ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ސިޔާސީ ކެރިއަރު: އެންމެެނަށް ފިލާވަޅެއް!

"އަހުމަދު އަދީބު އަރައިގެން ދިޔައީ ބޫން އަޅާފަ ދިޔަ ހަވާފަޓާސް ބަރިއެއްހެން. އެ ބޭފުޅާ ހަމަ އެހެންމެ އޮއްސިގެން މިދިޔައީވެސް ހަވާ ގޮވައި އޮއްސިގެންދާ ފަދައިން. ޖައްވުން ބަޑިބޭހުގެ ވަސް ފިޔަވައި އިތުރު ވަހެއް ނެތް މިހާރަކު. އަދި ޖައްްވު ކުލަކުލައިން ދިއްލާލުމަށް ފަހު އެރި ދުންގަނޑާއެކު ވެރިވި އަނދިރިކަމުގައި އަދީބު ވެސް މަންޒަރުން ގެއްލިއްޖެ."

މިއީ ރާއްޖެ ދުށް އެންމެ ޒުވާން ނައިބު ރައީސް އަދި އެންމެ އަވަހަށް އެ މަގާމު ގެއްލިވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިޔާސީ ހަޔާތްޕުޅަށް މެދުވެރިވި ކަންކަމަށް ގާތުން ފާރަލަމުން ދިޔަ އާންމު ރައްޔިތެއްގެ ހިޔާލެކެވެ. ވަރަށް ވެސް ސާފު އަދި އެހާމެ ތެދު ހިޔާލުކޮޅެކެވެ.

ދެން މި އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ކުރެއްވި ޓްވީޓެކެވެ.

"ބުއްދީގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުން އިބްރަތް ލިބިގަންނާށެވެ."

މިއީ ކީރިތި ގުރުއާނުގެ އާޔަތެއް ނަންގަވައިގެން ރާއްޖޭގެ މިއަދުގެ ހާލަތަށް މިސާލު ޖައްސަވަމުން ކުރައްވާފައިވާ ޓްވީޓެކެވެ. މި ޓްވީޓެއް މައުމޫން ކުރެއްވިއިރު ރައްޔިތުންގެ މަޖިލީހުން އެ ވަނީ ރާއްޖެ ދުށް އެންމެ ބާރުގަދަ ނައިބު ރައީސް އަދީބު މަގާމުން ވަކިކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލަން ޖަލުގައި ބަންދުކޮށްފަ އެވެ.

އެހެންވީމަ މައުމޫން ވެސް އެ ވިދާޅުވާ ފަދައިން، އިބްރަތް ހާސިލުނުކޮށް މި ހާލަތުން ދެން ލިބިގަންނަންވީ ކޮން ކަމެއް ހެއްޔެވެ؟ ބައެއް މީހުން ލިބިގަންނަނީ އުފަލާއި އަރާމެވެ. އަނެއް ބަޔަކު ބާލަނީ ހަސަދައިގެ ރޯޅި އެވެ.

ދެން ތިބި ބަޔަކު ބުނަމުން ދަނީ އަދީބަށް މި ހާލެއް ޖެހިވަޑައިގަތީ އެ ބޭފުޅާ އެހެން މީހުންނަށް ދެއްވި އަނިޔާތަކުގެ ބަދަލުގައި ކަމަށެވެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް "މި ދީބުގެ އަދީބު" ގެ ގޮތުގައި އަރައިގެން ގޮސް އަދި އެހާމެ އަވަހަށް އޮއްސުނު އަދީބުގެ ސިޔާސީ ހަޔާތްޕުޅު ވަރަށް ވެސް އާދަޔާހިލާފެވެ. ކިތަންމެ ކުރަސް އަދި ކިތަންމެ ބަދުނަސީވެރިޔަސް އެ ބޭފުޅާ އެ ވަޑައިގަތީ އެތައް ބަޔަކަށް ދިރިހުރި އިބްރަތަކަށެވެ. ވަރަށް ގިނަ ބަޔަކަށް ފިލާވަޅުތަކެއް ވެސް ލިބިގެން ހިނގައްޖެ އެވެ.

