މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވޯޓް ދިނުމަށް ޖަލުގައި ހުރި އެއްވެސް ގައިދީއަކު މާލެ ގެނައުމަށް ހަމަޖެހިފައި ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަލުތަކުގައި ތިބި ގައިދީނަށް ރީ ރަޖިސްޓްރީވުމަށް ފުރުސަތު ދިން ކަމަށާ އަދި މިއަދު ޖަލުތަކުގައި ވޯޓް ފޮށި ބަހައްޓައިގެން ވޯޓް ނެގުން ކުރިއަށް ގެންދާ ކަމަށެވެ.
"ޖަލުތަކުގައި ވޯޓް ލުމުގެ އިންތިޒާމު ހަމަޖައްސާފައިވާތީ އެއްވެސް ގައިދީއަކު އެހެން ތާކަށް ވޯޓްލުމަށް ގެންދިއުމަށް ހަމަޖެހިފައެއް ނުވޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ވޯޓްލުމަށް ރަޖިސްޓްރީވެފައި ނުވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެެ އެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ކަރެކްޝަނުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.