އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުން ބާރު ލިބިގެން 40 ކުންފުންޏެއް އުވާލައިފި އެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީޒަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން މި ފަހަރު ހުއްދަ ބާތިލު ކުރި ލިސްޓުގައި ބައެއް ރެސްޓޯރެންޓާއި ކެފޭތަކުގެ ގޮތުގައި ހިންގި ތަންތަނާއި ފިހާރަތައް ވެސް ހިމެނެ އެވެ.
މި ފަހަރު އުވާލި ކުންފުނިތައް ރަޖިސްޓްރީ ކޮށްފައިވަނީ 2014 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދުގަ އެވެ.
ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ވިޔަފާރިއެއް އުވާލަން ނިންމަނީ ގިނަ ކަންތައްތަކެއް ބެލުމަށްފަހު އެވެ. ކުންފުންޏެއް އުވާލުމުގައި އަހަރީ ފީ ނުދެއްކުން ހިމެނެ އެވެ.
ކުންފުންޏެއް އުވާލުމުގެ ކުރިން އެ ވިޔަފާރި އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށް އެ ބަޔަކަށް ގިނަ ފުރުސަތު ތަކެއް ދެ އެވެ. އުވާލަން ލިސްޓު އާއްމު ކުރަނީ އެ މަރުހަލާތައް ފުރިހަަމަ ކުރުމަށްފަހު އެވެ.
ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން ގިނަ ވިޔަފާރިތަކެއް ހުއްޓިފައި ވާތީ، ގިނަ ކުންފުނިތަކުން މިހާރު މަސައްކަތެއް ނުކުރެެ އެވެ. އެހެންކަމުން ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުން ކުންފުނިތަކުގެ އަހަރީ ފީދައްކަން އިތުރު މުއްދަތު އިކޮނޮމިކް މިނިސްޓްރީން ދިނެވެ.
ރާއްޖޭގެ ކުންފުނި ދަފުތަރުގައި ގާތްގަނޑަކަށް 14،000 ކުންފުނި ހުރެ އެވެ. އަދި މީގެ ތެރެއިން 7،000 ކުންފުންޏަކީ އުވާލަން ޖެހޭ ކުންފުނި ތަކެވެ. މިހާތަނަށް ގިނަ ކުންފުނިތަކެއް ވަނީ އުވާލާފަ އެވެ.