ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މައުމޫން އަބްދުލްގައްޔޫމް

އެޗްޕީއޭގެ ގަވާއިދުން ވަކި މީހަކު އިސްތިސްނާ ވެގެން ނުވާނެ: މައުމޫން

ނުރައްކާތެރި ބަލިބަލިން މުޅި ގައުމު ސަލާމަތް ކުރެވޭނީ ހުރިހާ އިދާރާތަކަކުންވެސް އެޗްޕީއޭގެ ގަވާއިދު ތަކަށް އަމަލު ކޮށްގެން ކަމަށާ ވަކި މީހަކު ނުވަތަ ވަކި އިދާރާއެއް އެކަމުން އިސްތިސްނާ ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނ އެޗްޕީއޭގެ އުސޫލުތަކާމެދު މަޖިލީހުގެ މެންބަރުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށް އަދި މަޖިލީސް މެންބަރުންނަށް ބައެއް ލުއިތައް ދިނުމަށް ގޮވާލަމުންދާ ވަގުތެއްގައެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުރައްކާތެރި ބަލިބަލިން މުޅި ގައުމު ސަލާމަތް ކުރެވޭނީ ހުރިހާ އިދާރާތަކަކުންވެސް އެޗްޕީއޭގެ ގަވާއިދު ތަކަށް އަމަލު ކޮށްގެން ކަމަށެވެ. އަދި ވަކި މީހަކު ނުވަތަ ވަކި އިދާރާއެއް އެކަމުން އިސްތިސްނާ ނުވާނެ ކަމަށް ވިދާޅުވިއެވެ.

އެކިއެކި ނުރައްކާތެރި ބަލިބަލިން މުޅި ގައުމު ސަލާމަތް ކުރެވޭނީ ހުރިހާ އިދާރާތަކަކުންވެސް އެޗްޕީއޭގެ ގަވާއިދު ތަކަށް އަމަލު ކޮށްގެން. ވަކި މީހަކު ނުވަތަ ވަކި އިދާރާއެއް އިސްތިސްނާއެއް ނުވާނެ
މައުމޫން އަބްދުލްގައްޔޫމް | ކުރީގެ ރައީސް

ކޮވިޑް 19 އާއި ގުޅިގެން ބޭރަށް ނުކުތުން މަނާ ގަޑިތަކުގައިވެސް މަޖިލީހުގެ މެމްބަރުންނަށް ބޭރުގައި އުޅެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް މަޖިލީހަށް ވަނީ ހުށައަޅާފައެވެ. ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ދަށުން ރޭގަނޑު 11:00 އިން ފެށިގެން ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ. އަދި އެގަޑިތަކުގައި ބޭރަށް ނުކުމެވެނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

މަޖިލީހުގެ އާންމު ކޮމިޓީގެ ހޯމަ ދުވަހުގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަންދުވެފައި ތިބުމަކީ އެ މެމްބަރުން ތަމްސީލްކުރާ ދާއިރާތަކުގެ ރައްޔިތުންނަށްވެސް ދަތިވާނެ ކަމެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވަމުންދާ މަސައްކަތާ މަސައްކަތުގެ ބާވަތުން ނުވަަތަ މަސައްކަތް ކުރަން ޖެހޭ ގަޑިއާއި ވަގުތާ އަދި ތަންތަނަށް ބަލާއިރު މަޖިލީހުގެ މެމްބަރުން ފަސޭހަކަމާއެކު ތަންތަނަށް ވަޑައިގެންނެވުމަށް އަދި ހަމައެއާއެކީގައި އެކި ވަގުތުތަކުގައި ކުރައްވާ މަސައްކަތްތަކަށް ދަތިނުވާނެ ގޮތަށް މަގުތަކުގައި އުޅެވޭނެ ކަހަލަ ގޮތެއްވުމަކީ ވަރަށް މުހިންމު ކަމެއް" ހަސަން ލަތީފް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އަތޮޅު ތެރެއަށް ދަތުރު ކުރެއްވުމަށް ބޭނުންފުޅުވާ މަޖިލީހުގެ މެންބަރުން އެމަނިކުފާނަށް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު އެކަމަށް އެދިވަޑައިގެންނެވީ ކެމްޕޭނަށް ހަމަހަމަ ފުރުސަތު ނެތް ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި މެންބަރުންނަށް އިޝާރާތް ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރެއްވި އިދިކޮޅު ބައެއް މެންބަރުން ވަނީ ކެމްޕޭނަށް ރަށްތަކަށް ދަތުރު ކުރެއްވުމަށް އެ ބޭފުޅުން މަސައްކަތް ކުރެއްވި ނަމަވެސް އެޗްޕީއޭ އިން އެކަމަށް ހުއްދަދީފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެކަމަކު ސަރުކާރަށް ތާއީދަށް ކުރައްވާ މެންބަރުން ހުއްދައަށް އެދިވަޑައިގަންނަވާއިރު ހުއްދަ ހަމަޖެހިގެންދާ ކަމަށްވެސް އިދިކޮޅު މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އިދިކޮޅު މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ކައުސިލް އިންތިހާބުގެ ކެމްޕޭންގައި ބައިވެރިވެ، ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ލިބެންވާނެ ކަމަށެވެ. އެހެންކަމުން ކެމްޕޭނަށް އަތޮޅު ތެރެއަށް ދަތުރުކުރުމަށް ބޭނުންފުޅުވާ މެންބަރުން އެމަނިކުފާނަށް އެކަން ހުށަހެޅުއްވުމުން ހުއްދަ ހޯދައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މެންބަރުން ހުށަހެޅުއްވީމާ އެކަމުގައި އަޅުގަނޑަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭނަން. އުއްމީދުކުރަނީ އެކަން ވާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.