ލައިފްސްޓައިލް

ވީޑީއޯ ގޭމް ކުޅެން ގޭގައި އިންދާ މީހެއްގެ ގަޔަށް ހޮނުއަޅައިފި

އިނގިރޭސި ވިލާތުގެ ޒުވާން ފިރިހެނަކު އޭނާގެ ގޭގައި ވީޑިއޯ ގޭމް ކުޅެން އިންދާ ގަޔަށް ހޮނުއަޅައިފި އެވެ.

މިމަހުގެ ފަސްވަނަ ދުވަހު އައިދަން ރޯވަން އިނީ އޭނާގެ ގޭގައި ޕްލޭސްޓޭޝަން އިން ގޭމް ކުޅޭށެވެ.

ކުއްލިއަކަށް ވަރަށް ބާރު 'ބޫމް' އަޑެއް އޭނާއަށް އިވުނެވެ. އަދި ކަރަންޓުގައި ޖެހުނީމާ ކުރެވޭ ކަހަލަ އިހްސާސްތަކެއް އޭނާގެ ހަށިގަނޑަށް ކުރެވުނެވެ.

އިންގްލެންޑްގެ އެބިންގްޑަންގައި ދިރިއުޅޭ 33 އަހަރުގެ މި މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ މިހާރު ވަނީ ރަނގަޅުވެގެން ދޫކޮށްލާފަ އެވެ.

ގާތްގަނޑަކަށް އަށް ގަޑިއިރު ރޯވަން އަށް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދީފައި ވެއެވެ.

"އަހަރެން އިނީ ސޯފާގައި ހަމަޖެހިލައިގެން ގޭމް ކުޅެން. އޭރު ވަރަށް ބާރަށް ގުގުރާ ވިދާ. ކުއްލިއަކަށް ވިދާލި ވިދުވަރަކާއެކު އަހަރެންގެ ހަށިގަނޑަށް ކަރަންޓުގައި ޖެހުނީމަ ކުރެވޭ ކަހަލަ އިހްސާސްތަކެއް ކުރެވުނު. އަދި އެއް އަތަށް ވަރަށް ހޫނުވިހެން ހީވި. އެ އަތް އޮތީ ފިހިފަ ކަން ވެސް އެނގުނީ ފަހުން،" އޮކްސްފޯޑް މެއިލް އަށް ދީފައިވާ އިންޓަވިއު އެއްގައި ރޯވަން ބުނެފައި ވެއެވެ.

ރޯވަން ބުނި ގޮތުގައި އެންމެ ފުރަތަމަ މިނިޓެއްހާއިރު އޭނާއަށް ހުއްޓިފައި އިނދެވުނީ ވީނުވީ އެއް ނޭނގި ޝޮކެއް ލިބިގެންނެވެ. މިނިޓެއްހާއިރު ފަހުން ކުޑަކޮށް ވާނުވާ އެނގުމުން އަވަހަށް ހޮސްޕިޓަލަށް ދިޔައީ އެވެ.

އޭރު ރޯވަންގެ ހިތުގެ ހިނގުން ވެސް ވަނީ އަވަސްވެފަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ގޮސް ފަރުވާ ދޭން ފެށުމުން ހިތުގެ ހިނގުން ވެސް ހަމައަކަށް އެޅުނުކަމަށް އޭނާ ބުންޏެވެ.

ރޯވަން ބުނި ގޮތުގައި އޭނާ މި ވާހަކަ ސޯޝަލް މީޑީއާގައި ޝެއާ ކުރީ ކޮންމެހެން މީހުންގެ ހަމްދަރުދީ ބޭނުން ވެގެނެއް ނޫނެވެ. މިފަދަ ކަމެއް އެހެން މީހަކަށް ވެސް ދިމާވެދާނެތީ ހޭލުންތެރި ކުރުވުމަށެވެ.

އޭނާގެ ގަޔަށް ހޮނުއެޅީ ހުޅުވާފައި ހުރި ކުޑަދޮރަކުން ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ރޯވަން ބުންޏެވެ.

"އަހަރެން އިނީ ޕްލޭސްޓޭޝަނުން 'ސްޓްރޭ އޮން' ކިޔާ ބުޅާ ގޭމެއް ކުޅެން،" މީގެ ފަހުން ވިއްސާރަވެ ވިދާ ގުގުރާނަމަ އަހަރެން ގޭމެއް ނުކުޅޭނަން،" ރޯވަން ބުންޏެވެ.