ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ފިޔަވަޅުތައް ބޮޑުވަރިހަމަ ވެފައި!

ކޮވިޑް-19 ބަލި ރާއްޖެއިން ފެނުނުތާ އަހަރު ދުވަސްވީއެވެ. އަދި މާލެއިން ކޮވިޑް ކޭހެއް ފެނުނުތާ އަހަރު ދުވަސްވާ ދެން އޮތީ ފަނަރަ ދުވަހެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ހޭދަކުރި މި މުއްދަތުގައި 23،800 ވުރެ ގިނަ މީހުންނަށް ބަލި ޖެހިއްޖެއެވެ. 66 މީހަކު ބަލީގައި މަރުވެއްޖެ އެވެ. ކޮވިޑާއެކު ހޭދަކުރަން ޖެހުނު މުއްދަތުގައި ރައްކާތެރިކަމަށްޓަކައި ވަރަށް ގިނަ ފިޔަވަޅުތައް އަޅަން ޖެހުނެވެ. އެއީ މިއިން ޒަމާނެއްގައިވެސް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅެއް ނޫނެވެ.

ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރިއެވެ. އިގްތިސާދުގެ މައި އިންޖީނު ނިއްވާލާ ޓޫރިޒަމް މަސްތަކަކަށް މެދުކަނޑާލިއެވެ. މާލޭގައި ކާފިއު ހިންގާ ލޮކްޑައުން ކުރިއެވެ. ރަށްރަށަށް އަރާ ފޭބުން މަނާވި މަސްތަކެއް ދިޔައެވެ. މާސްކު އެޅުން މަޖުބޫރުކޮށް ހިދުމަތްދޭ އެތަށް ތަނެއް ބަންދު ކުރަން ޖެހުނެވެ. ވެހިކަލް ދުއްވުން މަނާ ވަގުތުތަކެއް ކަނޑައެޅިއެވެ.

ކޮންމެ ފިޔަވަޅަކީވެސް ކޮވިޑް ފެތުރޭ މިންވަރު ދަށްކުރުމަށް ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅުތަކެވެ. އެ ފިޔަވަޅުތަކުގެ ނަތީޖާވެސް ފެނުނެވެ. ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތަށް ނުގޮސް ސަލާމަތްވެވުނީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ސިއްހީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.

ފިޔަވަޅުތަކާއެކުވެސް ދިވެހިން ކޮވިޑްގެ ނުރައްކާތެރި ތިން ހާލަތަކާއި ކުރިމަތިލާން ޖެހުނެވެ. މިހާރު މި ތިބީ ކޮވިޑްގެ ތިންވަނަ ރާޅުގެ ތެރޭގައެވެ. އެންމެ ހާލަތު ގޯސްވީ ހުސްވި ފެބްރުއަރީގައެވެ. އެމަހުގެ ކޮންމެ ދުވަހަކީވެސް ރެކޯޑް އަދަދަކަށް މީހުން ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. ބަލީގައި 10 މީހަކު މަރުވިއެވެ. އަދި އެތަށް ބަޔަކު ހާލު ސީރިއަސްވެ ފަރުވާދޭން ޖެހުނެވެ. މާޗް ފެށި މިއަދު މަސް ނިމޭއިރު އަދިވެސް ހާލަތު މާބޮޑަށް ބަދަލެއް ނުވެއެވެ. ޕޮޒިޓިވް ކޭސްތަކުގެ އަދަދު 100 އިން ދަށަށް ނުދެއެވެ. 150 މަތީގައި ކޭސްތައް ހުންނަ ދުވަސް ގިނައެވެ.

ނަމަވެސް އެއް ކަމެއް ބަދަލުވެއްޖެ އެވެ. އެއީ ބަލިމަޑުކަމާމެދު ދެކޭ ގޮތް ބަދަލުވުމެވެ. ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުން ކުޑަވުމެވެ. މިފަހަރު ހަމައެކަނި އާންމުންގެ ފަރާތަކުން އެކަންޏެއް ނޫނެވެ. ތަންފީޒީ އިދާރާތަކުންވެސް ފިޔަވަޅުތައް ތަންފީޒު ކުރަން ކުރާ މަސައްކަތް ކުޑައެވެ.