ބައެއް މީހުންގެ ހިތަށް އަރައިފާނެ އެވެ. އަދީބު ދެއްކެވީ ކޮން ނަމޫނާއެއްތޯއޭ އެވެ؟

ނުގުޑާ އަޒުމާއި ގަދަފަދަ ހިތްވަރު

އިއްޔެއާ ހަމަ އަށް އަދީބަކީ ކާމިޔާބު އަދި ބާރުގަދަ ސިޔާސީ ލީޑަރެކޭ ދެންނެވިދާނެ އެވެ. ފާހަގަކޮށްލަން ޖެހެނީ އެ ބޭފުޅާ މި ކާމިޔާބީއަކަށް ނުވަތަ ސިޔާސީ ގޮތުން ވަޑައިގެންނެވި މަގާމުތަކަށް ވަޑައިގަތީ ޒުވާން އުމުރެއްގައި، ގަދަ ސިޔާސީ ކަނޑެއް ވެސް ކަޑައްތުކޮށް ކަމެވެ.

އެންމެ ޒުވާން ނައިބު ރައީސްގެ ގޮތުގައި އަދީބު ތާރީޚުގެ ތެރެއަށް ވަދެވަޑައިގަތީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިއީ ވަރުގަދަ އަޒުމަކާއި އަދި އެހައިމެ ގަދަފަދަ ހިތްވަރެއް ނެރުއްވައިގެން ސިޔާސީ މައިދާނުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. ޒުވާންކަމުގެ ޖޯޝާއި ފޯރީގައި ލޭ ކައްކުވާލައިގެން ކުރިއަށް ވަޑައިގެންނެވި ޒުވާން ލީޑަރެކެވެ. ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅަކަށް ވެވަޑައިގަތީ މި ޒުވާން ލީޑަރެވެ. އާޚިރުގައި އަދީބު ކަންތައް ކުރެއްވި ގޮތާއި އެ ބޭފުޅާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ.

އަނެއްކޮޅުން ސިޔާސީ މައިދާނަށް ވަދެވަޑައިގަތީއްސުރެން ފެށިގެން ދައްކަމުން ގެންދެވި ހިތްވަރު ރައީސް އަވަހާރަކޮށްލަން އުޅުއްވި ކަމުގެ ތުހުމަތު ކުރެވުމާ ހަމައަށް ދެއްކެވި އެވެ. އަދީބުގެ މުރާލި ކަމާއި މަސައްކަތުގެ ގިޔަރު ބެހެއްޓެވި ހިސާބަކީ އާދަޔާހިލާފު ކަމެކެވެ. ގައުމަށް އަދި ރައީސަށް ޣައްދާރުވި ވާހަކަ އަންނަނީ މުޅިން އެހެން ހިސާބަކުންނެވެ.

އަދީބުގެ އެޕިސޯޑުން ނަގައިދިން ފިލާވަޅަކީ ކޮބާ؟

"އެ އެއްޗެއް އައިގޮތަކަށް އެއެއްޗެއް ދާނެއެވެ. އައީވެސް އެހައި ބާރަށެވެ. ދިޔައީވެސް ހަމަ އެހައި ބާރަށެވެ. އަދީބުގެ އައުމާ ނިމުން މިއީ ސިޔާސީގޮތުން ތެޅިފޮޅޭ މީހުންނަށް އިބުރަތަކަށް ވާނެކަމަށް އުއްމީދު ކުރަމެވެ." މިއީ އިތުބާރުނެތް ކަމަށް ފާސްކޮށް ގާތްގަނޑަކަށް 45 މިނެޓް ތެރޭގައި އަދީބުގެ ސިޔާސީ ކެރިއަރު ނިންމާލި މަޖިލީހުގެ ޖަލްސާ އަށް ފަހު އާންމުންގެ މީހަކު ފާޅުކޮށްފައިވާ ހިޔާލެކެވެ.

އެހެން މީހަކު ބުނަނީ މިހެންނެވެ؛ "ލޯމަތިން ފެނިގެން ދިޔަ ފިލާވަޅެއް. އަހަރެމެންގެ ހަޔާތުގައިވެސް ކަންތައްތަކެއް ހިނގައިފިތާދޯ. އަންނަން އޮތް ޖީލިތަކަށް މިއިން ލިބޭ ޢިބުރަތްތައް ހާމަކޮށްދޭން ޖެހޭނެ. އެދުވަހުން އަހަރެމެން، އަހަރެމެންގެ ދަރީން ގާތު ބުނާނީ ކާފަމެންގެ ޅައިރު މި ގައުމުގައި އުޅުނޭ ވަރަށް ބާރު ގަދަ މީހެއް. އެމީހާ ވެއްޓުނީ ވެސް އެހައި ބާރަށޭ."

ދެން ހުރި މީހެއްގެ ހިޔާލު މި އަންނަނީ އެވެ.

