ދުނިޔެ

"ބައިޑަންގެ ރުހުމާ ނުލައި ބިން އަމިއްލަ ކުރުމެއް ނެތް"

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިން ބައެއް އިޒްރޭލުގެ ބިމަކަށް ހަދަން ކުރާ މަސައްކަތްތައް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ރުހުން ނެތި ކުރިއަށް ނުގެންދަވާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ރައްޔިތުން ވަޒަންވެރި ކުރަން ޝައުގުވެރިވެ ވަޑައިގެންނެވި ނަމަވެސް މިވަގުތަށް މިގޮތް އިޚްތިޔާރު ކުރައްވާނީ ކަމަށެވެ.

"އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ހުއްދައާ ނުލައި ބިމުގެ ހައްގުވެރިންނަކަށް ނުވާނަން،" ނަތަންޔާހޫ ވިދާޅުވި އެވެ. ނަތަންޔާހޫ ވިދާޅުވި ގޮތުން އޭނާ އަބަދުވެސް ހުންނެވީ އެ ގޮތުގަ އެވެ.

ނަތަންޔާހޫގެ ވާހަކަތައް ހުރީ ހުޅަނގު އައްސޭރިއަށް ވެރިވެ ގަތުމާއިގެން ކުރިއަށް ވަޑައިގަންނަވާ ގޮތަށެވެ. އެކަމަކު ވެސް ކުރިމަތިވެ ވަޑައިގެންފައިވާ ހުރަސްތަކާ ހެދި ބަސްމަގު އެވަނީ ބަދަލު ކުރައްވާފަ އެވެ.

"ނިޔަތަކީ ހުޅަނގު އައްސޭރިން ބައެއް ލިބިގަތުން" ނަތަންޔާހޫ ވިދާޅުވި އެވެ. އެކަމަކު ވެސް ދެން ކުރިއަށް ވަޑައިގަންނަވާނެ ވަކި ގޮތެއް ވިދާޅެއް ނުވެ އެވެ.

ހުޅަނގު އައްސޭރިން ތަންގަނޑެއް ވެރިކުރުމަކީ އިޒްރޭލުން ގެންގުޅޭ މަކަރުވެރި ވިސްނުމެކެވެ. މިކަމުގައި އެންމެ އަރާހުންނެވި ބޭފުޅަކީ ބޮޑުވަޒީރު ނަތަންޔާހޫ އެވެ. ނަތަންޔާހޫގެ ވިސްނުންފުޅާ އެއްގޮތަށް ސަރުކާރުގެ ބައިވެރިންނަށް މަސަލަސްވެވުނު ނަމަ ޓްރަމްޕްގެ ވެރިކަން ނިމުމުގެ ކުރިން ހުޅަނގު އައްސޭރިން ބައެއް އިޒްރޭލުން އޮންނާނީ އަތުލާފަ އެވެ.