ލައިފްސްޓައިލް

ކަނޑަށް ގެއްލުނު އައިފޯނު 460 ދުވަސް ފަހުން ފެނުނުއިރުވެސް ބަރާބަރު

އަންހެނެއްގެ އައިފޯނެއް ކަނޑަށް ވެއްޓި ގެއްލުނުތާ 460 ފަހުން ފެނުނުއިރުވެސް ބަރާބަރަށް ހިނގާތީ އޭނާ ވަރަށް ހައިރާންވެ މި ވާހަކަ ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފި އެވެ.

ކްލާރާ އާޓްފީލްޑް، 39، ގެ އައިޕޯން 8 ޕްލަސް ކަނޑަށް ވެއްޓި ގެއްލުނީ ޕެޑްލްބޯޑިން ކުރަން އުޅެނިކޮށެވެ. އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވީ ފަހުން އެ ފޯނު ގޮނޑުދޮށަށް ލައްގާފައި އޮއްވާ ވަނީ ފެނިފަ އެވެ.

އިނގިރޭސިވިލާތުގެ ހެމެޕްޝަޔާގެ ހަވެންޓްގައި އޮންނަ އީސްޓްނީ ބީޗާ ދިމާލުން ކަނޑަށް ކްލާރާގެ ފޯނު ގެއްލުނީ 2021 ވަނަ އަހަރުގެ އޮގަސްޓް 4 ވަނަ ދުވަހު އެވެ. ފޯނު ލައްގާފައި އޮއްވާ ފެނިފައިވަނީ މިއަހަރުގެ ނޮވެމްބަރު ހަތްވަނަ ދުވަހު ގޮނޑޮދޮށުގައި ކުއްތާއެއް ގޮވައިގެން ހިނގާލަން ނުކުމެ އުޅުނު މީހަކަށެވެ.

ފޯނުގައި ހުރި އަގުހުރި ފޮޓޯތަކެއް ގެއްލުމުން ވަރަށް ދެރަވެފައި ހުރި ކްލާރާ މިހާރު ހުރީ ވަރަށް އުފާވެފަ އެވެ. އޭނާގެ ފޯނުގައި ރައްކާކޮށްފައި ހުރި ހުރިހާ ފޮޓޯތަކެއް ލިބުނީމަ އެވެ.

ފޯނު ހޮވި މީހާއަށް އެ ފޯނު ކްލާރާއަށް ރައްދުކޮށްދޭން އެނގުނީ ފޯނު ލާފައި އޮތް ވޯޓަޕްރޫފް އުރައިގެ ތެރޭގައި ކްލާރާގެ ކްރެޑިޓް ކާޑުތަކާއި މެޑިކަލް ކާޑު އަދި އޭނާގެ މަންމައަށް ގުޅޭނެ ނަންބަރާއި މައުލޫމާތު ހުރީމަ އެވެ.

ކްލާރާ ބުނި ގޮތުގައި ފޯނު ގެއްލުނު ދުވަހު އޭނާ ޕެޑްލްބޯޑިން ފެށީ އޮފީހަށް ދިއުމުގެ ކުރިން ކުޑަކޮށް ކަސްރަތުކޮށްލާ ތާޒާ ވެލުމުގެ ބޭނުމުގަ އެވެ.

ވޯޓަޕްރޫފް ކަވަރަކަށް ލާފައި ފޯނު އޮތީ ވާގަނޑެއް ޖަހައި ކްލާރާގެ ކަރުގައި އަޅުވާފަ އެވެ. އެ ދުވަހު ކަންދިމާކުރި ގޮތުން ޕެޑްލްބޯޑިން ކުރަނިކޮށް ކްލާރާ ކަނޑަށް ވެއްޓުނީ އެވެ. އޭނާ ސަލާމަތްވެގެން ފަތާފައި އެއްގަމަށް އެރުމުން ފޯނު ކަރުގައި ނެތްކަން އެނގުނީ އެވެ.

އޭނާ ކަނޑަށް ވެއްޓުނީ ވަރަށް ދުރަށް އަދި ފުން ކަނޑަށް ކަމަށްވާތީ ފޯނު ނުފެންނާނެ ކަމަށް ކްލާރާ ޔަގީން ކުރި އެވެ. އަދި ފެނުނަސް އެ މަސައްކަތް ކުރާނެކަމުގެ ކުޑަވެސް ޔަގީންކަމެއް ކްލާރާގެ ނެތެވެ. އެހެންވެ ފޯނު ފެނުނުއިރު މުޅީން ބަރާބަރަށް އޮތުމުން ކްލާރާ އާއި ފޯނު ހޮވި މީހާ ވެސް ވަރަށް ހައިރާންވި ކަމަށް އޭނާ ބުންޏެވެ.