ހަބަރު

ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދު ނެރެފި

Mar 26, 2021
2

ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހުންނަށް ބޭނުން މައުލޫމާތު ހިމެނޭ ގަވާއިދު ނެރެފި އެވެ.

ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނުން ބާރު ލިބިގެން، ފޮރިން މިނިސްޓްރީން ނެރެފައިވާ ދިވެހި ރައްޔިތުކަން ދޫކޮށްލުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފަރާތުގައި ގިނަ ޝަރުތު ތަކެއް ހަމަވާން ޖެހެ އެވެ.

ރައްޔިތުކަން ދޫކޮށްލެވޭ ޝަރުތުތައް

  • އުމުރުން 18 އަހަރު ވެފައިވުން
  • ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭ މީހެއް ކަމުގައި ވުން
  • އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވުން،
  • އެހެން ގައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ވުން

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ފަރާތް ތަކުން ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފޯމާއި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ދިވެހި ޕާސްޕޯޓުގެ ކޮޕީއެއް ހުށަހަޅަން ޖެހެ އެވެ. މީގެ އިތުރުން ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި އޭނާގެ މިލްކުވެރިކަމުގައި ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް
ބިމެއް އޮތް ނަމަ، އެ ބިމަކާ ގުޅޭ މައުލޫމާތާއި އެ ބިން ދޫކޮށްލުމަށް އެދޭ ގޮތާއި ބިން އެހެން ފަރާތަކަށް ބަދަލު ކުރުމަށް ގަސްތުކުރާ ފަރާތުގެ މައުލޫމާތު ވެސް ހިމެނެ އެވެ.

މީގެ އިތުރުން ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ފަރާތުގެ ކުށުގެ ރެކޯޑާއި އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ އަދި ނަން ބަދަލު ކޮށްފައިވާ ފަރާތްތަކުން، ނަން ބަދަލު ކުރިކަން އަންގައިދޭ ލިޔުމާއި، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބަދަލު ކޮށްފައިވާނަމަ ބަދަލު ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ އިތުރުން އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވުމުގެ އިތުރުން އެހެން ގައުމެއްގެ ރައްޔިތުކަން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމުގެ ލިޔުން ވެސް ހުށަހަޅަން ޖެހެ އެވެ.

ރައްޔިތުކަން ދޫކޮށްލުމުން ގެއްލޭ ހައްގުތަކާއި އިހުތިޔާރުތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެނޫން ވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުމެއް ގެންގުޅުމުގެ ހައްގު
  • ދިވެހި ޕާސްޕޯޓުގައި ދަތުރުފަތުރު ކުރުމުގެ ހައްގު
  • އިތުރު ހުއްދައެއް ހޯދުމަކާ ނުލައި ދިވެހިރާއްޖެއަށް އެތެރެވުމުގެ ހައްގު
  • ދިވެހިރާއްޖޭގައި ބާއްވާ އެއްވެސް އިންތިޚާބެއްގައި ވޯޓުލުމުގެ ހައްގާއި އެއްވެސް އިންތިޚާބަކަށް ކުރިމަތިލުމުގެ ހައްގު
  • އެއްވެސް ބިމެއް މިލްކުވެފައިވާނަމަ، މިލްކުވެރިކަމުގެ ހައްގާއި މިލްކުވެރިކަން ލިބެން އޮތް ބިމަކާ ގުޅޭގޮތުން އޭނާއަށް ލިބިފައިވާ ހައްގު
  • ގާނޫނުއަސާސީންނާއި ގާނޫނުން ދިވެހި ރައްޔިތުންނަށް ލިބިދޭ އެނޫންވެސް ހައްގުތަކާއި އިމްތިޔާޒުތަކާއި އިނާޔަތް ލިބުމުގެ ހައްގު

މި ގަވާއިދުގައިވާ ގޮތުން ދިވެހި ރައްޔިތުކަން އަނބުރާ އިޔާދަވާ ސަބަބުތަކުގެ ތެރޭގައި ރައްޔިތުކަން ދޫކޮށްލި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުން ހިމެނެ އެވެ.