އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތަށް ފަހު ގިނަ ކަންތައްތަކެއް ދިޔައީ ނިއުޅި ހާމަވަމުންނެވެ. ހިޔާނާތުގެ މުގުލުގައި ތިބި ކަމަށް ބުނާ ބޮޑެތި ބޮޑެތި ބޭފުޅުންނަށް ދައުވާކޮށް ހުކުމް އިއްވި އެވެ. އެއް ބޭފުޅަކީ ހިޔާނާތުގެ މޭސްތިރި ކަމަށް ބުނާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. ދެން އެމްއެމްޕީއާރްސީގެ އޭރުގެ މޭނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ. ކުރީ ސަރުކާރުގައި މައްސަލަ ނިމިފައި އޮތީ އެ ދެ ބޭފުޅުންނާއި ހަމައިގަ އެވެ. ނަމަވެސް ސަރުކާރު ބަދަލުވެ އައު ސަރުކާރާއެކު މި ލިސްޓަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނަން އިތުރުވި އެވެ. ރައީސް ޔާމީންގެ މައްޗަށް ހިންގެވި ތަހުގީގާއި ޝަރީއަތްތަކުގެ އެންމެ ބޮޑު މަސްދަރަކީ އަދީބެވެ. ހިޔާނާތުގެ ލިސްޓެއް އެކުލަވާލީ އަދީބުގެ ބަސްފުޅަށެވެ. ތަހުގީގު މަރުހަލާ އާއި ޕްރޮސެކިއުޝަން އަދި ކޯޓް މަރުހަލާގެ އެންމެ ބޮޑު ހެއްކަކީ އަދީބާއި ޒިޔަތެވެ. ރައީސް ޔާމީންގެ އިތުރުން އެމަނިކުފާނުގެ ބާރުގަދަ ވެރިކަމުގައި ބާރުގައި ތިއްބެވި އެތައް ބޭފުޅުންނެއްގެ ނަން އައު ލިސްޓްގައި އޮތެވެ.
މި ހުރިހާ ބޭފުޅުން ތަހުގީގުތައް އަދިވެސް ބާރަށް ކުރިއަށް އެބަދެ އެވެ. ޝަރީއަތްތައް ވެސް ކޯޓުތަކުގެ އެކި މަރުހަލާތަކުގައި ހިންގަމުން އެބަ ދެއެވެ. ރާއްޖޭގެ ފަޅުތަކާއި ރަށްތައް ކުއްޔަށް ދީ ހިޔާނާތުން ހޯދި ކަމަށް ބުނާ ފައިސާތައް ލިބުނު ބޭފުޅުން އަދުލު އިންސާފުގެ ކުރިމައްޗަށް ގެންނަން ދައުލަތުން އެބަ މަސައްކަތް ކުރެ އެވެ. ނަމަވެސް މި ހުރިހާ ކަމެއް ހިނގަމުން އެ ދަނީ އެއް ބަޔަކު މަންޒަރުން އެކަހެރި ކޮށްގެންނެވެ. ނުވަތަ މަންޒަރު ގެއްލުވާލައިގެންނެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ކަޅު ފައިސާ ކޮތަޅު ކޮތަޅަށް ނުވަތަ ގޯނި ގޯންޏަށް އަޅާފައި ބެހި އެސްއޯއެފް ކުންފުންޏަށް ދައުވާއެއް ނެތެވެ. އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރަން އެއްބަސްވުން އޮތީ ހަދާފަ އެވެ. ހުރިހާ ފައިސާއެއް ބަހަން އެސްއޯއެފް އެކައުންޓް ބޭނުން ކުރިއިރު އެ މީހުންނެއް ފެންނާކަށް ވެސް ނެތެވެ.
އެސްއޯއެފްއާ މެދު އަމަލު ކުރަން ދައުލަތުން ނިންމާފައިވާ ނިންމުން ހާމަވީ ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ތެރެއިންނެވެ. ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ނިންމާ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލައިގެ ތެރެއިންނެވެ.
