ދުނިޔެ

އެޕަލްއަށް ޗައިނާގައި އޮތް ޝައުގުވެރިކަން ގެއްލެނީ

ޗައިނާގައި އެންމެ ބާރަށް ވިކޭ ސްމާޓްފޯނަށް ލިބިފައި އޮތް ތާޖު އެޕަލްއަށް ގެއްލި މީހުންގެ ޝައުގުވެރިކަން އެ ކުންފުންޏަށް ގެއްލިއްޖެ އެވެ.

ކައުންޓަރު ޕޮއިންޓް ރިސާޗުން ބުނާ ގޮތުން އެޕަލް މިހާރު އުޅެނީ ވީވޯ އާއި އޮނާ އަދި ވާވޭ މަރުކާގެ ސްމާޓްފޯނުތަކަށް ވުރެވެސް ދަށުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެޕަލްއަށް އޮތް ބޮޑު ޝައުގުވެރިކަން ގެއްލުނީ، ޗައިނާގެ ކުންފުނިތަކަށް ދަތިކުރަން އެމެރިކާ އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ޗައިނާ މީހުން އެޕަލްއާ މެދު ދެކޭ ގޮތް ބަދަލުކުރީ އަމިއްލަ ގައުމަށް ހެޔޮއެދޭތީ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ކައުންޓަރު ޕޮއިންޓް ރިސާޗުން ބުނާ ގޮތުން ޗައިނާގައި މިހާރު އެންމެ ބާރަށް ވިކެނީ ވީވޯ ސްމާޓްފޯނުތަކެވެ.

އެމެރިކާ ސަރުކާރުން ޗައިނާ ކުންފުނިތަކަށް މައިކްރޮޗިޕް ވިއްކުން ދަތިކޮށް އަދި ގައުމުން ބޭރުގައި މައިކްރޮޗިޕް އުފައްދާ އެމެރިކާ ކުންފުނިތަކަށް ވެސް ވަނީ ޗައިނާ އާއެކު ވިޔަފާރިކުރުން މަނާކޮށްފަ އެވެ.

ޗައިނާއާ ދެކޮޅަށް އެމެރިކާ އެޅި މި ފިޔަަވަޅުން އަރައިގަތުމަށް ޗައިނާގެ އިލެކްޓްރޯނިކްސް ކުންފުނިތައް ގުޅިގެން ވަނީ މުއާހަދާއެއްގައި ސޮއިކޮށްފަ އެވެ. އެއީ އެ ކުންފުނިތަކަށް ބޭނުންވާ މައިކްރޮޗިޕްތައް އަމިއްލައަށް އުފެއްދުމެވެ.

މިހެން ކަންތައް ހިނގައި ދިއުމުން ޗައިނާ ކުންފުނިތަކުން މިހާރު ވަނީ އަމިއްލައަށް މައިކްރޮޗިޕް އުފައްދަން ފަށާފަ އެވެ.

ވާވޭ އާއި ވީވޯ އަދި އޮނާ ފަދަ ސްމާޓް އިލެކްޓްރޯނިކްސް އުފައްދާ ކުންފުނިތަކުން މިހާރު ބަލަނީ ޗައިނާގައި އުފައްދާ މައިކްރޮޗިޕްތައް ބޭނުންކުރުމަށެވެ. އެމެރިކާއަށް ބަރޯސާނުކޮށް އަމިއްލަ ފުއްދުންތެރިކަން އިތުރުކުރުމަކީވެސް ޗައިނާ ކުންފުނިތަކުން ވިސްނާ ވިސްނުމެކެވެ.

ސްމާޓް އިލެކްޓްރޯނިކްސް ސިނާއަތް ދިރާސާކުރާ ކުންފުނިތައް ބުނާ ގޮތުން ޗައިނާއަށް ދަތިކުރަން އެމެރިކާ އެޅި ފިޔަވަޅުތަކުގެ ސަބަބުން -- އާޚިރުގައި ހުރިހާ ނިކަމެތިކަމެއް ކުރިމަތި ވާނީ އެމެރިކާގެ ކުންފުނިތަކަށެވެ.