މޯލްޑިވްސް ޕޮލިސް ސާވިސް

މީހަކަށް އަނިޔާކުރިއިރު ފުލުހުން ބަލަހައްޓައިގެން؟

Mar 22, 2021
9

ބަޔަކު މީހުން ވެގެން މީހަކަށް އަނިޔާކުރިއިރު ފުލުހުން އެކަން ނުހުއްޓުވާ އެ ސަރަހައްދުގައި ތިބި މައްސަލައެއް ފެންމަތިވެ އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަލިމަސްކާނިވާ ސަރަހައްދުގައި ހުރި ބަސް ޓާމިނަލް ކުރިމަތީ މި ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ތިން ފުލުހަކު ހަރަކާތްތެރިވިއެވެ. އެއީ ފިރިހެން ދެ ފުލުހަކާއި އަންހެން ފުލުހެކެވެ. އެމީހާއަށް އަނިޔާކުރީ އޭނާގެ އާއިލާއަށް ނިސްބަތްވާ ބައެއް ކަމަށް އެނގިފައިވެއެވެ. އަނިޔާވި މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށްވެއެވެ. ނަމަވެސް އާއިލާއިން މަސައްކަތް ކުރީ އޭނާ ފަރުވާއަށް ގެންދިއުމަށް ކަމަށާ އަނިޔާވީ ގަދަ ދެއްކުމުން ކަމަށް ބައެއް މީހުން ބުނެއެވެ.

އެ މީހާ އޭރު އިނީ ދެފައިބަނދެފައެވެ. އޭނާއަށް އަނިޔާވާ އަމަލުތަކެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު ފުލުހުން އެ ސަރަހައްދުގައި ތިބެ އެކަން ހުއްޓުވަން އެއްވެސް މަަސައްކަތެއް ކޮށްފައިނުވާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ފުލުހުންގެ އަމަލުތައް ހުރި ގޮތާމެދު ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެ މައްސަލައާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ފުލުހުން ބުނީ އެފަދަ ކަމެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކަން ހިނގާ ދިޔައީ ކިހިނެތްތޯ ބަލަމުންދާ ކަމަަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށްފަހު ހިއްސާ ކުރާނެ ކަމަށްވެސް ބުންޏެވެ.