ދައުލަތުން މި މައްސަލައިގައި ވަކާލާތު ކުރައްވާ އަހުމަދު ނައުފަލް ސުޕްރީމް ކޯޓުގައި އެންމެ ފަހުން އޮތް އަޑުއެހުމުގައި ވިދާޅުވި ގޮތުން ހިޔާނާތުގެ އެ މައްސަލަ އުފަންވެފައި ވަނީ ޔާމީންގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓަކުން ފައިސާ ވަތް ހިސާބުންނެވެ. އަދި އެސްއޯއެފް މެދުވެރިކޮށް އޭގެ ކުރިން ވެސް އެހެން ބަޔަކު ރިޝްވަތާއި ކޮރަޕްޝަންގެ ކުށް ހިންގާފައިވާ ކަމަށެވެ.
އޭގެ ފަހަށް ވިދާޅުވީ އެ ކުންްފުންޏަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ދައުލަތުން ބޭނުން ވަނީ މިހާރު ހިނގާ މައްސަލަތަކުގައި އެ ކުންފުނީގެ އެހީތެރިކަމެވެ. ކުންފުނީގެ ވެރިންގެ އެހީ އެވެ. އެއީ ދައުލަތުން ބޭނުންވާ މައުލޫމާތު ހޯދުމުގެ ބޭނުމުގަ އެވެ.
ދައުލަތުގެ މި ވާހަކަތަކާއެކު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ހޫނު ސުވާލުތަކެއް އަމާޒުވި އެވެ. އެސްއޯފްގެ ތަހުގީގެއް ނުހިންގަނީ ކީއްވެތޯ އާއި އެޅި ފިޔަވަޅެއް ނެތްތޯ ސުވާލުކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވެފައި ވަނީ އެސްއޯއެފްއަކީ މި މުޅި ހިޔާނާތުގެ މައްސަލައިގެ ތުހުމަތުވާ އެންމެންގެ މައްޗަށް ކުށް ސާބިތުކުރަން ބޭނުންވާ އެންމެ ބޮޑު އެހީ ކަމަށެވެ. އެއީ ބޮޑު ހިޔާނާތުގައި ދައުވާ އުފުލާ އެންމެންނާ ދެކޮޅަށް ހެކިބަސް ދޭން ދައުލަތުން ގެންގުޅޭ "މެޝިން" ކަމަށް ރައީސް ޔާމީންގެ ދިފާއީ ވަކީލުން ސިފަކުރާ އަދީބުގެ ހެކިބަސް މުހިންމާ ބީދައިންނެވެ. ނަމަވެސް އެސްއޯއެފް މުޅި މައްސަލައިން އެކަހެރި ކުރުމަކީ ދައުލަތުން ނިންމި އެންމެ ރަގަޅު ނިންމުމާމެދު ސުވާލު އުފެދެ އެވެ. އެސްއޯއެފަށް ދައުލަތުން އޮތީ ލީގަލް އިމިއުނިޓީއެއް ދީފަ އެވެ.
އިމިއުނިޓީ ފްރޮމް ޕްރޮސިކިއުޝަން: ގާނޫނު ދަންނަ މަފްހޫމެއް ނޫން
އިމިއުނިިޓީ ފްރޮމް ޕްރޮސެކިއުޝަން އެގްރިމެންޓަކީ ކުށެއްގައި ޝާމިލްވާ މީހަކު ނުވަތަ ބަޔަކު، އެމީހުންގެ އަތުގައި ހުރި ހެކިތައް ދައުލަތައް ދެއްކުމަށް ވެވޭ އެއްބަސްވުމެކެވެ. އެސްއޯއެފް އާއި ދައުލަތާ މެދު ހަދާފައިވާ މި އެއްބަސްވުމަކީ ގާނޫނު ދަންނަ މަފްހޫމެއް ނޫން ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވާ ގޮތުގައި ރާއްޖޭގެ ގާނޫނު ދަންނަނީ ދެ އެއްބަސްވުމެކެވެ. އެއީ ނަސޭހަތުގެ އެއްބަސްވުމަކާއި އިއުތިރާފްގެ އެއްބަސްވުމެކެވެ. އެސްއޯއެފް ކުންފުންޏާއި އެކީ ހަދާފައިވާ އިމިއުނިޓީ އެގްރިމެންޓަކީ ވަރަށް ރޭވުންތެރިކަމާއި އެކީ އެހެން މަގުސަދެއްގައި ދައުލަތުން ހަދާފައިވާ އެގްރިމެންޓެއް ކަމަށް ހައިލަމް ތުުހުމަތު ކުރައްވަ އެވެ.
