ޖޯޑަންގެ ޝާހީ ހާންދާނުގެ ވެރިންތަކެއް ހިމެނޭ ގޮޮތަށް ބާސިމް އިބްރާހީމް އަވަދުﷲ ހައްޔަރުކޮށްފި އެވެ. ޖޯޑަން ނިއުސް އޭޖެންސީ (ޕީޓްރާ) އިން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
ގައުމީ ދިފާއީ ބާރުތަކާ ހަވާލާދީ ޕީޓްރާއިން ރިޕޯޓްކުރާ ގޮތުން ޕްރިންސް ހަމްޒާ ބިން އަލްހުސައިން ވެސް ހުންނެވީ ހިފަހައްޓާފަ އެވެ. ހަމްޒާއަކީ ރަސްގެފާން އަބްދުﷲ ގެ އެއްބަފާ ކޮއްކޯފުޅެވެ. އަދި ކުރިން އޮތް ގޮތުން ވަލީއަހުދަކީ ވެސް ހަމްޒާ އެވެ. އެހެން ނަމަވެސް މިހާރު ވަލީއަހުދަކީ އަބްދުﷲ ރަސްގެފާންގެ ދޮށީ ދަރިކަލުން ހުސައިން ބިން އަބްދުﷲ އެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ސަރުކާރުގެ ބައެއް އޮފިޝަލުނާއި ގަނޑުވަރުގެ ބައެއް އޮފިޝަލުން ހިފަހައްޓާފައިވާ ކަމަށް ގައުމީ ޚަރަބަަރު އޭޖެންސީން ބުނެ އެވެ. މިގެ ތެރެއިން ބައެއް ބޭފުޅުން ސީދާ ގޭބަންދު ނުކުރެއްވި ނަމަވެސް ޖަމާއަތުގެ ބައެއް ހަރަކާތްތަކުން ދުރުހެލިވުމަށް އަންގާފައިވާ ކަމަށްވެ އެވެ.
ގައުމީ ހަބަރު އޭޖެންސީން ކުރިިން ބުނި ގޮތުން ޕްރިންސް ހަމްޒާ ގޭގައި ބަންދެއް ނުކުރެ އެވެ. އެހެން ނަމަވެސް ވޮޝިންޓަން ޕޯސްޓުން ބުނެފަައިވާ ގޮތުން ޕްރިންސް ހަމްޒާ އަދި އިތުރު ވިއްސަކަށް އޮފިޝަލުން ތިއްބެވީ ގޭބަންދުގަ އެވެ.
ޖޯޑަންގެ އަބްދުﷲ ރަސްގެފާނާ ދެކޮޅަށް ޝާހީ ގަނޑުވަރުގެ ތެރެއިން ބަޣާވާތަކަށް މަގުފަހިވެދާ ފަދަ އަމަކުތަކެއް ސަރުކާރުގެ އިސް އޮފިޝަލުންނާ ގުޅިގެން ހިންގާފައި ވަނީ ޕްރިންސް ހަމްޒާގެ އިސް ދައުރެއް އޮވެގެން ކަމަށް ސަލާމަތީ ބާރުތަކުން ގަބޫލުކުރެވެ އެވެ. މިމައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ. ސަލާމަތީ ބާރުތަކުން އާންމުންނަށް ކަށަވަރުކޮށެދޭ ގޮތުން ހަމަނުޖެހުމާ ގުޅޭ އެއްވެސް ކަމެއް ސިއްރުކޮށްފައި ނުބާއްވާނެ އެވެ.
ޖޯޑަންގައި މަސްލަހަތު ހިމާޔަތްކޮށް މިނިވަންކަން ދެމެހެއްޓުމަށް އަބުދުﷲ ރަސްގެފާން އަޅުއްވާ ހުރިހާ ފިޔަވަޅަކަށް ފުރިހަމަ ތާއީދު އޮތް ކަމަށް ސައުދީ އަދި އެކުވެރި އަރަބި ދައުލަތްތަކުން ވަނީ ހާމަކޮށްފަ އެވެ. އެމެރިކާ އާއި އިޒްރޭލުން ވެސް ބުނީ މަޝްރަހު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި އަބްދުﷲ ރަސްގެފާނަށް އިތުބާރުކުރައްވާ ކަމަށެވެ.