ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ސިޓީ: އަނިޔާއެއް ދޭނަމަ އިދާރާތަކަށް ހުށަހަޅާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެއްވެސް މީހަކަށް އަނިޔާއެއް ދޭ ކަމަށް ގަބޫލުކުރެވޭނަމަ އެ މައްސަލައެއް ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ރައީސް ސޯލިހް އަންގަވައިފި އެވެ.

ރައީސް ސޯލިހް މިގޮތަށް އެންގެވީ އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފޮނުއްވި ސިޓީއަކަށް ދެއްވި ޖަވާބު ގައެވެ.

ރައީސް ސޯލިހާ ހަވާލާދެއްވާ ރައީސް އޮފީހުން މިއަދު ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ.

ރައީސް ސޯލިހަށް އަބްދުއްރަހީމް ފޮނުއްވި ސިޓީގައި ރައީސް ޔާމީން ހައްޔަރުކޮށް ރައީސް ސޯލިހް އަނިޔާކުރައްވާ ކަމާއި ރާއްޖޭގެ ކަނޑާއި ބިމާއި މިނިވަންކަން ވިއްކާލާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ދައުލަތުގެ އެއްބާރު -- ރައްޔިތުންގެ މަޖިލިސް ހުއްޓުވުމަށްފަހު ރައީސް ސޯލިހް ފިއްލަވައިގެން އުޅުއްވާ ކަމަށްވެސް ސިޓީގައިވެ އެވެ.

މިތުހުމަތުތައް ދޮގުކޮށް ރައީސް އޮފީހުގެ ސިޓީގައި ބުނެފައިވަނީ އަބްދުއްރަހީމްގެ ސިޓީ ކުރައްވާފައިވާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ލިޔުއްވާފައިވާ ވާހަކަތަކެއް ކަމަށް ރައީސް ސޯލިހް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ޝަރުއީ ކޯޓަކުން އިއްވާފައިވާ ހުކުމެއް ކަމަށްވެސް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އެހެންކަމުން އެ ހުކުމާއި ރައީސް ސޯލިހާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ ރައީސް ސޯލިހް އިސްވެ ހުންނަވައިގެން ކުރައްވާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

"ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޝަރުއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އަދި ހުކުމެއް އިސްތިއުނާފުގެ މަރުހަލާ މިހާރު ހިނގަމުންދާއިރު އެފަދަ ކަމެއްގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވެދެވަޑައިގެން އެކަމާ ގުޅޭގޮތުން އެއްވެސް ބަޔަކާ ބައްދަލުކުރެއްވުމަކީ ހަމަޖެހޭ ގޮތެއް ނޫންކަން އަބްދުއްރަހީމުވެސް ގަބޫލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަގީންކުރައްވަ އެވެ.،" ރައީސް އޮފީހުގެ ސިޓީގައިވެ އެވެ.

އިދިކޮޅުން ރައީސް ސޯލިހާ ބައްދަލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން އެ ބޭފުޅުން ކަންބޮޑުވާ ކަންކަން ހިއްސާކުރުމެވެ.