މި އެގްރިމެންޓަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އިސްކޮށް ހުންނަވައިގެން އިނގިރޭސިވިލާތަށް ވަޑައިގެން ހެއްދެވި އެގްރިމެންޓެކެވެ. މިހާރުގެ ޕީޖީ ވަނީ މި އެގްރިމެންޓް އެ އޮތްގޮތަށް ދަމަހައްޓާފަ އެވެ.
އެސްއޯއެފާއެކީ ހަދާފަ އޮތް މި އެގްރިމެންޓްގައި އޮންނަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ އެގްރިމެންޓެއް ކަމަށް. އެކަމަކު އެ ގާނޫނުގެ ކޮން މާއްދާއެއް ކަމެއް ނޯވޭ. އޭގެއިން ވެސް އެބަ އެނގޭ މި އެގްރިމެންޓަކީ ގާނޫނު ދަންނަ މަފްހޫމެއް ނޫން. ވަކި ކަމެއް ހާސިލްކުރަން ހަދާފައި އޮތް އެގްރިމެންޓެއް މީކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް
ބޮޑު ހިޔާނާތާއި ގުޅިގެން އެސްއޯއެފްގެ އިސް ބޭފުޅެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ގާތް އެކުވެރިން ކަމަށްވާ މުހައްމަދު ހުސައިން (އޮއިއްޓޭ) އަދި އަހްމަދު އިޝްފާހު އަލީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. ރެޑް ނޯޓިސް ނެރުނީ ރައީސް ޔާމީންގެ ވެރިކަމުގައި ފިނިފެންމާ ލޯންޗް ގޮއްވައިލި މައްސަލައިގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ހާޒިރު ނުވުމުންނެވެ. ނަމަވެސް މި ސަރުކާރުގެ ކުރީކޮޅު އެ ނޯޓިސް ބާތިލްކޮށްފައި ވަނީ ކޯޓުގެ އެއްވެސް ބަހެއް ހޯދުމަކާ ނުލައި ކަމަށް ހައިލަމް ވަނީ ވިދާޅުވެފަ އެވެ. ރެޑް ނޯޓިސް ބާތިލް ނުކުރި ނަމަ އެމީހުން މިއަދު ތިބޭނީ ޝަރީއަތުގެ ކުރިމަތީގައި ކަމަށްވެސް ވިދާޅުވި އެވެ.
"އިމިއުނިޓީ އެގްރިމެންޓްގައި ސާފުކޮށް ކަޅު ދެލިން ލިޔެފަ އޮވޭ އެމްއެމްޕީއާރްސީ މައްސަލައިގައި އެސްއޯއެފްގެ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް،" ހައިލަމް ވިދާޅުވި އެވެ.
ގާނޫނީ ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ވެސް ހަމައެކަނި ރައީސް ޔާމީންގެ މައްސަލައިގައި އެސްއޯއެފަށް ދައުވާ ނުކުރުމަށް ނިންމި ނިންމުމަކީ ހަމަޖެހޭ ނިންމުމެއް ނޫނެވެ. ބައިވަރު ބޭފުޅުންނަށް މި މައްސަލައިގައި ދައުވާ އުފުލައި ތަހުގީގު ހިންގަމުން އަންނައިރު ވަކި މައްސަލައެއްގައި އެސްއޯއެފަށް ދައުވާ ނުކުރަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް އެބޭފުޅުން ވެސް ދެކެ އެވެ.
ދައުލަތުގެ ފަރާތުން ކޯޓުގައި ބުނެފައިވާ ގޮތުން އެސްއޯއެފްގެ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރާނެ އެވެ. އޭގެ ފަހުން މައްސަލަ ހޫނު ވުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ދައުވާ ނުކުރުމަށް ނިންމާފައި ވަނީ މި މައްސަލައިގައި އެކަންޏެވެ. ނަމަވެސް މިއީ ހަމަ ޖެހޭ ވާހަކައެއް ނޫނެވެ. އަދި ދައުލަތުން ކުރީން ވިސްނުން އޮތް ގޮތެއްވެސް ނޫންކަން ވަނީ ހާމަވެފަ އެވެ. މައްސަލަ ހޫނުވުމުން އެހެން ވާހަކައެއް ބޭރަށް ނެރުނީ އެވެ.
