އައިފޯން 11 އިގެ ޑިސްޕްލޭގައި މައްސަލައެއް އުޅޭ ކަމަށް ބުނެ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެވެ އެޕަލްއިން މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ވަކި އެއްޗެއް ބުނަން ބޭނުން ނުވި ނަމަވެސް، ބޭނުންކުރާ މީހުންގެ އުނދަގުލާ ހެދި ވަނީ އެއްބަސްވެފަ އެވެ. އެޕަލްއިން ބުނީ ޑިސްޕްލޭގައި މައްސަލައެއް އުޅޭ ނަމަ ބަދަލުކޮށް ދޭނެ ކަމަށެވެ.
އެޕަލްއިން ބުނީ ޑިސްޕްލޭ ގަނޑުވާ މައްސަލަ ދިމާ ވަނީ އައިފޯން 11 އިގެ ވަރަށް މަދު ޕަސެންޓަކަށް ކަމަށެވެ. އަދި އެގޮތަށް ދިމާވަނީ ޑިސްޕްލޭ މޮޑިއުލްގައި އުޅޭ ކުށެއްގެ ސަބަބުން ކަމަށެވެ. ޑިސްޕްްލޭގައި ކިތަންމެ ވަރަކަށް އިނގިލިޖެއްސި ނަމަވެސް ގުޑާނުލާ ސަބަބަކީ އެއީ ކަމަށެވެ.
އެޕަލުން އެ ބުނާ މަދު މިންވަރަކީ ކޮބައި ކަމެއް ނޭނގެ އެވެ. އެހެން ނަމަވެސް، މައްސަލަޖޭ ފޯނުތައް އުފެއްދި ތާރީޚަށް ބަލާއިރު، އެ ބުނާ މަދު އަދަދަކީ އަސްލުގައި ބޮޑު އަދަދެއް ކަމަށް ބެލެވެ އެވެ. އެޕަލުން ބުނީ މައްސަލަ ފާހަގަ ކުރެވިފައި ވަނީ ނޮވެމްބަރު 2019 - މޭ 2020 ދެމެދު އުފައްދާފައި ހުރި ފޯނުތަކުން ކަމަށެވެ. އެހެންކަމަށް ވާނަމަ، މިލިއަނުން ގުނާ ލެވޭނެ އެވެ.
އައިފޯން 11 ގެންގުޅޭ ނަމަ އަދި މިބުނި ކަހަލަ މައްސަލައެއް ޑިސްޕްލޭގައި އުޅޭކަން ފާހަގަކުރެވޭ ނަމަ، އެޕަލް ސަޕޯޓް ފޯރަމަށް ވަދެ "އެޕަލް ސީރިއަލް ނަމްބާ ޗެކާ" އިން ބަލާލުމުން ވެގެން އުޅޭ ގޮތް އަދި ކުރިއަށް ދާނެ ގޮތް އެނގޭނެ އެވެ.
އައިފޯން 11 ގެންގުޅެން ބޭނުން ނޫން ނަމަ އެޕަލްއާ ގުޅައިގެން ރިފަންޑް ލިބޭތޯ ވެސް ބެލިދާނެ އެވެ.