ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑްގައި މުޅި ދުނިޔެއިން މަރުވި އަދަދު ތިން މިލިއަން ފަހަނައަޅައިފި

ކޮވިޑާ ގުޅުން ހުރި ބަލިތަކުގައި މުޅި ދުނިޔެއިން މަރުވި އަދަދު ތިން މިލިއަން ފަހަނަ އަޅައިފި އެވެ. ކޮރޯނާވައިރަހުން ދިފާއު ވުމަށް ގައުމުތަކުގައި ވެކްސިން ދޭން ފަށާފައިވީ ނަމަވެސް، އުފަންވަމުން އަންނަ އާ ވައްތަރުތަކުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރަން ވަނީ އުނދަގޫވެފަ އެވެ.

ރޮއިޓާސް ނޫސް އެޖެންސީން ބުނީ ކޮވިޑްގައި މަރުވި އަދަދު ދެ މިލިއަނަށް އެރީ އަހަރެއް ތެރޭގައި ކަމަށެވެ. އެކަމަކު ތިން މިލިއަން ފަހަނައަޅާފައި މިވަނީ އެންމެ ތިން މަސް ތެރޭގައި ކަމަށެވެ. ރޮއިޓާސްއިން ބުނާ ގޮތުން އެމެރިކާ އާއި ބްރެޒިލް އަދި އިންޑިއާގައި ކޮވިޑް ކޭސްތައް ގިނަވެ މިހާރު ވެސް ވަނީ ކޮންޓްރޯލް ކުރުން ވަރަށް ބޮޑު ތަކުލީފަކަށް ވެފަ އެވެ.

ސިއްހީ އިދާރާތަކުން ދެކޭ ގޮތުގައި ކޮވިޑް ކޭސްތައް މިހާރު އިތުރުވަމުން އަންނަނީ އާވައްތަރުތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި އެންމެ ފުރަތަ އިނގިރޭސިވިލާތުން ފެނުނު ޔޫކޭ ކޮވިޑާއި ސައުތު އެފްރިކާ ކޮވިޑް ހިމެނެ އެވެ. އަދި އާވައްތަރުތައް ފެތުރިގަތުން އަވަސްވުން ސަބަބަކަށްވެ އެވެ.

ދުނިޔެ ކޮވިޑްގެ ހާލަތުގައި ގިނަ ދުވަސްވެ އާންމުން ލޮކްޑައުންވާން ބޭނުންނުވުމަކީ ވެސް ބޮޑު މައްސަލައެއް ކަމަށް އޮފިޝަލުން ބަލަ އެވެ. ބަލި ކޮންޓްރޯލް ކުރުމަށް ހުރަސްއަޅާ މައިގަނޑު ސަބަބަކީ ވެސް އާންމުން ބަސް ނޭހުމެވެ.

ރޮއިޓާސްއިން ބުނާ ގޮތުން މިހާރު އެންމެ ގިނައިން މީހުން މަރުވަނީ ބްރެޒިލްގަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނާ ގޮތުން ބްރެޒިލް މިހާރު އޮތީ ކާރީސާއެއްގަ އެވެ. އިންޓެންސިވް ކެއާ ޔުނިޓްތައް ފުރި އަދި ހޮސްޕިޓަލްތައް ވެސް ވަނީ 90 ޕަސެންޓް ފުރިފަ އެވެ.

އިންޑިއާގެ ހާލަތު ވެސް މިފަހަކުން ވަނީ ވަރަށް ގޯސްވެފަ އެވެ. މިދިއަ ހޯމަދުވަހު އެކަނި ވެސް 100،000 މީހުންނަށް ކޮވިޑް ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ފްރާންސް، ރަޝިއާ، އިޓަލީ އަދި ޖަރުމަން ހިމެނެ އެވެ. އެމެރިކާއަށް ބަލާއިރު ކޮވިޑްގައި ދުނިޔެއިން މަރުވި އަދަދުގެ 19 ޕަސެންޓް އެގައުމު ހިއްސާކުރެ އެވެ.