ދައުލަތުން ގެއްލުނު 70 މިލިއަން ޑޮރަރު ބެހީ އެސްއޯއެފުންނެވެ. އެކަން ވަރަށް ސާފެވެ. އެއީ ކޯޓްގައި ދައުލަތުން ބުނާ ވާހަކައެކެވެ. ނަމަވެސް މުޅި ދައުލަތް ޝާމިލުވެ އޮތީ އެއް މިލިއަން ޑޮލަރެއް ހޯދާށެވެ. ނޫންނަމަ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ޖޫރިމަނާ އޮތް ފަސް މިލިއަން ޑޮލަރު ހޯދުމެވެ. އެސްއޯއެފް މެދުވެރިކޮށް ދެން ބެހި 69 މިލިއަން ހޯދާނެ ގޮތެއް ދައުލަތުގެ ވިސްނުމުގައި ނެތެވެ.
ހައިލަމް ވިދާޅުވާ ގޮތުގައި މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރެއްޖެނަމަ އެމީހެއްގެ މައްޗަށް ދައުވާ ކުރުމަށް ދައުލަތަށް މަޖުބޫރެވެ. އަދި ދައުވާނުކޮށް ދޫކޮށްލުމަކީ ޕީޖީއަށް އިހުތިޔާރެއް ނޫނެވެ. އެކަން އެހެން ކުރާނަމަ އެކަމެއް ވާނީ ވަރަށް ދެކޮޅު ނުޖެހޭ ކަމަކަށެވެ. ވަކި މައްސަލައެއްގައި ދައުވާ ނުކޮށް ދެން ހުރި މައްސަލަތަކުގައި ދައުވާ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.
ވަކި މައްސަލަތަކުގައި ދައުވާ ކުރުމާމެދު ދައުލަތުން ނަގާ ސްޓޭންޑާއެކު އެތައް ސުވާލެއް އުފެދެ އެވެ. ހިޔާނާތުގެ މައި މުގުލަކީ ކޮބައިކަން ދައުލަތުން މި ކަނޑައަޅަނީ ކޮން ގޮތަކުން ހެއްޔެވެ. އެސްއޯއެފް މެދުވެރިކޮށް 70 މިލިއަން ޑޮލަރު ބެހި ކަމަށް ބުނަނީ ދައުލަތުންނެވެ. ނަމަވެސް ވަކި ބޭފުޅަކު ގާނޫނުގެ ކުރިމައްޗަށް ގެންނަން އެ ކުންފުނީގެ އެހީ ހޯދަން ޖެހިފައިވާ ކަމަށް ބުނެ ހިޔާނާތުގެ ފައިސާ ބެހި ކުންފުންޏާއި ކުންފުނީގެ އިސްވެރިން ގާނޫނުގެ ދިގު އަތުން ހިމާޔަތް ކުރަނީ އެވެ. އެހެން ކަމަށްވާނަމަ މައްސަލަ އަނެއް ކޮޅަށް އަނބުރާ ނުލީ ކީއްވެ ހެއްްޔެވެ. ރައީސް ޔާމީންގެ އެހީ ހޯއްދަވައިގެން އެސްއޯއެފަށް ދައުވާ ކުރަންވީނޫން ހެއްޔެވެ. އޭރުން ފަހަރުގައި 69 މިލިއަން ޑޮލަރުވެސް ހޯދިދާނެތާ އެވެ.
ނަމަވެސް އޭރުން ސަރުކާރުން ބޭނުންވާ ހަގީގީ ފައިދާ ނުލިބިދާނެ އެވެ. ކަން މިހާރު ވަމުންދާ ގޮތުން މި ގޮތަށް ތުހުމަތު ކުރުމުގެ ފުރުސަތު އެ ހުޅުވާލަނީ ދައުލަތުންނެވެ. ހިޔާނާތަށް އިންސާފު ހޯދާނަމަ އެއް ބަޔަކު ދޫކޮށް އަނެއް ބަޔަކު ކުށްވެރި ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އިހުލާސްތެރި ކަމެއް ހުރިނަމަ ކުރަންވީ ކަމަކީ ހަމަހަމަ ކަމާއެކު ދައުވާކޮށް ދައުލަތުން ގެއްލުނު ފައިސާ ހޯދޭނެ ގޮތްތަކެއް ހޯދުމެވެ.