ފަލަސްތީންގައި އަމިއްލަ ވެރިކަމެއް އޮތަސް، އެ މީހުންގެ އަތްމައްޗަށް ފުރިހަމަ ސިޔާދަތު -- ނުފޫޒެއް ނޯންނަ ގޮތުގައި ވެރިކަން ކުރަން ހުއްދަ ނުދެވޭނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވި އަދި މަގާމުގެ ހުވައި ނުކުރައްވައި ހުންނެވި ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
އޭނާ އަދި ވިދާޅުވީ އިސްރާއީލަށް ނުރައްކަލެއް ނެތްހައި ހިނދު ފަލަސްތީންގައި ސަރުކާރެއް އެކުލަވައި ގައުމު ހިންގުމުގެ ހުރިހާ ކަމަކަށް ރުހެވިދާނެ ކަމަށެވެ. އެހެންނަމަވެސް، ސަރަހައްދީ ދިފާއީ ހުރިހާ ކަމެއް އޮންނަން ޖެހޭނީ އިސްރާއީލުގެ އަތްމަތީގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ނޭޝަނަލް ޕަބްލިކް ރޭޑިއޯއަށް ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނަށް ދެވޭނެ ހަމައެކަނި ބާރަކީ އިސްރާއީލް ދެމިއޮތުމަށް ދެވޭނެ ބާރެއް ކަމަށެވެ.
އަމިއްލަ އަށް ވެރިކަން ކުރުމުގެ ހުރިހާ ބާރެއް ފަލަސްތީނަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެއްވެސް މާނައެއްގައި އިސްރާއީލަށް ނުރައްކަލަކަށް ވުމުގެ އެއްވެސް ބާރެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫ ވިދާޅުވީ އޭނާގެ ބޮޑުވަޒިރު ކަމުގައި 2014 ގައި -- އެމެރިކާގައި އެއިރު ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޖޯ ބައިޑަންއަށް ވެސް މިވާހަކަ ދެންނެވި ކަމަށެވެ.
ޖޯ ބައިޑަން އޭނާ ގާތު ވިދާޅުވި ކަމަށް ނަތަންޔާހޫ ވިދާޅުވީ އިސްރާއީލްގެ ނިންމުމަކީ ފަލަސްތީނަށް ދެވޭ މިނިވަންކަމެއް ނޫން ކަމަށެވެ އަދި އެއީ ފަލަސްތީނަށް ފުރިހަމަ ސިޔާދަތު ދިނުމަށް ނުވާނެ ކަމަށް ބައިޑަން ވިދާޅުވި ކަމަށެވެެ.
ޖަވާބުގައި ނަތަންޔާހޫ ވިދާޅުވީ ބައިޑަން ވިދާޅުވީ ރަނގަޅަށް ކަމަށް އެކަމަކު އެއަށް ވުރެ ބޮޑުވަރު ކޮށްދެވެން ނެތް ކަމަށެވެ.
ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްހައިގެ މަޝްވަރާތައް ހުއްޓާލަން ޖެހުނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެއީ ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ތެލްއަވީވް އިން ކުރަމުން ގެންދިއަ މަސައްކަތްތައް ހުއްޓާލަން އިސްރާއީލުން އެއްބަސް ނުވުމުންނެވެ. އަދި 1993 ގެ ކުރިން އިސްރާއީލްގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ މީހުން ދޫކޮށްލަން އިސްރާއީލުން ދެކޮޅު ހެދުމުންނެވެ.
އޭނާ އުފައްދަން ނިންމާފައިވާ ސަރުކާރުގެ މައްސަލައިގައި ނަތަންޔާހޫ ވަނީ އޭނާގެ ސަރުކާރުގައި ބައިވެރިވާނެ ކަމަށް ބެލެވޭ ހަރުކަށި ފިކުރުގެ ޕާޓީތަކުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ.
މުޅި ދުނިޔެ އޭނާއާ މެދު ކަންބޮޑުވުން އޮތް އިޓަމާރު ބެންގް-ވީރުއާ ބެހޭ ގޮތުން ނަތަންޔާހޫ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އޭނާގެ އެތައް ވިސްނުމަކާއި ފިކުރެއް ބަދަލު ކޮށްފައި ވާނެ ކަމަށެވެ.
ނަތަންޔާހޫގެ ސަރުކާރަކީ އިސްރާއީލުގެ ފަހުގެ ތާރީހުގައި ވެސް އެންމެ ހަރުކަށި ފިކުރުގެ އެއް ސަރުކާރެއް ވާނެ ކަމަށް ފަލަސްތީނުން ބުނެ އެވެ.
އިސްރާއީލުން ހިފާފައި އޮތް ހުޅަނގު އައްސޭރީގައި އާބާދީތައް ހެދުމުގެ މަސައްކަތް ފުޅާކޮށް، އިރުމަތީ ގުދުސްގައި -- އަލް އަޤްޞާ މިސްކިތުގައި ހަމަނުޖުން އުފައްދަން ޔަހޫދީންނަށް ފުރުސަތުދޭނެ ކަމަށް ވެސް ފަލަސްތީން މީހުން ދެކެ އެވެ.