ދުނިޔެ

މުބާރަކަށް އައި ތިން އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ ޝަރީއަތް އަލުން ކުރަން އަންގައިފި

Jan 13, 2015

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ މައްޗަށް ކޮރަޕްޝަންގެ ކުށުގައި އައި ތިން އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ ޝަރީއަތް ވެސް އަލުން ކުރަން އެ ގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ ނިކުމެ 2011 ގައި މުބާރަކް ވެރިކަމުން ވައްޓާލުމަށް ފަހު އޭނާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލުމުން އެ ކުށުގައި އޭނާ ތިން އަހަރަށް ޖަލަށްލާން 2013 ގައި އެ ގައުމުގެ ދަށު ކޯޓަކުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް މުބާރަކްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ގައުމުގެ އިސްތިއުނާފީ ކޯޓަކުން ވަނީ އެ ހުކުމް މިއަދު ބާތިލްކޮށް، އެ ޝަރީއަތް އަލުން ކުރަން އަންގައިފަ އެވެ. ކޯޓުން އެގޮތަށް އެންގީ ދަށު ކޯޓުގައި ޝަރީއަތް ހިންގިއިރު ބައެއް ކަންތައްތައް ގޯސްކޮށް ގެންގޮސްފައިވާތީ އެވެ.

އިސްތިއުނާފީ ކޯޓުގެ ހުކުމް އެގޮތަށް އައުމާ އެކު އަސްކަރީ ހޮސްޕިޓަލެއްގައި އޮންނަވައިގެން ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދެވި މުބާރަކް އެއްކޮށް މިނިވަންވާނެ އެވެ.

މުބާރަކްގެ އިތުރުން އެ މައްސަލައިގައި އޭނާގެ ދެ ދަރިކަލުން ވެސް ޖަލަށްލާން ކޮށްފައިވާ ހުކުމް އިސްތިއުނާފީ ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. އެ ދެ މީހުންގެ ޝަރީއަތް ވެސް އަލުން ކުރަން ވަނީ އަމުރުކޮށްފަ އެވެ.

މުބާރަކްގެ ވެރިކަން ވައްޓާލަން މުޒާހަރާ ކުރި މީހުން މެރުމަށް އަމުރު ކުރި ކަމަށް ބުނެ މުބާރަކްގެ މައްޗަށް 2012 ގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. ނަމަވެސް އިސްތިއުނާފީ ކޯޓުން އެންގީ އެ މައްސަލަ ވެސް އަލުން ބެލުމަށެވެ. އެގޮތުގެ މަތިން އެ މައްސަލަ އަލުން ބެލުމަށް ފަހު މިދިޔަ ނޮވެމްބަރު މަހު ދަށު ކޯޓުން ވަނީ އެ ދައުވާ މުބާރަކްގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ.

މުބާރަކްގެ ވެރިކަން ވައްޓާލުމަށް ފަހު އިންތިޚާބަކު ވެރިކަމަށް އައި ޑރ. މުހައްމަދު މުރްސީގެ ވެރިކަން ވެސް ސިފައިން ވަނީ ވައްޓާލައިފަ އެވެ. އޭގެފަހުން މިހާރު ވެރިކަމުގައި ހުންނެވީ ސިފައިންގެ ކުރީގެ ވެރިޔާ އަބްދުލްފައްތާހު ސީސީ އެވެ. މުބާރަކްގެ ވެރިކަން ވައްޓާލި ފަހުން މިއަދާ ހަމައަށް ވެސް މިސްރުގައި ހަމަޖެހުން ގާއިމްވެފައެއް ނުވެއެވެ.