ދުނިޔެ

ޗައިނާގެ ރައީސް ޝީ ޖިންޕިން ޔޫރަޕަށް

ޗައިނާގެ ރައީސް ޝީ ޖިިންޕިން އަންނަ ހަފްތާގައި ޔޫރަޕަށް ވަޑައިގަންނަވާނެ އެވެ.

މިއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކެނޑިނޭޅި ޗައިނާއަށް އެކި ބާވަތުގެ ތުހުމަތުކޮށް އިލްޒާމް އަޅުވަމުން ދަނިކޮށް އެ ގައުމުގެ ރައީސް އެ ބައްރަށް ކުރައްވާ ދަތުރެކެވެ.

ޝީ ޖިންޕިންގެ މި ދަތުރުގައި ހަ ދުވަސް ޔޫރަޕްގައި ހޭދަކުރައްވާނެ އެވެ. މިއީ 2019 ވަނަ އަހަރަށް ފަހު އޭނާ ޔޫރަޕަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

މި ދަތުރުގައި ޝީ ޖިންޕިން ފަރަންސޭސިވިލާތުގައި މަޑުކުރައްވާނެ އެވެ. ސާބިއާ އަދި ހަންގޭރީގައި ވެސް މަޑުކުރައްވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔޫރަޕަށް ބޮޑު ކަމަކަށް ވެފައި އޮތް ޔުކްރޭން ހަނގުރާމަ އަދި ފަލަސްތީންގެ މައްސަލައާ ބެހޭ ގޮތުން ޝީ ޖިންޕިންއަށް މި ދަތުރުގައި ސުވާލުތައް ހުށަހެޅޭނެ އެވެ.

ނޫސްވެރިންނާއި ސިޔާސީ ލީޑަރުންގެ ސުވާލުތަކާއި ޝަކުވާތައް ޝީގެ ކުރިމައްޗަށް އޮއްސާލާނެ ކަމަށްވެސް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ޗައިނާއިން ރަޝިއާ ކޮޅަށް ބުރަވެ އަދި ނުވީ ތާކަށް ރަޝިއާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ މައްސަލައާ ބެހޭ ގޮތުންވެސް ޝީއަށް ސުވާލު ހުށަހެޅޭނެ ކަމަށް ބުނެވެ އެވެ.

ނަމަވެސް ޝީއަށް މި ދަތުރުގައި މިފަދަ ސުވާލުތަކަށް ވުރެ މުހިއްމު ކަމަކަށް އޮންނާނީ ޗައިނާގެ އިގުތިސާދު ޔޫރަޕަށް ފުޅާކުރެއްވުމެވެ. ޗައިނާއަށް ދަތިކުރަން ޔޫރަޕުން ރާވާ ރޭވުންތަކުގެ ބާރުކަނޑުވާލެއްވުމަކީ ވެސް ޝީ ކުރައްވާނެ ކަމެއް ކަމަށް ބުނެވެ އެވެ.

ޝީ ޖިންޕިން މިހާރު ވެސް ހުންނެވީ ޔޫރަޕުން ކުރިމަތިވެދާނެ ކޮންމެ ފަދަ ހާލަތަކަށްވެސް ތައްޔާރަށެވެ. ކޮންމެ ފަދަ ސުވާލެއް ކޮންމެ ވަގުތެއްގައި ކުރިމަތިވެ ވަޑައިގަތް ނަމަވެސް ސިޔާސީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުތައި ޝީއަށް މައްސަލައަކަށް ނުވާނެ އެވެ.

ޔޫރަޕުން ޗައިނާއަށް ކުރިމަތިކޮށްފާނެ ކޮންމެ ޕްރެޝަރަކަށް ދެއްވާނެ ޖަވާބެއް ޝީ ގެންދަވާނެ ކަމަށް ވެއެވެ.

ޔޫރަޕިއަން ޔޫނިއަނުން ގަބޫލުކުރާ ގޮތުން ޗައިނާއިން ދުނިޔޭގައި ވިޔަފާރިކުރަނީ އެއްވެސް ގަވާއިދަކަށް ބެލުމެއް ނެތި އެވެ. ގައުމުތަކުގައި އިންވެސްޓްކުރުމުގައި "ވަން ޗައިނާ" ސިޔާސަތަށް އިހްތިރާމްކުރާ ގައުމުތަކަށް އިސްކަން ދިނުމަކީ ވެސް ޔޫރަޕަށް އޮތް ކަންބޮޑުވުމެވެ. އަދި ޗައިނާގައި އިންވެސްޓަރުންނަށް އިތުބާރު ނެތުމާއި ބޮޑެތި ވިޔަރާރިތައް ހިންގާ ކުންފުނިތަކަށް ތަހުގީގީ ޓީމުތަކުން ވަދެގަތުމަކީ ވެސް ޔޫރަޕުން ސުވާލުކުރާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.