ލައިފްސްޓައިލް

އާފަލަށް އޯޑަރު ކުރުމުން އައިފޯނެއް

އޮންލައިންކޮށް އެކި އެއްޗެތި އޯޑަރު ކުރީމަ އެޕަލްގެ އައިފޯން ލިބޭ މައްސަލަތަކާއި އައިފޯނަށް އޯޑަރު ކުރީމަ އެހެން އެއްޗެތި ލިބޭ މައްސަލަތައް މި ފަހަކަށް އައިސް ވަރަށް ގިނަވެފައިވާކަން ސޯޝަލް މީޑިއާގައި އެކި މީހުން ކުރާ ޕޯސްޓްތަކުން އެނގެ އެވެ.

އެގޮތުން ދާދިފަހުން އިނގިރޭސި ވިލާތުގެ މީހަކަށް ވެސް މިކަހަލަ ކަމެއް ވަނީ ދިމާވެފަ އެވެ. އެ ގައުމުގެ ސުޕަމާކެޓަކުން އެ މީހާ އާފަލަށް އޯޑަރު ކުރީމަ އައިފޯނެއް ލިބުނީ އެވެ. އޯޑަރު ކުރި އާފަލުގެ ބަދަލުގައި އައިފޯން ފެނިފައި ހައިރާން ވެގެން ބަސް ހުއްޓިފައި ހުރެވުނު ކަމަށް އެމީހާ ބުނެފައި ވެއެވެ.

ނިކް ޖޭމްސް ނަމަކަށް ކިޔާ މި މީހާ އޭނާގެ ގެއާ ކައިރީގައި ހުރި ޓެސްކޯ ފިހާރައަކުން އޯޑަރުކުރީ ކޮތަޅެއްގެ އާފަލަށެވެ. ނަމަވެސް އެމީހާ އޯޑަރު ކުރި އެއްޗެއްސާ ހަވާލުވެ އެ ޕާރުސަލް ކަނޑާލިއިރު އޭގައި އޮތީ މުޅިން އާރޯތާނާ އައިފޯނެކެވެ.

ފުރަތަމަ އޭނަ ހީކުރީ ކޮންމެވެސް މީހަކު އޭނާއާ ސަމާސައަށް ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. ނަމަވެސް އޭނާއަށް އައިފޯން ލައްވާލީ ޓެސްކޯ ގްރޯސަރީ ޝޮޕްތަކުން ހިންގާ "ސުޕަ ސަބްސްޓިޓިއުޓްސް" ޕްރޮމޯޝަނެއްގެ ދަށުން ކަން އެނގުނީ މާ ފަހުންނެވެ.

މި ފޯނަކީ އޮޅިގެން އެމީހާއަށް ފޮނުވުނު ފޯނެއް ނޫނެވެ. ޓެސްކޯ އިން އެއްޗެތި އޯޑަރުކުރާ މީހުންނަށް ހިލޭ ބެހި ހަދިޔާ ތަކެއްގެ ތެރެއިން އެ މީހާއަށް ލައްވާލި ހަދިޔާ އެކެވެ.