ޑރ. މުހައްމަދު މުއިއްޒު

ބޯހިޔާވަހިކަމަށް ދާއީމީ ހަލެއް ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: މުއިއްޒު

މާލޭގެ މޭޔަރު ކަމަށް ނިކުންނަޗާ ހުންނެވީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއީމީ ހައްލެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވުމަށް ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރުގެ ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކެންޕެއިން ނިންމަވާލެއްވުމުގެ ކުރިން ދެއްވި ފަހު މެސެޖްގައި މުއިއްޒު ވިދާޅުވީ މާދަމާއަކީ ރައްޔިތުންގެ މުސްތަގުބަލައްޓަކައި ނިންމާ މުހިންމު ނިންމުމެއް ރައްޔިތުން ނިންމާނެ ދުވަހެއް ކަމަށެވެ. އެމަނިކުފާނު މޭޔަރު ކަމަށް ކުރިމަތިލެއްވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދާ ދިނުމަށް ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯތިގެދޮރުގެ މައްސަލަ ކަމަށާ އެއީ ކިތަންމެ ބޮޑު މައްސަލައެއް ނަމަވެސް ރަނގަޅު ތަސައްވުރަކާއެކު އެ މައްސަލަ ހައްލު ކުރެވިދާނެ ކަމަށެވެ. މުއިއްޒު ވަނީ ގޯތިގެދޮރުގެ މައްސަލަ ހައްލުކޮށް ދިނުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

"މާލެ ސިޓީ ރައްޔިތުންގެ އަމާޒުތަކެއް އެބަހުރި. މިކަންކަމަކީ އެކަށީގެންވާ ޕްލޭނަކާއި އެކަށީގެންވާ ތަސައްވުރެއް އޮވެއްޖެނަމަ ހާސިލުކުރެވޭނެ ކަންކަން. އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނާ އެކީގައި ލޮބުވެތި ރައްޔިތުންގެ އަޑު އަހައިގެން މި ތަސައްވުރާއި މި ޕްލޭން އެކުލަވާލައިގެން މިކަންކަން ހާސިލުކުރުމަށް އަޒުމު ކަނޑައިގެން ނިކުމެ،" ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވިއެވެ.