ފްރާންސްގެ ހަފުތާ މަޖައްލާ ޝާލީ ހެބްދޫ އަށް ދިން ޓެރަރިސްޓް ހަމަލާއާ އެކު މުސްލިމުންހާ ނުބައި ނުލަފާ ބަޔަކު މިހާރު ނެތެވެ. ދުނިޔޭގައި ދެ ވަނަ އަށް އެންމެ ގިނަ ނޫސް ކޮންޓްރޯލްކުރާ، ނިއުސް ކޯޕަރޭޝަންގެ ވެރިޔާ ރުޕަޓް މާޑޮކް ކުރެއްވި ޓްވީޓެއްގައި ވެސް އެ ވަނީ ހުރިހައި މުސްލިމުން ކުށްވެރިކުރައްވައިފަ އެވެ.
އެ ބޭފުޅާ ވިދާޅުވެފައި ވަނީ، މުސްލިމުންގެ ތެރޭގައި ކެންސަރެއްގެ ހެން ބޮޑުވަމުން އަންނަ "ޖިހާދިސްޓުން" ގެ މައްސަލަ އަށް ހައްލެއް ނުހޯދޭ ނަމަ މި ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ހުރިހައި މުސްލިމުން ކަމަށެވެ.
މި ހަމަލާއާ ގުޅިގެން މުސްލިމުން ކުށްވެރިކޮށް، މުސްލިމުންނަށް ފުރައްސާރަކުރަމުން ދަނީކީ މިފަދަ ދެ ތިން ފަރާތަކުންނެއް ނޫނެވެ. މުޅި ދުނިޔެ މި ވަނީ މުސްލިމުންނާ ދެކޮޅަށް ނުކުމެފަ އެވެ.
މިކަމުގައި އެއްވެސް ހަމައެއް ލަމައެއް، އިންސާފެއް ނެތްކަން އަޅުގަނޑުމެންނަށް އެނގިގެން ދަނީ މިފަދަ އެހެން ލޭ އޮހޮރުވުންތަކުގެ ފަހަތުގައި ތިބި މުސްލިމު ނޫން މީހުންގެ މައްސަލަތަކަށް ދުނިޔެ ރައްދު ދިން ގޮތަށް ބަލައިލުމުންނެވެ. މިސާލަކަށް، ޝާލީ އެބްދޫ އަކީ މުސްލިމުންގެ ނޫހަކަށް ވެފައި، މުސްލިމުންގެ ބަޔަކު ނަސޯރާއިންނަށް ފުރައްސާރަކޮށް ހަދައިގެން، ނަސޯރާއިންގެ ތެރެއިން ރުޅިގަދަ، ހަރުކަށި ބަޔަކު ގޮސް މި ނޫހަށް ބަޑީގެ ހަމަލާތަކެއް ދޮޅޮހަކަށް މީހަކު މަރާލި ނަމަ ދުނިޔެ އިން މި މަންޒަރު ތަޖުރަމާކޮށްދޭނީ ކިހިނެތް ހެއްޔެވެ؟
ނޯވޭގައި 2011 ވަނަ އަހަރު އެކަނިމާ އެކަނި ނުކުމެ ގަތުލުއާންމެއް ހިންގި ނަސޯރާއެއް ކަމަށްވާ އަންދްރޭ ބްރެއިވިކްގެ ވާހަކައިން ފަށަމާ ހިނގާށެވެ. ނޯވޭގެ ވެރިރަށް އޮސްލޯގައި ސަރުކާރުގެ އިމާރާތްތަކަށް ދިން ބޮމުގެ ހަމަލާއެއްގައި އަށް މީހަކު މަރާލުމަށް ފަހު އެގައުމުގެ ޔުޓޯޔާ ޖަޒީރާގައި ވޯކާސް ޔޫތު ލީގުގެ ކޭމްޕަކަށް ހަމަލާދީ އިތުރު 69 މީހަކު އޭނާ މަރާލީ ސީދާ ނަސޯރާ ދީނުގެ ދިފާއުގަ އެވެ.
ނުވަތަ އޭނާގެ ދީނީ ފިކުރުގައި ހައްދުފަހަނަޅައި ގޮސްގެންނެވެ.
ނަމަވެސް އޭނާގެ މި ފިކުރާއި މައްސަލަ އޮތީ ވަރަށް ބޮޑަށް ފޮރުވިފަ އެވެ. މުސްލިމުންނާ ޖައްސާލައިގެން އުޅޭ ނަސޯރާއިންނާއި ޔަހޫދީ މީޑިއާތަކުން ވެސް މި މައްސަލަ މާ ބޮޑު މައްސަލަ އަކަށް ހަދައިގެން، ނަސޯރާ ދީނުގެ ހައްދުފަހަނައެޅި މީހުންނާ ދެކޮޅަށް އަޑު އުފުލާފައެއް ނެތެވެ.
ދުނިޔޭގެ މީޑިއާ އިން ބްރެއިވިކް ސިފަކޮށް އޭނާގެ ވާހަކަ ފަލަ ސުރުހީ އަށް އެރުވީ "މޮޔައެއް" ކަމަށް ބުނެ އެވެ. އެހެންވީމަ ޕެރިހުގައި ޝާލީ ހެބްދޫ އަށް ހަމަލާ ދިން މުސްލިމުންގެ ދެ މީހުންނަކީ ވެސް ދީނީވެގެން ގޮސް ހައްދުފަހަނަޅައި މޮޔަވެފައިވާ ދެ މީހުންގެ ގޮތުގައި ކަނޑައަޅަންވީ ނޫންތޯ އެވެ.
ބްރެއިވިކްގެ މައްސަލަ އަށް އިތުރަށް ބަލައިލާއިރު އޭނާ އަކީ ތި ބުނާ ވަރުގެ ބޮޑު މޮޔައެއް ކަމަކަށް ވެސް ނުދައްކަ އެވެ. އޭނާގެ ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ބުނެފައި ވަނީ އޭނާ އަކީ ޕެރަނޮއިޑް ޝިންޒޯފްރޭނިއާ ޖެހިފައިވާ ނުވަތަ ހަމަ ބުއްދި ފިލާފައިވާ މީހެއް ކަމަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި ހަމަލާ ދިންއިރު އޭނާ ހުރީ ހަމަހޭގަ އެވެ.
އަދި ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ވެސް އޭނާގެ ހަމަ ބުއްދި ފިލައި ގޮސްފައެއް ނުވެ އެވެ. ނަމަވެސް އޭނާ އަކީ ނާސިސްޓިކް ޕާސަނާލިޓީ ޑިސްއޯޑާ ހުންނަ މީހެއް ކަމަށް ފަހުން އެނގިފައިވެ އެވެ. މިއީ އަމިއްލަ އެދުމުން ފުރި ތިމާ އަށް މޮޅެތި ކަންތައް ވުމަށް ނުވަތަ ތިމާގެ ބާރުގަދަކޮށްލުމަށް ބޭނުންވާ ބޭނުންވުމެވެ. އެ ހާލަތުގައި އެހެން މީހުންނަށް އަށް ތިމާ އަށް ލިބޭ ގެއްލުންތަކަށް އޭނާގެ ފަރުވާލެއް ވެސް ނުހުރެ އެވެ.
ނަމަވެސް އެންމެފަހުން ކޯޓުން އޭނާގެ މައްޗަށް ހުކުމް އިއްވީ އެއީ މޮޔައެއް ނޫން ކަމަށް ނިންމުމަށް ފަހު އެވެ. އެކަމަކު، މި ޓެރަރިސްޓަށް އިއްވީ 21 އަހަރުގެ ޖަލު ހުކުމެކެވެ. މުސްލިމެއް ނަމަ ޔަގީނަށް ވެސް އަންނާނީ މި އަށް ވުރެ ހަރުކަށި އަދަބެކެވެ.
އަނެއްކޮޅުން މީޑިއާ އިން އޭނާ ސިފަކުރަމުން ދިޔައީ ބޯ ހަމަނުޖެހޭ މޮޔައެއްގެ ގޮތުގަ އެވެ. މިއީ ނަސޯރާއަކު އޭނާގެ ދީނުގެ ދިފާއުގައި ހައްދުފަހަނަޅައި ގޮސް މުސްލިމުންނާ ދެކޮޅު ކެމްޕޭނެއްގައި ބޮޑު ގަތުލުއާންމެއް ހިންގުމުން ދުނިޔެ އިން އެ މައްސަލައިގެ ސުރުހީ ޖެހި ގޮތެވެ.
އެކަމަކު އެ ހަމަލާގެ މޯޓިވް ގުޅިފައި ވަނީ، ހިތުގައި މުސްލިމުންނާ މެދު އުފެދިފައި އޮތް ރުޅިވެރިކަން ކަމަށް ބްރެއިވިކް ވެސް ބުނެފައިވެ އެވެ. އޭނާ އަކީ މުސްލިމުންގެ އިންތިހާ އަށް ރުޅި އަންނަ ޔަހޫދީންނަށް ތާއީދުކުރާ މީހެއް ކަމަށް ބުނެފައިވެ އެވެ. ޔޫރަޕުން މުސްލިމުން ފައްސާލަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް މިގޮތަށް ބުނެ ގަތުލުއާންމެއް ހިންގީ ނަސޯރާއަކު ކަމުގައި ވުމުން ދުނިޔެ އަށް އެކަން މައްސަލައަކަށް ނުވި އެވެ. ނަމަވެސް މުސްލިމުންގެ ދެ މީހަކު ނުކުމެ ގަތުލުއާންމެއް ހިންގީމަ، ތާރީޚުގައި ވެސް މިވަރުގެ ބޮޑު ޖަރީމާއެއް ބަޔަކު މީހުން ހިންގާފައެއް ނެތެވެ. މިއީ ބޮޑު ބޭއިންސާފެއް ނޫންތޯ އެވެ؟
ޕެރިހުގައި މި ހަމަލާއެއް ދިން ދެ މީހުންނަކީ ނަފުސާނީ މައްސަލަތަކެއް ދިމާވެފައިވާ ބަޔަކު ނޫން ކަމަށް ނިންމަން އެނގެނީތޯ އެވެ؟ އަދި އެ މީހުން ތަބާވާ، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ވެރިޔާ އަބޫ ބަކުރު އަލް ބަޣުދާދީ އަކީ ވެސް، ފަހަރެއްގައި، ބޯ ހަމަނުޖެހޭ މީހަކަށް ވެދާނެ ނޫން ހެއްޔެވެ؟
ހައްދުފަހަނަޅައި ގޮސްފައިވާ އިސްލާމިސްޓުންގެ ނަފުސާނީ މައްސަލަތަކެއް ނެތްކަން އެނގެނީ ކިހިނެތް ހެއްޔެވެ؟
މިފަދަ ހަމަލާއެއް ދޭއިރަށް، ހަމަލާ ދޭ މުސްލިމު މީހާ ހަމަޖެހޭ، ނުލަފާ ޓެރަރިސްޓަކަށްވެފައި، މިފަދަ ހަމަލާއެއް ދޭ ނަސޯރާ ނުވަތަ ޔަހޫދީ މީހާ ބޯހަމަނުޖެހޭ މޮޔަކަށް ދުނިޔެއިން ހަދާލަނީ ކީއްވެގެން ހެއްޔެވެ؟ ޝާލީ ހެބްދޫގެ މައްސަލާގައި މުސްލިމުން ކުށްވެރިކޮށް އަޑުއުފުލަމުންދާއިރު މި ހުރިހާ ވެސް ކޮށްލަން ޖެހޭ ސުވާލެވެ.
އެމެރިކާގައި އެޑަމް ލޭންޒާ ނަމަކަށް ކިޔާ ޒުވާނަކު 2012 ވަނަ އަހަރު ކަނެކްޓިކަޓްގައި ކުޑަކުދިންގެ ސްކޫލަކަށް ވަދެ 26 މީހަކު މަރާލުމުން އޭނާ ވެސް ވީ ސިކުނޑީގެ ކޮންމެވެސް ބަލިތަކެއް ހުރި މީހަކަށެވެ. އަދި އެމެރިކާގެ މީޑިއާ އިން އެފަހަރު ބޮޑަށް ހިލުވާލީ އަމިއްލަ ފަރާތްތަކަށް ހަތިޔާރު ދޫކުރުމުގެ ގަވާއިދު ބަލިކަށި މައްސަލަ އެވެ.
އޭނާ ދިން ހަމަލާ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކޮށް އެކަން ކުށްވެރިކުރުމުގެ ބަދަލުގައި ސިޔާސީ ގޭސްގަނޑެއް އަނބުރާލީ އެވެ.
ހަގީގަތުގައި ވެސް މުސްލިމުންނާ މެދު ދުނިޔޭގެ ފަލަ ސުރުހީތަކުގައި މިއަދު އަމަލުކުރެވެމުން ދަނީ ބޭއިންސާފުންނެވެ. ދުނިޔޭގެ މީޑިއާ އިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ހައްދު ފަހަނަޅައި ގޮސް މުސްލިމުންނަށް ފުރައްސާރަކުރަން ފަށާފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.
އަނެއްކޮޅުން މި ހަމަލާއާ ގުޅިގެން މުޅި ދުނިޔެ މުސްލިމުން ކުށްވެރިކުރާއިރު ނަސޯރާއިން ނުވަތަ ޔަހޫދީންނާ ގުޅިފައިވާ މައްސަލަތަކުގައި ދުނިޔެ މި ވަރަށް މައްސަލަ ހޫނުކޮށްލާތަނެއް ވެސް ނުފެނެ އެވެ. އިޒްރޭލުން މިފަހުން ގާޒާ އަށް ދިން ހަމަލާތަކުގައި މީޑިއާގެ ކިތައް މީހުން މަރުވެ ކިތައް ބަޔަކު ޒަޚަމްވި ހެއްޔެވެ؟