އިސްލާމިކް މިނިސްޓްރީ

ޒިކުރާ ބިމުގައި ވަގުތީ މިސްކިތެއް އަޅަން ބަޔަކު ހޯދަނީ

މާލޭގެ މަޖީދީ މަގުގައި ޒިކުރާ މިސްކިތް ކުރިން ހުރި ބިމުގައި ވަގުތީ މިސްކިތެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.


މިމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއްޔެގެ ވަގުތެއްގައި މިނިސްޓްރީން އިއުލާންކޮށްފައި މިވަނީ ޒިކްރާ މިސްކިތް ތަޅާލާފައިވާތީ އެ މިސްކިތް ކުރިން ހުރި ބިމުގައި ވަގުތީ މިސްކިތެއް އަޅައިދިނުމަށް އެދި އާންމުންގެ 1،100 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު އިސްލާމިކް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.

މި ޕެޓިޝަނާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމަށްޓަކައި އެކަން ކުރުމަށް ރަޖިސްޓްރީވެ، މިމަސައްކަތުގެ މައުލޫމާތު ސާފުކުރުމަށްފަހު އެ މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.

މިނިސްޓްރީން ބުނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ، ރަޖިސްޓްރީވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް މެއިލްކޮށްދޭނެ ކަމަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިމަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މާދަމާ ހަވީރު 4:00 ގެ ކުރިން ރަޖިސްޓްރީ ކުރަން މިނިސްޓްރީން ވަނީ އަންގާފަ އެވެ. ރަޖިސްޓްރީ ކުރެވުނުކަން ޔަގީންކުރުމަކީ އެ ފަރާތުގެ ޒިންމާއެއް ކަމަށްވެސް އިއުލާންގައިވެ އެވެ.

އަންދާސީހިސާބު ހުށަހެޅުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ މެންދުރުފަހު 1:30ގައި މިނިސްޓްރީގެ މީޓިން ރޫމްގަ އެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ މިމަސައްކަތާ ގުޅޭ އިތުރު މައުލޫމާތު އެއްވެސް ފަރާތަކުން ސާފުކުރަން އެދޭ ނަމަ މިމަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މިނިސްޓްރީއަށް އީމެއިލް ކޮށްގެން އަދި ގުޅައިގެން ސާފުކުރުމަށް އެދޭ ކަމަށެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައި މިވަނީ އެ ބިމުގައި 10 ބުރީގެ މިސްކިތެއް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޖޭ ކޮންސްޓްރަކްޝަން ކިޔާ އަމިއްލަ ކުންފުންޏަކާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭ މައްސަލަތަކެއް ކޯޓުގައި ހިނގަމުން ދަނިކޮށެވެ.

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް އެސްޖޭއާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ވެސް އުފުލާފަ އެވެ. މިދައުވާ ވަނީ އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިއެއް ކަމުގައިވާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ކޮށްފަ އެވެ.

ޒިކުރާ މިސްކިތް ކުރިން ހުރި ބިމުގައި "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރީގެ މިސްކިތެއް އެޅުމަށް އެސްޖޭއާ ހަވާލުކުރީ ޖުލައި 9، 2018 ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ނިންމާފައި އޮތް މި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެސްޖޭ އަށް 30 މިލިއަން ރުފިޔާ ވެސް ދީފަ އެވެ. ނަމަވެސް މިސަރުކާރުން ވަނީ އެއްބަސްވުމާ އެއްގޮތަށް އެސްޖޭ ކުންފުނިން މިސްކިތުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީ ކަމަށް ބުނެ އެސްޖޭއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފަ އެވެ.