ކޮވިޑްގެ ހާލަތު ގޯސްވާ ކޮންމެ ފަހަރަކު ސިއްހީ އޮފިޝަލުން ގިނަ ވަގުތު ހޭދަކުރަނީ އާންމުން ހޭލުންތެރި ކުރުވުމަށެވެ. ޓީވީ، ރޭޑިއޯ ޕްރަގްރާމްތައް މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ މައުލޫމާތު ގެނެސްދެއެވެ. ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލްވުންތައް ބާއްވަވާ ހާލަތު ކިޔައިދެއެވެ. ބުނެދެއެވެ. ސަމާލުކަން ދޭންވީ ކަންކަމާއި ރައްކާތެރިވާންވީ ކަންކަން ސާފުކޮށްދެއެވެ. ފިޔަވަޅުތަކުގައި ހިފަން އާދޭހާއެކު އިރުޝާދު ދެއެވެ.

ނަމަވެސް އެކަން މިއަދު ބަދަލުވެއްޖެ އެވެ. ހަފްތާގެ ހަތް ދުވަހުގެ ނޫސްވެރިންގެ ބައްދަލްވުން ހަފްތާއަކު އެއް ބައްދަލްވުމަށް ބަދަލުވެއްޖެ އެވެ. ހޭލުންތެރިކަމަށްޓަކައި ކުރީން ކުރަމުން އައި މަސައްކަތްތަކުގެ ބައިކުޅަބައިވެސް މިހާރު ނުފެނެއެވެ.

ކޮވިޑް ކޭސްތައް 100 އިން ދަށްނުވަނީސް ފިޔަވަޅުތަކަށް ލުއިދެވެން ނެތް ކަމަށް ވަކާލާތު ކުރަމުން އައިސް ކުއްލިއަކަށް ފިޔަވަޅުތަކަށް ލުއިތައްވެސް ދީފިއެވެ. ވެހިކަލް މަނާ ވަގުތު އުވާލައިފި އެވެ. ހިދުމަތް ދެވޭ ވަގުތު އިތުރުކޮށްފި އެވެ. ކާފިއު ގަޑިއެއް ކަނޑައަޅާފައި އޮތް ނަމަވެސް އެއީ ހަމަ އެހެން ވަގުތެކޭ އެއްފަދަ ވަގުތަކަށް ވެއްޖެ އެވެ. ކުރީން މާލެ ޕެޓްރޯލް ކޮށް ބަލަހައްޓަމުންދިޔަ މިންވަރު ޔަގީނުންވެސް ދަށެވެ. ކާފިއު ގަޑީގައި ބޭރުގައި އުޅުނު ނަމަވެސް ފިޔަވަޅެއް ނާޅައެވެ. އެތަށް ބަޔަކު މާސްކު ނާޅާ މަގުމަތީ އުޅެއެވެ. އެކަންކަމަށްވެސް މިހާރު ފިޔަވަޅު އަޅާތަނެއް ނުފެއެވެ.

ސުކޫލުތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ. އާދިއްތައިން ފެށިގެން އެލްކޭޖީއިން މަތީ ގުރޭޑްތަކުގެ ކިޔެވުން އޮންނާނީ ސުކޫލަށް ހާޒިރު ވެގެންނެވެ. މިހެން ގޮސް ކިތަންމެ ކަމަކަށް މިހާރު ލުއިތައް ދީފިއެވެ.

ނަމަވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަށެއް ނޫނެވެ. އަދި މިއީ އަތޮޅުތެރޭގައި އެންމެ ޕޮޒިޓިވް ކޭސްތައް ގިނަ ދުވަސްވަރެވެ. 52 ރަށެއްގައި 500 ވުރެ ގިނަ އެކްޓިވް ކޭސް އެބަހުއްޓެވެ. ބައެއް ރަށްރަށުގައި 100 އާ ގާތް ކުރާ އަދަދަށް މީހުން ޕޮޒިޓިވްވެފައިވެއެވެ. ކ. ހުރާގައި 95 މީހަކު، ފެލިވަރުގައި 75 މީހަކު، ނައިފަރުގައި 56 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ބައެއް ރަށްރަށުގައި ބަލި އޮތް މިންވަރު އޮތީ ވަޒަން ނުކުރެވިއެވެ. އެތަށް ސަތޭކަ ސާމްޕަލެއް ނަގާ ނަތީޖާ ނުލިބި އެބަހުއްޓެވެ. ބައެއް ރަށްރަށުން ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ފަސް ދުވަސް ފާއިތުވެއްޖެ އެވެ. ރެއަކާއި ދުވާލުން 5،000 ސާމްޕަލްގެ ނަތީޖާ ހޯދުމުގެ ގާބިލްކަން ރާއްޖޭގައި ހުރިއިރު ނަތީޖާ ނުލިބި ފަސް ދުވަސް ހޭދަވުން އެއީ ރަށްތަކަށް ބަލި ފެތުރެން އޮތް ވަރަށް ފުޅާ ފުރުސަތެކެވެ.

