އެޕަލްގެ ސޮފްޓްވެއާ އައިއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓްގެ ސަބަބުން އިނގިރޭސިވިލާތުގެ އަންހެނެއް ނަން ބަދަލުކުރަން ޖެހިއްޖެ އެވެ.
އެޑިންބާރގުގައި ދިރިއުޅޭ ސިރީ ޕްރައިސް ބުނީ އޭނާ މިކަން ކުރަން ޖެހުނީ އޭނާގެ ނަން ގޮވާ ކޮންމެ ފަހަރަކު އައިފޯނަކަށް ގޮވާހެން ހީވާ ހީވުން ހުއްޓުވުމަށް ކަމަށެވެ. އުމުރުން 26 އަހަރުގެ ފިޓްނަސް ޓްރެއިނަރަކީ މިހާރު ރައްޓެހިންނަށް "ސިޒް"ގެ ނަމުން މަޝްހޫރުވެފައިވާ މީހެކެވެ.
އޭނާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެޕަލްގެ ވޮއިސް އެކްޓިވޭޓް ޑިޖިޓަލް އެސިސްޓެންޓް ޓްރިގަ ކުރާނީ އޭނާގެ ރައްޓެހިން އޭނާއަށް ގޮވާލަން "ހޭ ސިރީ" މި އިބާރާތް ބޭނުންކުރާ ކޮންމެ ފަހަރަކު ކަމަށެވެ.
"އަހަރެން މަސައްކަތް ކުރަނީ ވަށައިގެން ވަރަށް ގިނަ ބަޔަކު އުޅޭ ޖިމެއްގައި، އެހެންވެ އެންމެންނަށް ވެސް ސަލާމް ކުރާއިރު 'ހޭ' ނުބުނަން ވަރަށް އަވަހަށް ދަސްވި ނޫނީ ވަރަށް ގިނައިން ފޯނުތައް ޕިންގް ކުރާނެ" މިސް ޕްރައިސް ބުންޏެވެ.
ދާދި ފަހުން އައިއޯއެސް އަށް ގެނައި އަޕްޑޭޓަށްފަހު މިހާރު އައިފޯނު ބޭނުންކުރާ ފަރާތްތަކުން ހަމައެކަނި "ހޭ ސިރީ" ގޮވާލުމުން އެމީހުންގެ ޑިވައިސްތައް އެކްޓިވޭޓް ވެގެންދެ އެވެ.
ޕްރައިސް ބުނީ އޭނާއަށް ދިމާވީ އުނދަގޫ ކަމެއް ކަމަށްވީ ނަމަވެސް މެނޭޖުކޮށްލެވޭ ކަމަށާއި، މިހާރު މީހުންނަށް އޭނާގެ ނަން ވެސް ނުބުނެވޭ ކަމަށެވެ.
ޕްރައިސް ބުނީ އޭނާގެ ނަން "ސިރީ"ގެ މާނައަކީ "ކާމިޔާބަށް ގެންދާ ރީތި އަންހެނާ" ކަމަށެވެ. ނަމަވެސް އެޕަލްގެ ކުރު ނަން -- ސިރީ އަކީ "ސްޕީޗް އިންޓަޕްރިޓޭޝަން އެންޑް ރިކޮގްނިޝަން އިންޓަފޭސް" އެވެ.
"އަހަންނަށް ޔަގީން އެޕަލްއަށް އޭގެ ބަދަލުގައި އެހެން ނަމެއް ހޮވިދާނެކަން - ސިރީ ކިޔާ މީހުން ގިނަ. އެމީހުންގެ ދިރިއުޅުން ވެފައިވަނީ ކެތްނުކުރެވޭ ވަރުގެ އުނދަގުލަކަށް މިކަމަކާ ހެދި" މިސް ޕްރައިސް ބުންޏެވެ.