ފަސް އަހަަރުގެ ޖަލު ހުކުމެއްގަައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭ ބަންދުން ޖަލު ބަންދަށް ބަދަލު ކުރުމާމެދު ގޮތް ނިންމާނީ ބޮޑު އީދުގެ ބަންދަށް ފަހުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކ. މާފުށީ ގައި ހަލުއި ކަމާއެކު ކޮވިޑް-19 ފެތުރި ޖަލުން ވެސް ކޮވިޑް ކޭސްތައް ފެނުމުން ރަައީސް ޔާމީން ޖަލުން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ރޭގަ އެވެ. އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކުރެއްވީ ވަކި މުއްދަތެއް ނެތި އެވެ.
ރައީސް ޔާމީން އަލުން ޖަލު ބަންދަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމަނިކުފާނު ޖަލު ބަންދަށް ބަދަލު ކުރުމާއިމެދު މިވަގުތު އެއްވެސް ނިންމުމެއް ނެތް ކަމަށެވެ. އެކަމާމެދު މަޝްވަރާއެއް ފަށާނީ ވެސް އީދުގެ ބަންދަށް ފަހުގައި ކަމަށެވެ.
"ރައީސް ޔާމީން ޖަލަށް ބަދަލު ކުރުމާމެދު މިވަގުތު އަދި އެއްވެސް ނިންމުމެއް ނިންމާފައެއް ނުވޭ،"
މިދިއަ ދެ ދުވަހެއްގައި ރައީސް ޔާމީން ވަނީ ފުލުހަށް ވެސް ހާޒިރުކޮށްފަ އެވެ. ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވަނީ ކުއްލި ގޮތަކަށް ފުލުހަށް ހާޒިރުކޮށް ސުވާލު ކުރަމުން ގެންދަނީ ކުރީން ތަހުގީގު ނިމިފައި އޮތް މައްސަލައެއްގައި ކަމަށެވެ.
ރައީސް ޔާމީން ކުއްލި ގޮތަކަށް ފުލުހަށް ހާޒިރު ކުރަން ފެށި އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސިޔާސީ މަސައްކަތުގައި ރައީސް ޔާމީންގެ އެހީތެރިކަމާއެކު ގައުމަށް ބަދަލުތަކެއް ގެންނަން ޖެހިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މީގެ ކުރީން ނަޝީދު ވިދާޅުވީ ރައީސް ޔާމީނާއި އިދިކޮޅުގެ ބައިވެރިވުމާއެކު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަކަށް ފުރޮޅާލަން ބޭނުންފުޅުވާ ކަމަށާ އެ މަގަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިއަދު އެމަނިކުފާނު ވަނީ ރާއްޖޭގައި ދީނީ މެދުމިނުގެ އުސޫލުތައް ދެމެހެއްޓުމަށް ޕީޕީއެމާއި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެމްޑީޕީ ސަޕޯޓަރުން ނުރުހުނަސް އެކަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.