މާޗް މަސް ފެނުނުއިރު ރާއްޖޭގެ ޕޮޒިޓިވް ނަންބަރަކީ 19،793 އެވެ. ނަމަވެސް މަސް އިއްޔެގެ ނިޔަލަށް އެ އަދަދު ވަނީ 23،838 އަށް އަރާފައެވެ. މާނައަކީ މި މަހު 4،045 މީހަކަށް ކޮވިޑް ޖެހިފައިވުމެއެވެ. އަދި މި މަހު ހަތަރު މީހަކު މި ބަލީގައި މަރުވެފައިވެއެވެ. އެހެންވީމަ ނަންބަރަކަށް ބަދަލެއް ނާދެއެވެ. ބަދަލު އައީ ފިޔަވަޅުތަކަށެވެ. އަދި ފިޔަވަޅުތަކަށް އިޖާބަދޭ މިންވަރަށެވެ.

ސުވާލަކީ އެހެންވީ ކީއްވެ ހެއްޔެވެ. ފިޔަވަޅުތަކާއި ގުޅިގެން ސިޔާސީ ބޭފުޅުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެޗްޕީއޭ އާއި ޓެގް ޓީމުގެ އިސްވެރިންނަށް އަމާޒުވިއެވެ. ފިޔަވަޅުތަކަށް ލުއި ދޭން ޖެހޭ ކަމަށް ތަކުރާރުކޮށް ގެންދެވީ ވިދާޅުވަމުންނެވެ. އެޗްޕީއޭގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ފިޔަވަޅުތަކަށް ލުއިދޭން ޖެހޭނެ ކަމަށް މެންބަރުން ވިދާޅުވިއެވެ. ލުއި ނުދޭން "ގަދަ" ދައްކަނީ ކީއްވެގެންތޯ ތަކުރާރުކޮށް ސުވާލު ކުރެއްވިއެވެ.

އަދި އެންމެ ފަހުން ޓެގް ޓީމުގެ މެންބަރުންނަށް ބޮޑެތި ތުހުމަތުތައް އަމާޒު ކުރެއްވިއެވެ. ކޮވިޑް ފިޔަވަޅުތައް ދަމަހައްޓަނީ "ނާޖައިޒު" މަންފާ ހޯދަން ކަމަށް ތުހުމަތުކޮށް އެތަށް މިލިއަނަކުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. ޓެގް ޓީމުގެ ބައެއް ބޭފުޅުންގެ ނަން ވިދާޅުވެވެސް ތުހުމަތު އަމާޒު ކުރެއްވިއެވެ.

މި ހުރިހާ ކަަމަކާ ހުރެ ގައުމީ ހިދުމަތުގައި ތިއްބެވި ސިއްހީ ހިދުމަތްތެރިން "މާޔޫސް" ވީ ހެއްޔެވެ. ކޮންމެވެސް ކަމެއް ވެއްޖެ އެވެ. މިއަދު ކޮވިޑް ފިޔަވަޅުތައް ބޮޑުވަރިހައަށް ގޮސްފައިވަނީ ހޭލުންތެރި ކުރުވަން ފެށި މަަސައްކަތުގެ ގިޔަރު ދަށްވީމައެވެ. ފިޔަވަޅުތައް ތަންފީޒު ކުރަން އިދާރާތަކުން ކުރަމުންދިޔަ ބުރަ އަދި ބޮޑު މަަސައްކަތް މަޑުޖެހުނީމައެވެ. މިހެން ވެއްޖެނަމަ ކޮވިޑްގެ ހަތަރުވަނަަ ރާޅެއް ނައިސް ސަލާމަތްވެވިދާނެ ހެއްޔެވެ. ކޮވިޑް ވެކްސިން ޕްރަގްރާމް ކާމިޔާބު ކަމާއެކު ހިންގި ނަމަަވެސް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރެވޭނެ އަދިވެސް މަސްތަކެއް ފަހުންނެވެ. އެހެންވީމަ މިއީ އަދި ފިޔަވަޅުތައް މުޅީން ދޫކޮށްލަންވީ ވަގުތެއް ނޫނެވެ.