ އާއި އޭނާގެ ދަރިން މެޑޮކްސް، 19، އާއި ޕެކްސް، 17، އާއި ޒަހާރާ، 16، އާއި ޝީލޯ، 14، ނޮކްސް އާއި ވިވިއޭން، 12، ތިބީ ކޯޓަށް ހެކިބަސް ދޭން ތައްޔާރަށެވެ.