"އަނިޔާވެރިންގެ ނިމުން ހިތިވާނެ! މިއަދު އަންނާކަމަށް އަދީބުވެސް ޤަބޫލެއް ނުކުރޭ! ބޭއިންސާފުގެ ރަހަ ނުބަލާ މީހަކަށް އޭގެ ހިތިކަމެއް ނޭގޭނެ!"

އަދިވެސް އެހެން ބޭފުޅެއްގެ ހިޔާލެކެވެ.

"ޝަރަފާއި ގަދަރަކީ ގަދަ އަޅައި މަސައްކަތްކޮށްގެން ލިބޭނެ އެއްޗެއް. ﷲ އެއްވެސް މީހެއްގެ މަސައްކަތަށް ހައްގު މިންވަރު ދެއްވުމަށް ލަސްވެ ވޮޑިއެއްނުގަންނަވާ. ހަމަ ޔަގީނުންވެސް އަދީބް ހޯދި އެއްޗެއް އަދީބް ހޯދީ އޭނާގެ އިހްތިޔާރުގައި."

ބުއްދީގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުން އިބްރަތް ލިބިގަންނާށެވެ!

ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅަކަށް ނުވަތަ ޔާމީން އެންމެ ބޮޑަށް އިތުބާރުކުރެއްވި ބޭފުޅަކަށް އަދީބުވެ ވަޑައިގެންނެވި ގޮތެއް އާންމުންނަކަށް ނޭނގެ އެވެ. އާންމުންނަށް ފެނުނީ އަދީބުގެ ކެރިވަޑައިގަތުމާއި އިސްނެންގެވުމެވެ.

ނަމަވެސް އާޚިރުގައި ކަންތައް ވެ ނިމިގެން މި ދިޔައީ ކިހިނެތް ހެއްޔެވެ؟ އަދީބު ހައްޔަރުކޮށްފައި ވަނީ އެ ވަނީ ރައީސް އަވަހާރަކޮށްލައްވަން އުޅުއްވި ކަމުގެ ތުހުމަތަށެވެ. އެހެންވީމަ އެންމެ ގާތުގައި ހުންނަ މީހާ ނުވަތަ އެންމެ އިތުބާރުކޮށްގެން ހުންނަ މީހާ ވެސް ތިމާ އަށް ބޮނޑިއެއް ނުވަތަ ގެއްލުމެއް ދީފާނެ ކަމަށް އަބަދުވެސް ވިސްނަން ޖެހޭނެ އެވެ.

އަދީބުގެ އަނެއް މަޝްހޫރު ސިފައަކީ އެ ބޭފުޅާގެ ނުފޫޒާއި ބާރެވެ. އަދި "މުއްސަނދި ލައިފްސްޓައިލް" އެވެ. އަގުބޮޑު އަތުކުރި ގަޑި އާއި އަވި އައިނާއި އަނގޮޓި އާއި ކަސްޓަމައިޒްޑް ސައިކަލާއި ލަގްޒަރީ ކާރުތައް އެ ބޭފުޅާގެ ނަމަށް ނިސްބަތްވާ ކަމަށް ބުނެވެ އެވެ. ސިންގަޕޫރުގައި ގެދޮރު ހުންނަ ކަމަށް ވެސްވެ އެވެ.

ނަމަވެސް މިއަދު އެ ބާރުގެ ބޭނުމެއް ނުވަތަ އެ އަރާމު ދިރިއުޅުމެއްގެ އުފަލެއް އެ ބޭފުޅާއަކަށް ނެތެވެ. ބަންދުކޮށްފައި އެ ހުންނެވީ އެންމެ އާދައިގެ ގައިދީން ވެސް ތިބޭ ކަހަލަ ޖަލު ގޮޅިއެއްގަ އެވެ.

މިނިވަންކަމާއި އާރާއި ބާރުގެ ފޮނި މީރުކަން އަދީބު ދެކެފި އެވެ. މިހުރިހައި ކަމެއްގެ އިދިކޮޅު އެ ގެންދަވަނީ ތަޖުރިބާކުރައްވަމުންނެވެ. އެހެންވީމަ އެންމެ ބާރުގަދަ މީހާ ވެސް ނެތި ނިމިގެންދާނެ ދުވަހެއް އަންނާނެކަން ވެސް އެންމެން ހަނދާންކުރަން ޖެހެ އެވެ. އައީވެސް އެކަންޏެވެ! ދާނީ ވެސް އެކަންޏެވެ!