ފައިޒާ

ފައިޒާ ވެކްސިން ދޭނެ މީހުން ކަނޑައަޅައިފި

ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖެއަށް ގެނެސްފައިވާއިރު އެ ވެކްސިން ދޭނެ މީހުން ކަނޑައަޅައިފި އެވެ.

މިއީ ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން އެވެ. ރާއްޖެއަށް ލިބިފައިވަނީ 5,850 ޑޯޒެވެ. ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނިކޮށެވެ.

އެޗްޕީއޭއިން މިއަދު ބުނީ ފައިޒާ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަނި ކަމަށެވެ. ފައިޒާ ވެކްސިން ދޭނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށް މީހުންނަށެވެ.

ފައިޒާ ވެކްސިން ދޭ ކެޓަގަރީތައް

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
  • ޑަޔަލިސިސް ގަވާއިދުން ހަދަމުންދާ މީހުން
  • ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ހޯދަމުންދާ މީހުން
  • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ނިޒާމު ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުން ކުރާ މީހުން

އެޗްޕީއޭއިން ވަނީ އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ނިޒާމު ބާރު ދެރަކުރާ ބޭސްތަކަކީ ކޮބައިކަން ހާމަކޮށްފައެވެ.

ފައިޒާ ވެކްސިނަކީ 16 އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލި ހާލަތުގައިވާ ކުދިންނަށްވެސް ވެކްސިން ދޭނެ އެވެ.

16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ވެކްސިން ދޭނެ ކެޓަގަރީތައް

  • ޑަޔަލިސިސް ގަވާއިދުން ހަދަމުންދާ ކުދިން
  • ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ހޯދަމުންދާ ކުދިން
  • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ނިޒާމު ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުން ކުރާ ކުދިން
  • ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން
  • ހަކުރު ބަލީގެ ކުދިން
  • ތެލަސީމިއާ މޭޖާ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
  • ޑައުންސިންޑްރޯމް ހުންނަ ކުދިން
  • ސިސްޓިކް ފައިބްރޯސިސް، ބްރޮންކޮއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
  • އުފެދުމުގައި ހުންނަ ހިތުގެ ބަލިތައް (ކޮންޖެނިޓަލް ހާޓް ޑިޒީޒް) ހުންނަ ކުދިން (ސާޖަރީ ހަދާފައިނުވާ ކުދިން)

އެޗްޕީއޭއިން ވަނީ ފައިޒާ ވެކްސިން ޖަހަން ޝަރުތުހަމަވާ އަދި ވެކްސިން ޖަހަން ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް އަންގާފައެވެ. މި ލިންކުން https://tinyurl.com/j5jdehrz ރަޖިސްޓްރީވެވޭނެ އެވެ. ވެކްސިން ދޭނީ ރަޖިސްޓްރީވާ ތަރުތީބުންނެވެ.

ވެކްސިން ދޭނީ މާލެ ސަރަހައްދުގައި އެކަނި ކަމަށާ އަދި ވެކްސިން ދޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒާ ވެކްސިނުން ދެ ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. މި ވެކްސިން ދިނުމުގައި ދޮށީ އުމުރުގެ މީހުންނަށް އިސްކަން ދޭނެ ކަމަށް ވަނީ ބުނެފައެވެ.