މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކޮށް ދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި އެދިވަޑައިގެންފި އެވެ.
އިދިކޮޅު ކޯލިޝަނުން މިކަމަށް އެދިފައިވަނީ މިއަދު ރައީސް ސޯލިހާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތީވެ ރައީސް ސޯލިހާއި މަޝްވަރާ ކުރެއްވުމަށް ބައްދަލުވުމަކަށް އެދިވަޑައިގެންފައިވާތާ ދުވަސްތަކެއް ފަހުން ރައީސް ސޯލިހާ މިއަދު ބައްދަލުވެފައިވާ ކަމަށެވެ. މިއީ އިދިކޮޅުން އެދިގެން ބޭއްވި ބައްދަލުވުމެކެވެ.
"އަޅުގަނޑުމެން މިއަދު ރައީސް ސޯލިހާއި މި ބައްދަލުކުރީ އެންމެ ކުޑަމިނުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާތޯ. އަޅުގަނޑުމެން ހަމައެކަނި ދެއްކި ވާހަކައަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކޭ އިދިކޮޅު ލީޑަރު ޖަލުގައި އޮންނެވުމަކީ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމޭ، އަޅުގަނޑުމެން ދެ ޕާޓީގެ އެދުމަކީ ރައީސް ޔާމީން ވީހާވެސް އަވަހަށް ގެއަށް ބަދަލުކޮށް ދިނުމޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށް އެދިވަޑައިގަތުން ފިޔަވާ ބައްދަލުވުމުގައި އިތުރު އެއްވެސް ކަމަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގެ ނަތީޖާ ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބަކީ ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ކަމެއް އެމަނިކުފާނު ކޮށްދެއްވާނަމޭ. އަޅުގަނޑުމެން އުއްމީދު ކުރަނީ މިއަދުގެ ބައްދަލުވުމުގެ ނަތީޖާ ފެންނާނެ ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެެވެ.
ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އާއިލާގެ ފަރާތުން އެދިފައިވާ ކަމަށް ހޯމް މިނިސްޓްރީން މިިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ބުނެފަ އެވެ. ރައީސް ޔާމީން ގެއަށް ބަދަލު ކޮށް ދިނުމަށް އެދި ހޯމް މިނިސްޓްރީއަށް ހުށަހަޅާފައިވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ސިއްހީ އެއްވެސް އެހީތެރި ކަމަކަށް އެދިފައި ނުވާ ކަމަށް ރައީސް ސޯލިހު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ މީގެ ކުރިން ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބައްދަލުކުރައްވާފަ އެވެ.
ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ޑޮކްޓަރުން ދެއްވާފައިވާ ޓެސްޓްތައް ރާއްޖެއިން ހެދެން ނެތުމުން ރާއްޖެއިން ބޭރަށް ވަޑައިގެން އެ ޓެސްޓްތައް ހެއްދެވުމަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ބޭރަށް ވަޑައިގެންފައެއް ނުވެ އެވެ.
ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވާލެއްވުމަށް ސަރުކާރާއި ރައީސް ސޯލިހް ޕްރެޝަރު ކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން ކުރިން ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލިޔުމެއް އޮންނަ ކަމަށާއި އެ ލިޔުމުގައި ދެ ކަމަކަށް ލަފާ ދެއްވާފައިވާ ކަމަށެވެ. އެއީ ޓެސްޓެއް ހެއްދެވުމާއި އެ މަނިކުފާނު ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓެވުން ކަމަށެވެ. އެކަމަކު ޑޮކްޓަރު ލަފާ ދެެއްވާ ޓެސްޓަކީ ރާއްޖެއިން ހެދޭނެ ޓެސްޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެ ޓެސްޓް ހެދުމާއި ގުޅޭގޮތުން ރައީސް ޔާމީނާ ބައްދަލުކުރައްވާ ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޓެސްޓް ހެއްދެވުމަށް މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރައީސް ޔާމީން ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކޮންމެ ގައުމަކަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ވާހަކަ ވެސް އެމަނިކުފާނަށް ދެންނެވި ކަމަށެވެ. ނަމަވެސް ޓެސްޓް ހައްދަވަން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވި ކަމަށާއި އެދިވަޑައިގެންނެވީ ގޭ ބަންދަށް ބަދަލުވެވަޑައިގަތުމަށެވެ.
"އަޅުގަނޑު ދެންނެވިން ފުރަތަމަ ބައި ފުރިހަމަ ކުރައްވާފައި ނޫންތޯއޭ ދެވަނަ ބަޔަށް އަމަލު ކުރެވޭނީ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ ފުރަތަމަ އޮތް ކަމަކީ ރާއްޖެއިން ބޭރަށް ވަޑައިގެން ޓެސްޓް ހެއްދެވުން ކަމަށެވެ. އަދި ސްޓްރެސް ފްރީ މާހައުލަކީ ކޮބައިކަަން ނިންމަން ޖެހެނީ އޭގެ ފަހުން ކަމަށެވެ. ރައީސް ޔާމީން ހުންނެވީ ޖަލެއްގައި ގާއިމް ކުރެވޭނެ އެންމެ ރަނގަޅު މާހައުލުގައި ކަމަށްވެސް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.