ޗައިނާގައި 18 އަހަރުން ދަށުގެ ކުދިންނަށް ދުވާލަކު ދެގަޑިއިރަށް ވުރެ އިތުރަށް ސެލްފޯން ބޭނުންނުކުރެވޭ ގޮތް ހަދަނީ އެވެ. މިއަށް ވުރެ ހަގު ކުދިންނަށް ދެގަޑިއިރަށް ވުރެ ވަގުތު މަދުކުރަން ވެސް އޮތީ ނިންމާފަ އެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމުން 18 އަހަރުން ދަށުގެ ކުދިން އިންޓަނެޓް ލިބޭ ގޮތަށް ގެންގުޅޭ އެއްވެސް ޑިވައިސްއެއް ރޭގަނޑު 10 އާއި ހެނދުނު ހަޔަކާ ދެމެދު ހުޅުވައިވެސް ނުލެވޭނެ އެވެ.
މިކަމަށް ޓަކައި ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާއިން އަންނަނީ ގަވާއިދެއް ހަދައި ގާނޫނަކަށް ބަދަލުކުރަށް މަޝްވަރާކުރަމުންނެވެ.
ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަންގެ މި ގަވާއިދުގައި، ކޮންމެ މޮބައިލް ފޯނެއްގައި "މައިނާ މޯޑް" ހިމަނަން ޖެހެ އެވެ. އެޕްލިކޭޝަން އުފައްދާ ޑިވެލަރުންނާއި، އެޕް ސްޓޯރުތައް ހިންގާ ކުންފުނިތަކުން ވެސް މައިނާ މޯޑަށް އަމަލުކުރަން ޖެހެ އެވެ.
ޗައިނާގައި މައިނާ މޯޑަށް އަމަލުކުރަން ފެށުމުން ކުޑަކުދިން ގެންގުޅޭ ފޯނުތަކަށް އޮޓަމެޓިކް މެސެޖްތައް ފޮނުވާނެ އެވެ. ފޯނު ބޭނުންކުރުމަށް ވުރެ ލޯމަރާލާފައި އަރާމުކޮށްލުން ވެސް މާ ރަނގަޅުވާނެ ކަމަށް ބައެއް މެސެޖްތަކުގައި ބުނާނެ އެވެ.
މައިނާ މޯޑަށް އަމަލުކުރަން ފަށައި ކުދިންގެ ފޯނުތައް ކޮންޓްރޯލްކުރި ނަމަވެސް ބެލެނިވެރިން ބޭނުން ނަމަ ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަންއަށް އިޝާރާތްކޮށްލުމަށް ފަހު ގަވާއިދު ބަދަލުކުރެވޭނެ އެވެ. އެކަމަކު އެއީ ކޮން ހާޖަތެއް އޮވެގެން -- ކިހާ މުއްދަތަކަށް ކުރާ ކަމެއްތޯ އިދާރާތަކުން ބަލާނެ އެވެ.
ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަނުން ވިސްނަމުން އަންނަ ގަވާއިދުތައް ތަންފީޒުކުރަން ފެށުމާއެކު، ކޮންޓެންޓް އުފައްދާ މީހުންނަށް ވެސް ގަވާއިދުތަކެއް ތައާފުރުކުރާނެ އެވެ. އޭގެ ތެރޭގައި ޗައިނާއާށް ލޯބި ޖެއްސުމަށް ކުދިން ޝައުގުވެރިވާ ބާވަތުގެ އެޕްލިކޭޝަންތައް އުފައްދަން ޖެހޭނެ އެވެ.
ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަންގެ މި ގަވާއިދަށް ތައުރީފުކުރި ބެލެނިވެއަކު ޚަބަރަށް ބުނި ގޮތުގައި މިއީ މާ ލަސްވެއްޖެ ގަވާއިދެކެވެ. މިފަދަ ގަވާއިދެއް އެކުލަވާލުމުން ދަރިންނާ ދިމާއަށް ހަޅޭއްލެވުން މަދުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ އަދި ބުނީ މިހާރު ފޯނު އަތުލަން ޖެހެނީ ފަހަތުން ދުވެގެން ކަމަށެވެ. ރޭނގަޑު ނިދަން އެނދަށް އަރާ ތިބެގެން ވެސް އެ ނޫން ކަމެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
ޔޫރަޕްގައި ވެސް ވަކި އުމުރުފުރައަކަށް ފޯނު ބޭނުންކުރެވޭ ވަގުތު ކަނޑައަޅަން ވިސްނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުގައި މިފަދަ އެކަމަކު ތަންކޮޅެއް ލުއި ގަވާއިދުތަކަކަށް މިހާރު ވެސް އަމަލުކުރެ އެވެ.