ދުނިޔެ

އިޒްރޭލުން ގާޒާ ސްޓްރިޕްއަށް ވައިގެ ހަމަލާތަކެއް

އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓްތަކުންނާއި ހެލިކޮޕްޓަރުތަކުން ފަލަސްތީނުގެ ގާޒާ ސްޓްރިޕަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ. އެހެން ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވިކަން ރިޕޯޓް ކޮށްފައި ނުވާ ކަމަށް ނޫސް އެޖެންސީތައް ބުނެ އެވެ.

އިޒްރޭލް ސިފައިން ޓްވީޓާގައި ބުނެފައިވާ ގޮތުން ގާޒާއަށް ހަމަލާ ދިނީ ފަލަސްތީނުގެ ހަމާސްއަށް އަމާޒު ކޮށެވެ. އެ ޖަމާއަތުން ހަތިޔާރު އުފައްދާ ފެކްޓަރީތަކަށާއި ބިމުއަޑީގެ މަގުތަކަށެވެ. އަދި ބިމުއަޑީގައި ހަތިޔާރު ރައްކާ ކުރަން ބިނާ ކޮށްފައި ހުރި ގުދަންތަކަށެވެ. އަދި ބުނީ ހަމަލާ ދޭން ޖެހުނީ ގާޒާއިން އިޒްރޭލަށް ރޮކެޓް ހަމަލާ ދިނުމުން ކަމަށެވެ.

ގާޒާގެ އިދާރާތަކުން އަދި ހަމާސްގެ ފަރާތުން މިކަމަށް އިޝާރާތްކޮށް އަދި އެކައްޗެއް ވެސް ނުބުނެ އެވެ.

އާބާދީ ގިނަ ގާޒާ ސްޓްރިޕް އާންމުކޮށް އޮންނަނީ ބަންދު ކޮށްފަ އެވެ. އިޒްރޭލާއި މިސްރު ގުޅިގެން އިންފާރުތައް ބަލަހައްޓަމުން ދާއިރު މި ދެގައުމަށް ނޭގި ކިތަންމެ ކަމެއް ވެސް ހިނގައިދެ އެވެ. ގާޒާގައި 2007 އިން ފެށިގެން ބާރު ހިންގަނީ ހަމާސްއިންނެވެ. ގާޒާ ސްޓްރިޕް ބަންދު ކޮށްފައި އޮތުމުން އާންމުންނަށް ވަރަށް ގިނަ އުނދަގޫ ކުރިމަތިވެ އެވެ.

އިޒްރޭލުން 2014 ގައި ގާޒާއަށް ދިން ވަރުގަދަ ހަމަލާއަކީ އިޒްރޭލުން ހިންގި ގަތުލުއާންމެކެވެ. މެދުކެނޑުމެއް ނެތި ދިން ހަމަލާތަކުގައި 2،160 މީހުން މަރުވެ 11،000 އަށް ގިނަ މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވެ އެވެ.