ލޯން އެއްބަސްވުމުގެ ދަށުން މި ސީޒަންގައި، ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅުމުގެ ބޭނުމަކީ، ޔޫރޯ ފުޓްބޯޅަ މުބާރަތަށް ދާއިރު މެޗުތަކެއް ކުޅެ ފިޓްނަސް ހިފެހެއްޓުން ކަމަށް ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ބުނެފި އެވެ.
ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން، ބޭލް ސްޕާސް އަށް ބަދަލުވީ މި ސީޒަން ނިޔަލަށެވެ. އޭނާ ބުނީ، ޓޮޓެންހަމް އަށް ބަދަލުވުމުގެ ބޭނުމަކީ ދާއިމީ ގޮތެއްގައި މެޗުތަކެއް ކުޅެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުން ކަމަށެވެ.
"އަހަރެން ސްޕާސް އަށް އައުމުގެ މައިގަނޑު ސަބަބަކީ ފުޓްބޯޅަ ކުޅުން. މެޗުތަކެއް ކުޅުން. ޔޫރޯއަށް ދާއިރު އަހަރެން ބޭނުންވޭ ވާދަވެރި މެޗުތަކެއް ކުޅެ މެޗު ފިޓްނަސް ހިފަހައްޓަން،" ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބެލްޖިއަމް އާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ގައުމީ ޓީމާއެކު ހުރި ބޭލް ބުންޏެވެ.
"ހަގީގީ ޕްލޭނަކީ އެއް ސީޒަންގައި ސްޕާސްއަށް ކުޅެ ޔޫރޯގެ ފަހުން އެނބުރި ރެއާލް މެޑްރިޑަށް ދިއުން. އަހަރެންގެ ކޮންޓްރެކްޓް އަދިވެސް ބާކީ އެއް އަހަރު އެބައޮތް. ތެދުތެދަށް ބުނަންޏާ އަހަރެންގެ ޕްލޭން އަކީ އެއީ."
ރެއާލް މެޑްރިޑްގެ ކޯޗަކަށް ޒައިނުއްދީން ޒިދާން ހަވާލު ވި ފަހުން، ބޭލްއަށް ރެއާލްގައި ފުރުސަތު ލިބިފައި ވަނީ މަދުންނެވެ. މިދިޔަ ސީޒަންގައި ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅެފައި ވަނީ 14 މެޗެވެ. ބޭލްގެ ލޯން އެއްބަސްވުމާ ގުޅިގެން ޓޮޓެންހަމް އާ ރެއާލް ދެމެދު ވެވުނު އެއްބަަސްވުމުގައި، ޓޮޓެންހަމްއިން ބޭލް ގަތުމުގެ މާއްދާއެއް ހިމަނާފައެއް ނުވެ އެވެ. ޕްރިމިއާ ލީގްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ބޭލް ހުރިއިރު އޭނަގެ މުސާރައިން ބައެއް ރެއާލްއިންވެސް ދެ އެވެ.
ބޭލް، 31 އެނބުރި ސްޕާސްއަށް ދިޔައިރު އޭނާގެ ފިޓްނަސް އަށް ވަނީ އަސަރު ކޮށްފަ އެވެ. އެހެންނަމަވެސް ސީޒަންގެ ދެ ވަނަ ހާފުން ފެށިގެން އޭނާ ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ހޯޒޭ މޮރީނިއޯގެ ކޯޗް ކަމުގެ ދަށުން 25 މެޗުގައި 10 ގޯލް އޭނާ ވަނީ ޖަހާފަ އެވެ.
ރެއާލް އާއެކު ބޭލް ހަދާފައިވާ އެއްބަސްވުން ހަމަ ވާނީ އަންނަ އަހަރުގެ ޖޫން މަހު އެވެ. ސްޕާސްގައި ހުއްޓައި 2013 ވަނަ އަހަރު ރެއާލްއިން ބޭލް ގަތީ އޭރު ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 85 މިލިއަން ޕައުންޑަށެވެ.